ގެއްލުނު މީހާ ފަޅު ރަށަށް ދިޔައީ އޮޔާ އެއްކޮޅަށް ފަތާފައި!

ރ. ދުވާފަރު --- ފޮޓޯ: ޕެނަރޯމިއޯ

ރ. ވަންދޫ ކައިރިއަށް ހުއިފިލަނޑާ ނަގަން ފައިބައިގެން އުޅެނިކޮށް ގެއްލުނު މީހާ ފަޅު ރަށަށް ދިޔައީ، އޮޔާ އެއްކޮޅަށް ފަތާފައި ކަން އެނގިއްޖެ އެވެ.

މިއަދު "އަންބަރާ" ނަމަކަށް ކިޔާ ދޯންޏަކުން، އިންނަމާދޫ ކައިރީގައި އޮންނަ، ވަންދޫގެ ހުޅަނގު ފަރާތަށް އެރި އުޅެނިކޮށް ގެއްލިގެން ހޯދީ ރ. ދުވާފަހު، ފެހިހިޔާގެ، އަބްދުﷲ އާދަމް، 32، އެވެ.

ހެނދުނު 8:45 ގައި އޭނާ އިތުރު މީހަކާ އެއްކޮށް ޑައިވިންއަށް ފޭބި ފަހުން ވީ ގޮތެއް ނޭނގިގެން ހޯދި އިރު އޭނާ ފެނުނީ، ވަންދޫއާ 10 ކިލޯމީޓަރު ދުރުގައިި އޮންނަ ފަޅުރަށެއް ކަމަށްވާ ދިއްކުރެންދޫއިންނެވެ. ވަންދޫއާ ފުދޭވަރަކަށް ދުރުގައި ހުރި ތަނަކުން އޭނާ ފެނުމުން އޭނާ އެތަނަށް ދިޔަ ގޮތާ މެދު ގިނަ ބައެއްގެ ހިތްތަކުގައި ވަނީ ސުވާލު އުފެދިފަ އެވެ.

ދުވާފަރު ކައުންސިލުގެ ރައީސް އިބްރާހިމް ނަސީރު "ސަން"އާ ވާހަކަ ދައްކަމުން ބުނީ، ޑައިވިންއަށް ފައިބައިގެން އުޅެނިކޮށް އާދަމް ގެއްލުނީ، މާ ބޮޑަށް އޮއި ގަދަވުމުގެ ސަބުބުން، އޮޔާ އެއްކޮޅަށް ދޯންޏާ މާ ބޮޑަށް އޭނާ ދަމާލުމުން ކަމަށެވެ.

ރ. އަތޮޅު ދިއްކުރެންދޫ އާއި ވަންދޫއާ ދޭތެރޭގައި ގާތްގަނޑަކަށް 10 ކިލޯމީޓަރު އޮވޭ ---

"މައުލޫމާތު ލިބުނު ގޮތުގައި ޑައިވިންއަށް ފޭބީ ދެކުދިން އެއްކޮށް ކަމަށް ވަނީ. ދެން ފައިބާފައި ދެކުދިންވެސް ދެ ސަރަހައްދަކަށް ވަކިން، އަޑީގައި ވަކިވެގެން ދިޔަ ކަމަށް ވަނީ އެނގޭތޯ. އޮއެވަރު ވަރަށް ގަދަ ކަމަށް މައުލޫމާތު ލިބެނީ،"

އޭނާ ވިދާޅުވީ، އޭނާއަށް މައްޗަށް އެރުނީ ދޯންޏާ މާ ދުރުން ކަމަށެވެ. އަދި އޭނާއަށް އެރުނު ހިސާބުން ދޯންޏަށް އޭނާގެ އަޑު ނީވުނީ ކަމަށް ވިދާޅުވި އެވެ.

"މައްޗަށް އެރި އިރުގައި ދޯނި އޮތީ މާ ދުރުގައި. މާ އިރުމަތީގައި އޮތީ. ގެއްލުނު ކުއްޖާއަށް އެރުނީ މާ ބޮޑަށް ހުޅަނގު ކޮޅުން. ދެން ދޯންޏަށް ގޮވައި ގޮވައި އަޑު ނީވިގެން އެތާ ކައިރީގައި އޮތީ ދިއްކުރެންދޫ ކަމަށްވާތީ ދިއްކުރެންދޫއަށް އެރީ،"

އާދަމް ދޯންޏާ ދިމާލަށް ދާން މަސައްކަތް ކުރި ނަމަ ދާން ޖެހޭނީ އޮޔާ ދެކޮޅަށް ކަމަށް ނަސީރު ވިދާޅުވި އެވެ. އެހެން ކަމުން، މާބޮޑަށް ވަރުބަލިވެދާނެތީ އޮޔާ އެއްކޮޅަށް މަޑު މަޑުން ފަތާފައި ދިއްކުރެންދޫއަށް ދިޔައީ ކަމަށް ވިދާޅުވި އެވެ.

އޭނާ ހޯދުމަށްޓަކައި ފުލުހުން ވެސް ބަލަމުންދިޔައީ އޮއިހުރި ކޮޅަށް ކަމަށް ނަސީރު ވިދާޅުވިއެވެ.

"އޮއި ޖެހުނީ އިރުމަތިން ހުޅަނގަށް. އެހެން ކަމުން އޮޔާ އެއްކޮޅަށް ބަލަމުން ބަލަމުން ދަނިކޮށް، ގޮނޑިދޮށް މަތީގައި އޭނާ ހުރީމަ ގާތް ކުރީ. ގާތް ކުރި އިރު އޭނަ ކަމެއް ނޭނގޭ. ވަރަށް ކައިރިވި ފަހުން އެނގުނީ އޭނަކަން." ނަސީރު ވިދާޅުވި އެވެ.

މިއަދު ހެނދުނު 12:00 ހާއިރު، ދިއްކުރެންދޫގައި ހުއްޓާ އާދަމް ފެނުނު އިރު ފުލުހުންގެ އިތުރުން އެމްއެންޑީއެފް ކޯސްޓްގާޑުންވެސް ދިޔައީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް