ކޮންގޯގެ އަލިފާން ފަރުބަދައެއް ގޮވުމުން 15 މީހަކު މަރުވެ، 500 ގެއަށް ގެއްލުންވެއްޖެ

ކޮންގޯގައި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ދިޔާ އަލިފާން ފައިބާ، ގެތައް އަނދާ ހުލިވެފައި --- ފޮޓޯ: އޭއެފްޕީ

ކިންޝާސާ (މެއި 24): މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ އަލިފާން ފަރުބަދައެއް ގޮވުމުން މަރުވި މީހުންގެ އަދަދު 15އަށް އަރާ، 500އަށް ވުރެ ގިނަ ގެއަށް ގެއްލުންވެއްޖެ އެވެ.

ކޮންގޯގެ ސަރުކާރުގެ ތަރުޖަމާނު ޕެޓްރިކް މުޔާޔާ ވިދާޅުވި ގޮތުގައި މައުންޓް ނިގަރޮންގޯ ގޮވި ހާދިސާއާ ގުޅިގެން ނުވަ މީހަކު މަރުވީ ރައްކާތެރި ހިސާބުތަކަށް ދަތުރު ކުރަމުން ދަނިކޮށް ޓްރެފިކް އެކްސިޑެންޓެއްގަ އެވެ. އަދި ހަތަރު މީހަކު ޖަލަކުން ފިލަން މަސައްކަތް ކުރަނިކޮށް މަރުވެފައިވާ އިރު ދެ މީހަކު ފިހިގެން މަރުވި ކަމަށް މުޔާޔާ ވިދާޅުވި އެވެ.

މައުންޓް ނިގަރޮންގޯ ގޮވުމުން، އެ ފަރުބަދައާ ހަ މޭލު ދުރުގައި އޮންނަ ގޯމާ ސިޓީން 5،000 ވަރަކަށް މީހުން ވަނީ އަވަށްޓެރި ރުވަންޑާއަށް ގޮސްފަ އެވެ. އަދި 25،000 ވަރަކަށް މީހުން ކޮންގޯގެ އެހެން ސަރަހައްދުތަކަށް ދިޔަ އެވެ.

ޔުނިސެފުން ބުނި ގޮތުގައި އެ ހާދިސާތަކާ ގުޅިގެން 170އަށް ވުރެ ގިނަ ކުޑަކުދިން ވަނީ ގެއްލިފަ އެވެ. އަދި 150 ކުދިން ވަނީ އާއިލާއާ ވަކިވެފަ އެވެ.

އެ އަލިފާން ފަރުބަދަ އެންމެ ފަހުން ގޮވީ 2002 ވަނަ އަހަރެވެ. އެ ފަހަރު ގޯމާއަށް ބޮޑެތި ގެއްލުންތައް ލިބި، 250 މީހުން މަރުވި އެވެ. އަދި ލައްކައަކަށް ވުރެ ގިނަ މީހުން މަގުމަތިވި އެވެ.

މައުންޓް ނިގަރޮންގޯ މިފަހަރު ގޮވުމުން ގޯމާއަށް މާ ބޮޑު ގެއްލުންތަކެއް ނުލިބުނު ނަމަވެސް ފަރުބަދައާ އެންމެ ކައިރީ އޮތް އަވަށްތަކުން މަރުވި މީހުންގެ އަދަދާއި ލިބުނު ގެއްލުމުގެ މިންވަރު އަދި ޔަގީން ކުރަން ނޭނގޭ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ. އަދި ގޯމާއާ ކައިރީގައި އޮތް ޑިސްޓްރިކްޓުން އެތައް ސަތޭކަ ގެޔަކަށް ދިޔާ އަލިފާނުގެ ސަބަބުން ގެއްލުން ލިބުނު ކަމަށާއި އެ ސަރަހައްދުތައް އާރާސްތު ކުރަން އެތައް މަހެއް ނަގާނެ ކަމަށް އޮފިޝަލުން ވިދާޅުވި އެވެ.

comment ކޮމެންޓް