އިހަވަންދޫގައި 16 ދުވަސްވީ ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ

އިހަވަންދޫ ސިއްހީ މަރުކަޒު --- ފޮޓޯ އިހަވަންދޫ އޮންލައިން

ހއ. އިހަވަންދޫގައި ވިހެއިތާ 16 ދުވަސްވެފައިވާ ތުއްތު ކުއްޖަކު ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.

އެ ކުއްޖާގެ ބައްޕަ އަލީ ޒާހިރު "ސަން" އަށް ބުނީ ދަރިފުޅު އައިޝަތު އަލީޝާ ފަތިހު ނިންދެވުމަށްފަހު ހެނދުނު 7:00 ޖަހާލިހާއިރު ބަލާލިއިރު އެއްވެސް ހަރަކާތެއް ނެތި އޮތުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

"ދަރިފުޅުގެ މަންމަ ރޭ ފަތިހު 5:00 ހާއިރު ގާތުން ދިނުމަށްފަހު ނިންދެވީވެސް. ދެން ހެނދުނު ހޭލާ ބެލި އިރު އެއްވެސް ހަރަކާތެއް ނެތުމުން ވަގުތުން ސިއްހީ މަރުކަޒަށް ގެންދިޔައީ،" އެއް އަހަރުގެ އިތުރު ދަރިއަކު ހުންނަ އަލީޝާ ގެ ބައްޕަ ކިޔައި ދިނެވެ.

ދަރިފުޅު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާ ދެއްވާ އަލީ ޒާހިރު ބުންޏެވެ.

އެނގިފައިވާ ގޮތުގައި މީގެ 16 ދުވަސް ކުރިން އަލީ ޒާހިރުގެ ދެމަފިރިންގެ ދެވަނަ ދަރިފުޅު، އަލީޝާ ނަގާފައިވަނީ ސިޒޭރިއަން ހެދުމަށްފަހު އެވެ. އޭރު އަލީޝާގެ މަންމަގެ ބަނޑަށް ވެފައިވަނީ 38 ހަފްތާކަން ވެސް ވަނީ އެނގިފައެވެ.

އަލީ ޒާހުރު ބުނީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށްފަހު ދަރިފުޅު ނެގިފަހުން މިއަދާ ހަމައަށްވެސް އެއްވެސް ކަހަލަ ސިއްހީ މައްސަލައެއް ދިމާވެފައިނުވާ ކަމަށެވެ.

އިހަވަންދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ބުނީ އެ ކުއްޖާ މިއަދު ހެނދުނު މަރުކަޒަށް ގެނައިއިރު ވެސް މަރުވެފައިވާ ކަމަށާއި ބޭރުފުށުން އެއްވެސް ހާނިއްކައެއް ފާހަގަވެފައި ނެތް ކަމަށެވެ. އަދި ޑޮކްޓަރާއި ހަވާލާދީ އޭނާ ބުނީ، ކުއްޖާގެ މަރުގެ ރިޕޯޓްގައި އޮތީ ކުއްލި މަރެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ބުނީ އިހަވަންދޫގައި ތުއްތު ކުއްޖަކު ކުއްލި ގޮތަކަށް މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލް މިވަގުތަށް ދެވެން ނެތް ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

comment ކޮމެންޓް