ދެ ރަށެއްގެ ބަނދަރު މަސައްކަތް ފަށަން ތައްޔާރު ވެއްޖެ

ރަކީދޫ ބަނދަރު މަޝްރޫއަށް ބޭނުންވާ ސާމާނު އެރަށަށް ގެންދިޔުން -- ފޮޓޯ: އެމްޓީސީސީ

ވ ރަކީދޫ އަދި ރ. ވަންދޫ ބަނދަރުގެެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.

އެމްޓީސީސީ އިން ބުނީ ވ. ރަކީދޫ ބަނދަރުގެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު އެރަށަށް ގެންގޮސް މޮބިލައިޒް ވެފައިވާ ކަމަށެވެ. މި ޕްރޮޖެކްޓުގެ އީއައިއޭ ރިޕޯޓަށް ހުއްދަ ލިބުނީ މިދިޔަ ޑިސެމްބަރު 26 ގައި ކަމަށާއި ޕްރޮޖެކްޓު ހަވާލު ކުރީ 19 އޮކްޓޯބަރު 2019 ގައި ކަމަށް އެމްޓީސީީ އިން ބުންޏެވެ.

ރަކީދޫ ބަދަރު ޕްރޮޖެކްޓުގެ ދަށުން އެތަށުގެ ފަޅުން 5،645 ކިޔުބިކް މީޓަރުގެ ސަރަހައްދު ފުންކުރާނެ އެވެ. އަދި 156 މީޓަރުގެ ބްރޭކް ވޯޓާއެއް ގާއިމްކޮށް 74 މީޓަރުގެ ރިވެޓްމެންޓު ޖަހާނެއެވެ. މީގެ އިތުރުން 164 މީޓަރުގެ ކުއޭ ވޯލް އާއި 429 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމް ކުރާނެ އެވެ.

މި ޕްރޮޖެކްޓަށް 18.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ. މަސައްކަތް އޮކްޓޯބަރު މަހުގެ ފަސްވަނަ ދުވަހަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީ އިން ލަފާ ކުރެ އެވެ.

ވަންދޫ ބަނދަރު މަރާމާތުގެ މަަސައްކަތަށް ބޭނުންވާ ސާމާނުވެސް އެރަށަށް ވަނީ ގެންގޮސްފަ އެވެ. މި ޕްރޮޖެކްޓުގެ ދަށުން މިހާރު އެރަށުގައި ޖަހާފައިވާ ސިމެންތި ގޯނީތައް ނަގައި ސާފުކޮށް، 1870 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް 75 މީޓަރުގެ ކުއޭ ވޯލްއެއް ގާއިމް ކުރާނެ އެވެ.

މި މަސައްކަތަށް 5.99 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

comment ކޮމެންޓް