ސަލްޓަން ޕާކް ތެރޭގައި ހުރި ކުރީގެ ދާރުލް އާސާރު (އުސްގެކޮޅު) ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން 12 އަހަރަށް ކުއްޔަށް ދީފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވިދާޅުވެއްޖެއެވެ.
ކުރީގެ ސަރުކާރުން ރެސްޓޯރެންޓެއް ހެދުމަށް އުސްގެކޮޅު ކުއްޔަށް ދޫކޮށްފައިވާ ކަމަށް މީގެ ކުރިން އަޑު ފެތުރުނެވެ. އެތަން ކުށްޔަށް ދީފައި ވަނީ އެއްވެސް އިއުލާނެއް ކުރުމަކާ ނުލައި ކަމަށް ބުނެ އޭރު ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅު ކުރި އެވެ.
އުސްގެކޮޅު ރެސްޓޯރެންޓެއް ހިންގަން 12 އަހަރަށް ކުއްޔަށް ދީފައިވޭތޯ މީހަކު ޓްވިޓާގައި ސުވާލު ކުރުމުން، މިއަދު މިނިސްޓަރު ޔުމްނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުސްގެކޮޅު ހުރީ ކުއްޔަށް ދޫކޮށްފައި ކަމަށެވެ.
އެކަން ހައުސިން މިނިސްޓަރު އާތިފާ ޝަކޫރުވެސް ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ.
އެހެން ނަމަވެސް، އެތަން ކުށްޔަށް ދޫކޮށްފައިވާ ފަރާތެއް އަދި ކަށަވަރެއް ނުވެ އެވެ.
އާތިފާ އިތުރަށް ވިދާޅުވީ، އެތަން ކުއްޔަށް ދޫކުރުމަށް ހަދާފައިވާ އެއްބަސްވުން އުވާލެވޭނެ ގޮތެއް އޮތްތޯ ބެލުމަށް އެއްބަސްވުން ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރުގައި އުސްގެކޮޅު ޗިލްޑްރަންސް ހެރިޓޭޖް ޕްލާޒާއެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)އާވެސް ހަވާލު ކުރި އެވެ. އެހެން ނަމަވެސް އެ މަސައްކަތް ކުރިއަށް ގޮސްފައި ނުވެ އެވެ. އެ ސަރުކާރުގައި އުސްގެކޮޅު އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ ވިސްނުންވެސް ގެންގުޅުނު ކަމަށް މިއަދު މިނިސްޓަރު ޔުމްނާ ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ ރަސްކަމުގައި އުޅުއްވި ބައެއް ބޭފުޅުން ދިރިއުޅުއްވަން ބޭނުން ކުރެއްވި އުސްގެކޮޅު އެންމެ ފަހުން ބޭނުން ކޮށްފައި ވަނީ ދާރުލްއާސާރުގެ ގޮތުގައެވެ.