ޓޫރިޒަމް ކުރިއެރުވުމަށް އެންމެ ބޮޑު އާރުކާޓީއަކީ މަޓީ: އަލީ ވަހީދު

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މަޓީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ފަތުރުވެރިކަން ކުރިއެރުވުމުގައި ސަރުކާރުގެ އެންމެ ބޮޑު އާރުކާޓީއަކީ މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 29 ވަނަ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ، މަޓީއަކީ ޓޫރިޒަމް އިންޑަސްޓްރީ ރާއްޖޭގައި މިހާރު އޮތް ހިސާބަށް ގެނައުމުގެ އާރުކާޓީ ކަމަށާއި ރާއްޖޭގެ ޓޫރިޒަމް އެހެން ހަރުފަތަކަށް ގެންދިޔުމަށް އެ މިނިސްޓްރީން އެންމެ ބޮޑަށް ބަރޯސާވާ ބަޔަކީވެސް މަޓީ ކަމަށެވެ.

"ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މި ހިސާބަށް ގެނައުމުގައި އާރުކާޓީއަކީ މާޓީ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެއް،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ސަރުކާރުން ޓޫރިޒަމްގެ ސިނާއަތު ކުރިއެރުވުމުގައި މާޓީއާއެކު ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މަޓީ 29 ވަނަ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

"އަޅުގަނޑުމެން ވެގެން ދާނީ ތިބޭފުޅުންގެވެސް ބައިވެރިޔަކަށް، އަދި ތިބޭފުޅުންވެސް ވެގެން ދާނީ އަޅުގަނޑުމެންގެ ބައިވެރިއަކަށް ކަމާމެދު އަޅުގަނޑު ޝައްކެއް ނުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު މަޓީން ބޭއްވި އަހަރީ އާންމު ޖަލްސާގައި ދެން އޮތް ދައުރަށްވެސް އެ ޖަމިއްޔާގެ ޗެއާމަންކަމަށް އިންތިހާބުކޮށްފައިވަނީ އެ ޖަމިއްޔާ އުފެދީއްސުރެވެސް އެ މަގާމުގައި ހުންނެވި ޔުނިވާސަލް އެންޓަޕްރައިޒެސްގެ ޗެއާމަން މުހައްމަދު އުމަރު މަނިކެވެ.

ވައިސް ޗެއާމަނުންގެ ގޮތުގައި އިންތިހާބުކުރީ މިހާރުވެސް އެ މަގާމުތަކުގައި ހުންނެވި (ޗަމްޕާ) ހުސައިން އަފީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ސޮލާހު ޝިހާބެވެ. އަދި ސެކްރެޓަރީ ޖެނެރަލްއަކަށް އިންތިހާބުކުރީ މިހާރުވެސް އެ މަގާމު އަދާކުރައްވާ ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހްމަދު ނަޒީރެވެ. ފައިނޭންޝަލް ކޮންޓްރޯލަރަކަށް އިންތިހާބުކުރީ އެ މަގާމުގައި މިހާރުވެސް ހުންނެވީ ލިލީ ހޮޓެލްސްގެ އަހްމަދު ހަފީޒެވެ.

comment ކޮމެންޓް