ބާތިލުކުރީ ރަޖަމްކުރަން ކުރި ހުކުމް ދައުވާއެއް ނޫން، މައްސަލަ އަލުން ބެލޭނެ: ޑީޖޭއޭ

ސުޕްރީމް ކޯޓު ---

ސުޕްރީމް ކޯޓުން ބާތިލު ކުރީ ނައިފަރު ކޯޓުން މީހަކު ރަޖަމް ކުރަން ކުރި ހުކުމް ކަމަށާއި ދައުވާ ބާތިލު ނުކުރާ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

މިއަދު ޑީޖޭއޭ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އެޑްމިނިސްޓްރޭޝަންގެ ލީގަލް އޮފިސަރު ފައިސަލް އާދަމް ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލު ކުރީ ނައިފައިރު ކޯޓުން ހިންގި ޝަރީއަތުގެ ބައި ކަމަށެވެ.

"އެއްވެސް ހާލެއްގައި މައްސަލައިގެ ދައުވާ ބާތިލު ކުރައްވާފައެއް ނުވޭ. އެ ހުކުމް ބާތިލު ކުރެއްވުމާ ގުޅިގެން މައްސަލާގައި ކުރިއަށް ދާންވީ ގޮތް ސުޕްރީމް ކޯޓުން މިވަނީ ނައިފަރު ކޯޓަށް އަންގަވާފައި." ފައިސަލް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ އެ މައްސަލާގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައި ވަނީ މުޖުތަމައުގެ އާންމު މަސައްލަހަތާ ގުޅުން ހުރި މައްސަލަތަކުގައި އެ ކޯޓުން އަމަލުކުރާ އުސޫލުން ކަމަށެވެ.

ޒިނޭކުރި ކަމަށް ކޯޓުގައި އެއްބަސްވި އަންހެނަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމް ކުރީ މިމަހުގެ ހަ ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލު ކުރި އެވެ.

ހުކުމް ބާތިލުކޮށްފައި ވަނީ ދައުލަތުން ކުރި ދައުވާއަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބު ނޫން އެހެން އަދަބެއް ދިނުމުން ކަމަށް ބުނެ އެވެ.

އެ އަންހެން މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާ

  • (ހ) މީހަކު ޒިނޭ ކުރުމަކީ ކުށެކެވެ.
  • (ށ) ޒިނޭގެ ކުށުގެ އަދަބަކީ އެ ކުށްކުރި މީހާ 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.
comment ކޮމެންޓް