ހުއްދަނެތް ކުންފުނިތަކުން ފްލެޓް ނުގަތުމަށް އެޗްޑީސީން އެދެފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާފައިވާ ސަރަހައްދު: އެޗްޑީސީން ހުއްދަ ދޫކޮށްފައިވާ ކުންފުނިތަކުން ފިޔަވައި އެހެން ކުންފުނުތަކުން ފްލެޓް ނުގަތުމަށް ވަނީ އިލްތިމާސްކޮށްފައި -- ފައިލް ފޮޓޯ: އެޗްޑީސީ

ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުއްދަ ދީފައިވާ ކުންފުނިތަކުން ފިޔަވައި އެހެން އެހެން ކުންފުނި ތަކުން ފްލެޓް ނުގަތުމަށް އެކުންފުނިން އިލްތިމާސްކޮށްފައެވެ.

އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެއްމެދު އިމާރާތް ތަރައްގީ ކުރުމަށް އެ ކޯޕަރޭޝަނާއެކެ ވެފައިވާ އެއްބަސްވުމުގައިވާ ގޮތުން 'ޑިވެލޮޕްމަންޓް އެންޑް ސޭލް ރައިޓްސް'ގެ ދަށުން އިމާރާތް ކުރާ ފަރާތްތަކުން ހައުސިން ޔުނިޓްތައް ވިއްކޭނީ އެއްބަސްވުމުގައިވާ އުސޫލުގެ މަތިން ވަކި މިންވަރަކަށް އިމާރާތް ނިމުމުން އެޗްޑީސީގެ ހުއްދަލިބިގެން ކަމަށެވެ.

އެގޮތުން ފްލެޓް ވިއްކޭނީ އިމާރާތުގެ 20 ޕަސެންޓް މަސައްކަތް ނިމުމުން ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން އުސޫލެއް ހަދާފަ އެވެ.

އެ މިންވަރަށް އިމާރާތުގެ މަސައްކަތް ނިމުމުގެކުރިން ހައުސިން ޔުނިޓްތައް ވިއްކުމުގެ ކަންކަން ކުރިއަށް ގެންދިއުމާއި ބުކިން ފީގެ ގޮތުގައި ހުއްދަ ކުރެވިފައިވާ މިންވަރަށްވުރެ އިތުރަށް ނެގުމަކީ އެއްބަސްވުމާ ޚިލާފް ކަމެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

ހައުސިން ޔުނިޓް ވިއްކުމަށް ހުއްދަ ދީފައިވާ ކުންފުނިތައް:

  • ރެއިންބޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރެއިންބޯ ސިންގަލް ޑިވެލޮޕާސް ޕްރައިވެޓް ލިމިޓެޑް
  • ރިނާޓަސް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑް
  • ޖާހު އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  • ޖަވާހިރު އިލެވެން ޕްރައިވެޓް ލިމިޓެޑް
  • ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް
  • އިނޯކާ ޕްރައިވެޓް ލިމިޓެޑް
  • ދަމާސް ކޮމްޕެނީ ޕްރައިވެޓް
  • އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑް
  • އެފް ޑަބްލިއު ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް
  • އަމީން ބިލްޑްވެއާ ޕްރައިވެޓް ލިމިޓެޑް
  • ބެޗް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ހުޅުމާލޭގައި އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން އެޗްޑީސީން ކުރިއަށް ގެންދާ ހައުސިން ޕްރޮޖެކްޓްތަކުގައި އިމާރާތްކުރާ ހައުސިން ޔުނިޓްތައް ގަންނަ ފަރާތްތަކުން، އެ ފަރާތްތަކާއެކު ފައިސާގެ އެއްވެސް މުއާމަލާތެއް ހިންގުމުގެ ކުރިން އެ ކޯޕަރޭޝަނުން ސޭލްސް އެޕްރޫވަލް ދީފައިވާކަމުގެ ލިއުމާއި ސޭލްސް އެންޑް ޕާޗޭސް އެގްރީމަންޓަށް ހުއްދަދީފައިވޭތީ ޔަގީން ކުރުމަކީ ފްލެޓް ގަންނަ ފަރާތުގެ ޒިންމާއެއް ކަމަށް ވެސް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

comment ކޮމެންޓް