ނ. އަތޮޅުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްގީކުރުމަށް 790 މިލިއަން ޑޮލަރު ނުވަތަ 12 ބިލިއަން ރުފިޔާގެ އިންވެސްޓުމަންޓު ރަސްމީކޮށް މިއަދު ހަވާލުކޮށްފިއެވެ.
ނ. އަތޮޅުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ކްރިސްޓަލް ހޯލްޑިންސް ކުންފުންޏާ ހަވާލުކުރީ އެކަމަށްޓަކައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެކަމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު 'ފޭސްބުކް'ގައި ލިޔުއްވާފައިވަނީ، ނ. އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާ އެކު އިންޑިއާ ކަނޑުގެ އިތުރުން ދުނިޔޭގައިވެސް ފާހަގަކޮށްލެވޭ ތަފާތު މަޝްރޫއަކަށް ކަމަށެވެ.

މި ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްހީ ވަސީލަތްތައް ގާއިމްކުރުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލެއް ގާއިމްކުރެވޭނެ ކަމަށާއި، މި ޓައުންޝިޕްގައި އިއާދަކުރުވަނިވި ހަކަތައިގެ 60 ޕަސެންޓު ކަރަންޓު އުފައްދަން ބޭނުންކުރުން ލާޒިމްވާނެ ކަމަށް، ސައީދު ލިޔުއްވާފައިވެއެވެ.
މީގެ އިތުރުން، މި ޓައުންޝިޕްގައި ދަނޑުވެރިކަމުގެ ވަސީލަތްތަކާއި ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަކަލްޗާއާއި މެރިކަލްޗާގެ ޒޯނެއް ހިމެނޭނެ ކަމަށްވެސް ސައީދުގެ ޕޯސްޓުގައިވެއެވެ.
މި މަޝްރޫއުގެ ސަބަބުން ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ ކަމަށްވެސް އޭނާ ލިޔުއްވިއެވެ. އަދި މި މަޝްރޫއުން ޒުވާނުންނަށް ފުރިހަމަ މަންފާ ލިބޭނެ ކަމަށް ސިފަކުރެއްވިއެވެ.
އެ މިނިސްޓްރީން މިމަހުގެ ނުވަވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، ޓައުންޝިޕް ތަރައްގީ ކުރުމަށް ހުއްދަ ދިނީ ކްރިސްޓަލް ޕްރައިވެޓް ލިމިޓެޑަށް ކަމަށާއި އެ ހުއްދަ ދިނީ 790 މިލިއަން ޑޮލަރުގެ ޕްރޮޕޯސަލެއް ހުށަހެޅުމުން ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން، ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގާނޫނުގެ ދަށުން ނ. އަތޮޅުގައި މުއްސަނދިންނަށް ޚާއްސަ ޚިދުމަތްތައް ގާއިމްކުރުން ހިމެނޭ ޓައުންޝިޕް ޕްރޮޖެކްޓެއް ހިންގަން 'އިނީޝިއަލް ޕާމިޓް' ދިނީ މިދިޔާ މާޗު މަހުގައެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެ މަޝްރޫއު ފަށާނީ 2028ގައެވެ.
އެ ޓައުންޝިޕުގައި ފަތުރުވެރިންނަށް ޚިދުމަތްދޭ ލަގްޒަރީ ހޮސްޕިޓާލިޓީގެ ތަނަކާއި އެހެން ދާއިރާތަކުގެ ތަންތަން ވެސް ގާއިމުކުރާނެއެވެ. އޭގެތެރޭގައި، ފަތުރުވެރިކަމަށް މީހުން ތަމްރީނު ކުރާ މަރުކަޒަކާއި ޒަމާނީ ފެންވަރަށް ދަނޑުވެރިކަމާއި އެކުއަކަލްޗާގެ މަސައްކަތްކުރާ ނިޒާމުތަކުގެ އިތުރަށް ސިއްހީ ޚިދުމަތް ދޭ ތަނަކާއި ފުޑް ސެކިއުރިޓީއާ ގުޅޭ ތަނެއް ވެސް ހިމެނެއެވެ.
އޭގެއިތުރުން، އެ ޓައުންޝިޕްގައި ބޭނުންކުރާ ހަކަތައިގެ 60 ޕަސެންޓު އިއާދަކުރަނިވި ހަކަތައަށް ހަދާނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެއީ، ރާއްޖޭން ބޭރުކުރާ ކާބަން މަދުކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.