ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި މަކުނު ވިދުރިން ދިފާއުވުމަށް ދޭ ވެކްސިން ދިނުމުގެ ފުރަތަމަ ކެމްޕޭނު ފަށައިފިއެވެ.
ވެކްސިން އެންމެ ފުރަތަމަ ދީފައި ވަނީ ހޮސްޕިޓަލްގެ މުވައްޒަފުންނަށެވެ. ހޯމަ ދުވަހު ވެކްސިން ދޭން ފަށާނީ މިދިޔަ އަހަރު މަކުނު ވިދުރީ އެންމެ ފުރަތަމަ ފެނުނު އެ ގައުމުގެ އިރުމަތީ ސަރަހައްދުގައެވެ.
ހުކުރު ދުވަހު ކޮންގޯގެ ޕަބްލިކް ހެލްތު މިނިސްޓްރީން ވަނީ ވެކްސިން އަދިވެސް މަދުވާނެ ކަމަށް ބުނެފައެވެ. އަދި މިހާތަނަށް ލިބެން ހުރީ އެންމެ 265،000 ޑޯޒް ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
"100 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެއްގައި 265،000 ޑޯޒް އިން މައްސަލަ ހައްލެއް ނުވާނެ," ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު ސެމިއުލް ރޮޖާ ކަމްބާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ވެކްސިން ކެމްޕޭނުގެ މަގުސަދަކީ މިހާރު ސިއްހީ މައްސަލަތައް ހުރި މީހުންނާއި ސިއްޚީ ހިދުމަތްތެރިން ހިމެނޭ ގޮތަށް އިސްކަންދޭ ގްރޫޕްތަކަށް އަމާޒުކޮށްގެން ވެކްސިން ދިނުން ކަމަށެވެ.
ވެކްސިންގެ އިތުރު ޑޯޒްތައް ފްރާންސް، ޖަޕާން އަދި އެމެރިކާއިން އަންނާނެ ކަމަށް ބެލެވެއެވެ.
މިދިޔަ މަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެފްރިކާގެ ގައުމުތަކަށް މަކުނު ވިދުރީގެ ވެކްސިންގެ އެއް މިލިއަން ޑޯޒް ހަދިޔާ ކުރުމަށް އެމެއިކާއިން ރާވާފައިވާ ކަމަށް ވިދާޅުވެފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ އެފްރިކާ ޑިރެކްޓަރު މަޓްޝިދިސޯ މޮއޭޓީ ނެރުނު ބަޔާނެއްގައި ވިދާޅުވީ ވެކްސިން ތައާރަފްކުރުމަކީ މަކުނު ވިދުރި ފެތުރުން ހަނިކޮށް އާއިލާތަކާއި މުޖުތަމައުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ.
މި އަހަރުގެ މިހާތަނަށް މަކުނު ވިދުރިއަށް ޝައްކުކުރެވޭ އަދި ކަށަވަރުވެފައިވާ 30،000 އަށް ވުރެ ގިނަ ކޭސް ރިޕޯޓްކޮށްފައިވާއިރު، 900 މީހުން މަރުވެފައިވާ ކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.
އެފްރިކާ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެފްރިކާގެ 16 ގައުމަކުން މަކުނު ވިދުރި ފެނިފައިވެއެވެ.
އޮގަސްޓް މަހު ޑަބްލިޔުއެޗްއޯއިން ވަނީ މަކުނު ވިދުރީގެ އާ ވޭރިއަންޓެއް ކަމަށްވާ، ކްލެޑްބީ ފެތުރޭތީ، އާންމު ސިއްޚަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ.
މަކުނު ވިދުރީގެ ވައިރަސް އިންސާނުންނަށް ވާސިލު ވަނީ ބަލި ޖެހިފައިވާ ޖަނަވާރެއްގެ ފަރާތުންނެވެ. އިންސާނެއްގެ ހަށިގަނޑަށް މި ވައިރަސް ވަދެއްޖެނަމަ އެ ވައިރަސް ހުންނަ މީހެއްގެ ފަރާތުން އެހެން މީހުންނަށް ވެސް މި ވައިރަސް އަރައެވެ.