ޖިހާދުގެ މައްސަަލައިގައި ޕީޖީން ސުޕްރީމް ކޯޓަށް

އޮގަސްޓް 26، 2019: ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރި ދައުވާ ހައިކޯޓުން ބަލައިނުގަަންނަން ރަޖިސްޓްރާ ނިންމި ނިންމުން ރަނގަޅުކަމަށް ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމުމުން އެ ކަން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަން ޕީޖީ އޮފީހުން ނިންމައިފިއެވެ.

ޕީޖީ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރަން ޖެނުއަރީ، 2013 ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއިކުރެއްވި މައްސަލައިގައެވެ.

މައްސަލައިގެ ޗިޓު ރައްދުނުކުރެވިގެން ކަމަށް ބުނެ، ހައިކޯޓުން ވަނީ އެ މައްސަލަ އަނބުރާ ފޮނުވާލައިފައެވެ. އޭގެ ފަހުން ޖިހާދުގެ މައްސަލަ އަލުން ހުށަހެޅުމަށް ޕީޖީއަށް އިތުރު ފުރުސަތެއް ދިނެވެ. އެ ފުރުސަތު ހަމަވީ އޮކްޓޯބަރު 13 ވަނަ ދުވަހަށެވެ.

ޕީޖީން ޖިހާދުގެ މައްސަލައިގެ އިސްތިއުނާފު އަލުން ހުށަހެޅީ އެ ކޯޓުން ދިން މުއްދަތުގެ ދެ ދުވަސް ފަހުން ކަމަށްވާތީ، އެ މައްސަލަ އެ ކޯޓަށް ބަލައިނުގަތުމަށް ހައި ކޯޓުން ވަނީ ނިންމާފައެވެ.

އެއާއެކު ޕީޖީ އޮފީހުންވަނީ އެ ނިންމުން މުރާޖާކުރުމަށް އޮކްޓޯބަރު މަހުގެ 30ގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ފަނޑިޔާރުންގެ މަޖިލީހުން ނިންމީ މައްސަލަ ބަލައިނުގަތީ ރަނގަޅަށް ކަމަށެވެ.

އެއާއެކު ޕީޖީ އޮފީހުގެ ތަރުޖަމާނު އަހްމަދު ޝަފީއު "ސަން"އަށް ވިދާޅުވީ މާދަމާ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

އަދި މާދަމާ އަލުން އެ މައްސަލަ ހައިކޯޓަށް ހުށަަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޖިހާދަކީ މިހާރު މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަނެވެ.

comment ކޮމެންޓް