ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އިސް ވެރިން ހިމެނޭ މޯލްޑިވްސް އެސޯއިއޭޝަން ފޯރ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ކުރިއަށް އޮތް ދައުރުގެވެސް ޗެއާމަންކަމަށް އެ ޖަމިއްޔާގެ މިހާރުގެ ޗެއާމަން މުހައްމަދު އުމަރު (އެމްޔޫ) މަނިކު އިންތިހާބުކޮށްފިއެވެ.
ރާއްޖޭގެ ފުރަތަމަ ރިސޯޓު، ކުރުނބާ މޯލްޑިވްސް އޮޕަރޭޓުކުރާ ޔުނިވާސަލް އެންޓަޕްރައިޒެސްގެ ޗެއާމަންކަންވެސް ކުރައްވާ އެމްޔޫ މަނިކަކީ މަޓީ ޖަމިއްޔާ އުފެދުނީއްސުރެ އެ ޖަމިއްޔާގެ ޗެއާމަންކަން ކުރައްވަމުން ގެންދަވާ ބޭފުޅާއެވެ.
މީގެ އިތުރުން އެމްޔޫ މަނިކަކީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުގެވެސް ޗެއާމަނެވެ.

މަޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ނަޒީރު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މަޓީގެ ވައިސް ޗެއާމަނުންގެ ގޮތުގައި މިފަހަރުވެސް އިންތިހާބުވީ މިދިޔަ ދައުރުގައިވެސް އެ މަގާމުތަކުގައި ތިއްބެވި ޗަމްޕާ ކުންފުނީގެ ހިއްސާދާރު (ޗަމްޕާ) މުހައްމަދު އަފީފުއާއި ވޮޔޭޖެސް މޯލްޑިވްސްގެ ޑިރެކްޓަރު ސޮލާހު ޝިހާބެވެ.
މަޓީގެ ސެކްރެޓަރީ ޖެނެރަލަކަށް މިފަހަރުވެސް އިންތިހާބުކޮށްފައިވަނީ ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހްމަދު ނަޒީރެވެ. ސެކްރެޓަރީ ޖެނެރަލްގެ ނައިބަކަށް އިންތިހާބުކުރީ މިހާރުވެސް އެ މަގާމުގައި ހުންނެވި ޑްރިފްޓްވުޑް މޯލްޑިވްސްގެ އައްސަދު އަލީއެވެ. އަދި ފައިނޭންޝަލް ކޮންޓްރޯލަރަކަށް މިފަހަރުވެސް އިންތިހާބުކުރީ ލިލީ ހޮޓެލްސްގެ އަހްމަދު ހަފީޒެވެ.

މަޓީގެ އެގްޒެކެޓިވް ބޯޑު މެމްބަރު އަދި ވިލާގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ސިޔާދު ގާސިމް -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް
މި ބޭފުޅުންގެ އިތުރުން މަޓީގެ އެކްޒެކެޓިވް ބޯޑަށް ނުވަ މެމްބަރަކު ވަނީ ހޮވާފައެވެ. އެއީ:
- އަހްމަދު ސިޔާމް މުހައްމަދު - ސަން ސިޔާމް ގްރޫޕު
- މޫސާ ސޯލިހު - މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް
- އިބްރާހިމް ސިޔާދު ގާސިމް - ވިލާ ގްރޫޕު
- އިބްރާހިމް ނޫރައްދީން - މިރިހި އައިލެންޑް ރިސޯޓު
- އިޔާޒް ވަހީދު - ކުރުނބާ މޯލްޑިވްސް
- ވިޝާ މާހިރު - ޔުނިވާސަލް އެންޓަޕްރައިޒެސް
- އިސްމާއިލް ސިޔާން ގާސިމް - ވިލާ ގްރޫޕު
- އާއިޝަތު ނީނާ އަހްމަދު - އެނބޫދޫ ވިލެޖު
- ޒުލައިހާ މަނިކު - ސަން ސިޔާމް ގްރޫޕު