ރަސޫލާއަށް ފުރައްސާރަކުރާނަމަ އުމުރަށް ޖަލަށްލެވޭގޮތަށް ގާނޫނު އިސްލާހުކުރަންޖެހޭ: ޑރ. ޖަމީލް

ޑރ. ޖަމީލް. ރަސޫލާއަށް ފުރައްސާރަކުރާނަމަ އުމުރަށް ޖަލަށްލެވޭގޮތަށް ގާނޫނު އިސްލާހުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވި-- ސަން ފޮޓޯ: ފަޔާޒް މޫސާ

ކީރިތި ރަސޫލާއަށް ފުރައްސާރަކުރާ މީހުން އުމުރަށް ޖަލަށް ލެވޭގޮތަށް ގާނޫނު އިސްލާހުކުރަން ޖެހޭކަަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ރޭ ވާހަކަ ދަައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ހިފެހެއްޓުމެއްނެތި މިނިވަންކަން އޮންނަ އެއްވެސް ގައުމެއް ދުނިޔޭގައި ނޯންނަ ކަމަށެވެ. އަދި އެކި ދީންތައް އޮންނަ، ދުނިޔޭގެ އެކި ގައުމުތަކުގައިވެސް އެގޮތަށް ދީނަށް ފުރައްސާރަކޮށް އުޅޭނަމަ އެ ގައުމުތަކުގެ މުޖުތަމައުންވެސް ދެކޭގޮތް ވަރަށް ތަފާތުކަމަށެވެ. އަދި އެކަން ހުއްޓުވުމަށް އެގައުމުތަކުގައިވެސް ގާނޫނުތައް ހުންނަކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގައި ރާއްޖޭގެ ދީން ކަމުގައި ބަޔާންކޮށްފައިވަނީ އިސްލާމް ދީން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއަށް އިޝާރަތްކުރައްވައި ޖަމީލް ވިދާޅުވީ ގާނޫނާ ހިލާފަށް ކަމެއް ކުރާތަން ފެންނަނަމަ ފުލުހުންވެސް އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ.

" ފުލުހުން ބަޔާން ނެރެވިދާނެ ދެއްތޯ. ފުލުހުންގެ ތެރެއިންވެސް ކަންތައްތައް ނުކުރާ ވާހަކައެއްވެސް ނޫން އިނގޭތޯ. އެހެންނަމަވެސް މާނަވީ ގޮތެއްގައި ކަންތައްތަކަށް ފިޔަވަޅު އަޅަން ޖެހެނީ އެ ކަންތައްތައް ހުއްޓުވަން. އައިސްފަ ސުވާލުކޮށްފަ މިމީހާއާ ސުވާލުކުރަންވެގެން ކޮންމެވެސް ޝޭހަކުވެސް އެތަނަށް ގެންގޮސްފަ ހަމަހަމަކަން ދައްކާލަން. މި ސަކަރާތް ޖެހުން ހުއްޓާލަން ޖެހޭ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ ކޮންމެ ސަރުކާރެއް އައިސްވެސް ފުލުހުންގެ މުއައްސަސާ އަލުން ޒިންމާދާރުވާނެ ކަމަށް ބުނެ ބަޔާންތައް ނެރޭ ކަމަށާއި އެހެން ނަަމަވެސް މިހާރުވެސް އެ މުއައްސަސާ ފެނިގެން ދަނީ ގޮނޑި ކޮއްކޮއެއް ގޮތަށްކަމަށެވެ. އަދި މިހާރު ދީނީ ފުރައްސާރަކުރުން ގޮސްފައި އޮތް ހިސާބުން، އެކަން ހުއްޓުުވުމަށް އެފަދަ ފަރާތްތަކާ މެދު ދައުވާކޮށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި ިއުޅެނީ ވަރަށް ނުރައްކާތެރިކަމެށް ފަށަން ކަމަށާއި އަދި މިހާރު އެ މަސައްކަތް ކުރަނީ ވަކި މިންވަރަކަށް ދީނީ ފުރައްސާކުރުން ފަދަ ކަންތައް ޖައްސައި އެކަން އެއްވެސް ކަމެއް ނޫންކަމަށް ހަދައި އެކަމަށް ދިވެހިން ހޭނުވުމަށް ކަމަށެވެ. އަދި ކުރިއަށް އޮތް މަރުހަލާގައި ރާއްޖޭގައި ފާޅުގައި އެކި ދީންތަކަށް ގޮވާލާނެ ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

އިސްލާމް ދީނަކީ ރާއްޖެއަށް ލިބިފައިވާ އެންމެ ބޮޑު ނިއުމަތްކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އެ ނިއުމަތް ހިފެހެއްޓުމަށް ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ. އަދި އެކަން ނުވާނަމަ މަޖިލިސް ތެރެއިން ޖަވާބުދާރީ ކުރަން ޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އެކަން އެގޮތަށް ނުވާނަމަ" ބްލެސްފަމީ" ފަދަ ގާނޫނު ރާއްޖެއަށް ގެނެސް މިހާރު ހުރި ގާނޫނުތައް ހަރުކަށިކޮށް ރަސޫލާއަށް ފުރައްސާރަކުރާނަމަ އުމުރަށް ޖަލަށް ލެވޭނެގޮތަށް ގާނޫނުތައް ބަަދަލުކުރަން ޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ޕާކިސްތާނު ފަދަ ގައުމުތަކުގައި " ބްލެސްފަމީ" ގެ ނަމުގައި ވަކި ގާނޫނެއް އޮވެއެވެ. އަދި އެ ގާނޫނުތަކުން ދަށުން މަރުގެ ހުކުމްވެސް އެފަދަ ފަރާތްތަކަށް އިއްވެއެވެެ.

comment ކޮމެންޓް