ކޮންގޯގެ ބްރިޖެއް ހުޅުވަން ރިބަން ކެނޑުމާއެކު ބްރިޖު ވެއްޓިއްޖެ

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބްރިޖެއް ހުޅުވަން ރިބަން ކެނޑުމާއެކު، އެ ބްރިޖު ދެފަޅިވެގެން ވެއްޓިއްޖެއެވެ.

ކޮންގޯގެ ވެރިރަށް ކިންޝާސާގައި ހިނގި އެ ހާދިސާގެ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯތަކުން ފެންނަނީ އިސް އޮފިޝަލުންތަކެއް ކަމަށް ބެލެވޭ ބަޔަކު ބްރިޖެއް މަތީގައި ތިބެ ރިބަން ކަނޑާ މަންޒަރެވެ.

އެއީ އެ ސަރަހައްދުގައި އޮންނަ ފެންއާރު ފައިމަގުގައި ހުރަސް ކުރަން ޖެހޭ މީހުންނަށް އެހީވުމުގެ ގޮތުން، ފެންއާރު މަތިން އެޅި ވަގުތީ ބުރިޖެއް ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވެއެވެ.

ރިބަން ކެނޑުމާއެކު ބްރިޖަށް ގުޑުން އަރާ، ބިންމައްޗަށް ވެއްޓެން ފަށައެވެ. އެއާއެކު ބްރިޖުމަތީގައި ތިބި މީހުން އަމިއްލަ ރައްކަލަށް ޓަކައި އެކަކު އަނެކަކު ގައިގަޔާއި ބްރިޖު ރެއިލިންގައި ހިފަހައްޓާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ބްރިޖުގެ ރިބަން ކަނޑައި ދިން އަންހެން މީހާ ސަލާމަތް ކުރީ ބްރިޖު މަތީގައި ހުރި މީހަކާއި އެ ސަރަހައްދުގައި ހުރި ފޮޓޯގްރާފަރެކެވެ.

އެ ބްރިޖު ވެއްޓުނީ އޭގެ ތިރީގައި އޮތް ފެން އާރެއްގެ ތެރެއަށެވެ. އެ ވަގުތު އެ ސަރަހައްދުގައި ތިބި މީހުން ހަޅޭއްލަވާ އަޑު ވީޑިއޯތަކުން އިވެއެވެ. އަދި ބްރިޖު މަތީގައި ތިބި އޮފިޝަލުން ސަލާމަތް ކުރުމުގެ މަސައްކަތް އެއް ބަޔަކު ކުރިއިރު، ދުރުގައި ބަލަން ތިބި ބައެއް މީހުން ހޭ މަންޒަރު ވެސް ވީޑިއޯތަކުން ފެނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމަށް ރިޕޯޓުކޮށްފައިނުވެއެވެ.

އެ ހާދިސާގެ ވީޑިއޯތައް ހިއްސާ ކުރަމުން ބައެއް މީހުން ވަނީ އެ ބްރިޖުގެ އަޅަން ކޮށްފައިވާ މަސައްކަތަށް މަލާމާތްކޮށް، އެއީ އެފަދަ މަސައްކަތްތަކުގައި ކޮރަޕްޝަން އޮތް މިންވަރު ދޭހަކޮށްދޭ ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.

ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލްގެ ކޮރަޕްޝަން އިންޑެކްސްގައި ކޮންގޯ އޮތީ 180 ގައުމުގެ ތެރެއިން 169 ވަނައިގައެވެ.

މަސްދަރު: ރޮއިޓާސް

comment ކޮމެންޓް