ލޭބާ ޕާޓީ އުފައްދަން ބޭނުންވާ ޖަލްސާ ބާއްވައި އަސާސީ ގަވާއިދު ފާސްކޮށްފި

ލޭބާ ޕާޓީ އުފެއްދުމަށް މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ސަން ފޮޓޯ: އަހްމަދު އަވްޝަން

މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އުފެއްދުމަށް ބާއްވަން ޖެހޭ ފުރަތަމަ އާންމު ޖަލްސާ ބާއްވައި އަސާސީ ގަވާއިދު ފާސްކޮށްފި އެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި މިރޭ ބޭއްވި އެ ޖަލްސާގައި 317 މީހުން ބައިވެރިވި ކަމަށް ވަނީ އިއުލާނު ކޮށްފަ އެވެ. އަދި އަސާސީ ގަވާއިދުގެ އިތުރުން އެ ޕާޓީގެ ކުލަ އާއި ލޯގޯގެ އިތުރުން ދިދަ ވެސް ވަނީ ފާސްކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި ވަނީ އެމްއެލްއެސްޑީޕީގެ ވަގުތީ ކައުންސިލަށް 15 މެންބަރުން އިންތިހާބް ކޮށްފަ އެވެ. އެ 15 މެންބަރުންނަކީ

  1. އަބްދުﷲ ހަސީން، ދަފްތަރު 4059 / މާލެ
  2. މައުރޫފް ޒާކިރު، ދާއިރާ، ބ. ކެންދޫ
  3. އަބްދުލް މަޖީދު އަބްދުލްކަރީމް، ދަފްތަރު 4046 / މާލެ
  4. އަހްމަދު ޝިހާމް، ރެޑްހައުސް / ސ. މީދޫ
  5. އާލާ އިބްރާހިމް ރަޝީދު، ލޫޒަން / ސ. ހިތަދޫ
  6. އިބްރާހިމް މުޖުތަބާ، އެވާގްރީން، ބ. ތުޅާދާ
  7. ޒިޔާދު ރަޝާދު، އޯޝަންވޭކް2 / ޅ. ހިންނަވަރު
  8. މުހައްމަދު ފްރުގާން، ދަފްތަރު 5937 / މާލެ
  9. މުހައްމަދު ސޯދިގު، ބްލޫރެސްޓް، ހއ. ދިއްދޫ
  10. އައިމިނަތު ޝާހީ، ހ. ހީލިއަމް / މާލެ
  11. ހިންނާ ޚާލިދު
  12. އަލީ އަކްރަމް، ދަފްތަރު 1674 / މާލެ
  13. އާދަމް ޝިފާއު، ވެސްޓިން / ށ. މިލަންދޫ
  14. ޝަމްޝީރު ރިލްވާން، ފްލާވަރ މީޑް / ސ. މީދޫ
  15. އަލީ ނާޒިމް، އުރަހަ / އދ. މާމިގިލި

ގާނޫނު ބުނާ ގޮތުން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭއްވޭ އާންމު ޖަލްސާ ބޭއްވުމަށް ހުއްދަ ދެވޭތާ ތިން މަސް ދުވަހުގެ ތެރޭގައި އެ އާންމު ޖަލްސާ ބާއްވަން ޖެހޭނެއެވެ. އަދި ޖަލްސާ ބޭއްވުމުގެ ތިން ދުވަސް ކުރިން އީސީއަށް އަންގަންވާނެއެވެ. އެ ކޮމިޝަނުން އެ ޖަލްސާ މޮނިޓާ ކުރާނެއެވެ. އޭގެ އިތުރުން އެ ޖަލްސާ ބާއްވާކަން އާންމުކޮށް އަންގާ ހުރިހާ މީޑިއާތަކަށް އިއުލާނު ކުރަން ޖެހޭނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި މިވަގުތު އޮތީ ހަތް ސިޔާސީ ޕާޓީއެކެވެ. އެއީ ޕީޕީއެމާއި، އެމްޑީޕީއާއި، އެމްޑީއޭއާއި ޖުމްހޫރީ ޕާޓީއާއި ޑީއާރުޕީއާއި އަދާލަތު ޕާޓީ އަދި އެމްޓީޑީއެވެ.

comment ކޮމެންޓް