ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެއްވޭ ގޮތަށް ގާނޫނަށް އިސްލާހެއް ހުށަހެޅުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ނިންމަވައިފިއެވެ.
ލަތީފަކީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރެކެވެ.
އެ އިސްލާހު މާދަމާ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ލަތީފު ވަނީ މިރޭ "ސަން" ކަށަވަރު ކޮށްދީފައެވެ.
ލަތީފު ވިދާޅުވީ، އެގޮތަށް އިސްލާހު ހުށަހަޅަނީ އެއީ ދައުލަތުން މިހާރުވެސް އެބޭފުޅުންނަށް ޚަރަދު ކުރަމުންދާތީ ކަމަށެވެ. އަދި ޝަރަފާ އެކު ގައުމަށް ހިދުމަތް ކުރެއްވި ބަޔަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށްވުރެ ދަށް މަގާމަކަށް ކުރިމަތި ލުމަށް އޭނާ ބޭނުންނުވުމަކީ އެ އިސްލާހު ހުށަހަޅުއްވަން ނިންމެވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވިއެވެ.
"މާތްﷲގެ އިރާދަފުޅުން މި އިސްލާހު ކާމިޔާބު ކުރާނަން،" އިލެކްޝަން ސް ކޮމިޝަނުން މީގެ ކުރިން ގޮނޑި ގެއްލުނު ކަމަށް ނިންމި 12 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ލަތީފު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެއީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ވީނަމަވެސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމުގައި ވީނަމަވެސް އެބޭފުޅުން މަޖިލީހަށް ވަނުމަށް ތާއީދު ނުކުރައްވާ ކަމަށެވެ.
ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓްގައި 19 ވަނަ ރައްޔިތުން މަޖިލީހުގެ މައްޗަންގޯޅި މެދު ދާއިރާއަށް ކުރިމަތިލެއްވުމަށް ރައީސް ނަޝީދު ދަނީ އެޕާޓީ ޕްރައިމަރީގައި ވާދަކޮށް ކެމްޕެއިން ކުރައްވަމުންނެވެ.
މީގެ އިތުރުން ރައީސް ޔާމީން މަޖިލީހަށް ކުރިމަތިލައްވާނެ ކަމާ މެދު އަދި ގޮތެއް ނުނިންމަވައެވެ. އެމަނިކުފާނު ވިދާޅުވަނީ ވަގުތު ޖެހުމުން ވާދަ ކުރައްވާނެ ކަމާމެދު ގޮތެއް ނިންމަވާނެ ކަމަށެވެ.