ކިންޝާސާ (ޖެނުއަރީ 20): ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ރައީސަކު ހޮވުމަށް މިދިޔަ މަހު ބޭއްވި އިންތިހާބުގެ ނަތީޖާ އެގައުމުގެ ދުސްތޫރީ ކޯޓުން ދަމަހައްޓައިފި އެވެ.
ކޯޓުން އެފަދައިން ނިންމީ މިދިޔަ މަހުގެ 30ގައި ބޭއްވި އިންތިހާބުގައި ވާދަ ކުރެއްވި ކެންޑިޑޭޓެއް ކަމަށްވާ މާޓިން ފަޔުލޫ ހުށަހެޅުއްވި މައްސަލައަކާ ގުޅިގެންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއިންތިހާބު ކާމިޔާބު ކުރެއްވި ފީލިކްސް ޝައިސްކެޑީ ވަނީ މިހާރުގެ ރައީސް ޖޯސެފް ކަބީލާއާ އެކު ބާރުތައް ހިއްސާ ކުރުމަށް އެއްބަސްވުމެއް ހަދާފަ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރީ ޝައިސްކެޑީ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނީ އެހެންވެ އެވެ.
ނަމަވެސް މައްސަލަ ބެލި ކޯޓުން ވަނީ، އިލެކްޝަންސް ކޮމިޝަނުން އިއުލާން ކުރި ނަތީޖާއަކީ ސައްހަ ނޫން ނަތީޖާއެއްކަން ފަޔުލޫއަށް ސާބިތުކޮށް ނުދެވުނު ކަމަށް ބުނެފަ އެވެ. އަދި އެގައުމުގެ އިންތިހާބު ކާމިޔާބު ކުރެއްވީ ޝައިސްކެޑީ ކަމަށް އިއުލާންކޮށްފަ އެވެ.
ކޮންގޯގެ އިލެކްޝަންސް ކޮމިޝަނުން ހާމަ ކުރި ނަތީޖާގައިވާ ގޮތުން ޝައިސްކެޑީ ވަނީ 38.5 ވޯޓު ކާމިޔާބު ކުރައްވާފަ އެވެ. އަދި ފަޔުލޫއަށް ލިބުނީ 34.7 ޕަސެންޓު ވޯޓެވެ.
އެހެންކަމުން ކުރިއަށް އޮތް 10 ދުވަސް ތެރޭ ކަބީލާ ވެރިކަމުން ފައިބައިވަޑައިގަތުމުން، ޝައިސްކެޑީ ވެރިކަމުގެ ހުވާ ކުރައްވާނެ އެވެ.
ކަބީލާ ވެރިކަމާ ހަވާލުވެވަޑައިގެންނެވީ، ކުރީން ވެރިކަމުގައި ހުންނެވި އޭނާގެ ބައްޕާފުޅު 2001 ވަނަ އަހަރު އަވަހާރަކޮށްލުމުންނެވެ. އޭގެ ފަހުން އޭނާ ވަނީ 2006 އާއި 2011އިގެ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ.
ކަބީލާގެ ވެރިކަމުގެ ދައުރު ވަނީ 2016 ވަނަ އަހަރު ހަމަވެފަ އެވެ. ނަމަވެސް ކޮންގޯގެ ރިޔާސީ އިންތިހާބު ސަރުކާރުންނާއި އިލެކްޝަންސް ކޮމިޝަނުން ތިން ފަހަރަކު ލަސް ކުރުމުން ކަބީލާ ވަނީ ވެރިކަމުގައި ދެމިހުންނަވާފަ އެވެ.