ސޫދާންގެ މުޒާހަރާތަކުގައި ދެކުނު ސޫދާންގެ ހަތަރު މީހަކު މަރުވެއްޖެ

ސޫދާންގެ މުޒާހަރާތަކުގައި 37 މީހަކު މަރުވެފައިވާ ކަަމަށް އެމްނެސްޓީން ބުނޭ -- ފޮޓޯ: ރޮއިޓާސް

ޚަރްތޫމް (ޖެނުއަރީ 9): ސޫދާނުގައި ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ދެކުނު ސޫދާންގެ ހަތަރު މީހަކު މަރުވެއްޖެ އެވެ.

ސޫދާނުގައި ހުންނަ ދެކުނު ސޫދާންގެ ސަފީރު މާޔަމް ޑުޓް ވޮލް ވިދާޅުވި ގޮތުގައި އެގައުމުގެ ދެ އަންހެނަކާއި ދެ ފިރިހެނުން މަރުވީ ސޫދާނުގެ ސިފައިން މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ބަޑި ޖެހުމުންނެވެ. އަދި އެހަތަރު މީހުން މުޒާހަރާގައި ބައިވެރި ނުވާ ކަމަށާއި އެމީހުން ތިބީ މުޒާހަރާ ބަލަން ކަމަށް ޑުޓް ވިދާޅުވި އެވެ.

"މިމުޒާހަރާތަކުގައި އަހަރެމެންގެ (ދެކުނު ސޫދާންގެ) ހަތަރު މީހުން މަރުވުމަކީ ވަރަށް ހިތާމަވެރިކަމެއް. އެމީހުން މުޒާހަރާގައި ބައިވެރިއެއް ނުވޭ. ނަމަވެސް ބައެއް ފަހަރު (މުޒާހަރާގެ ބައިވެރިންނާ ދިމާއަށް ޖަހާ) އުންޑަ އެހެން މީހުންގެ ގަޔަށް އަރާ،" ޑުޓް ވިދާޅުވި އެވެ.

މީގެ އިތުރުން ޑުޓް ވަނީ ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި ދެކުނު ސޫދާންގެ ރައްޔިތުން ވަކިކޮޅަކަށް ނުޖެހުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ މަހުގެ 19ގައި އެމުޒާހަރާތައް ފެށީ ސޫދާންގެ ސަރުކާރުން ޕާނެއްގެ އަގު އެއް ސޫދަނީސް ޕައުންޑުން ތިން ޕައުންޑަށް (0.02 ޑޮލަރުން 0.06 ޑޮލަރަށް) މަތި ކުރުމުންނެވެ. އެމުޒާހަރާތައް ފުޅާވެ، މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ރައީސް އުމަރު އަލް ބަޝީރުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.

ސޫދާންގެ ސަރުކާރުން ބުނާ ގޮތުގައި އެމުޒާހަރާތަކުގައި މިހާތަނަށް މަރުވީ 19 މީހުންނެވެ. ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނާ ގޮތުގައި އެމުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 37އަށް އަރާފަ އެވެ.

އަދި ސޫދާންގެ އިންޓީރިއާ މިނިސްޓްރީން ވަނީ މުޒާހަރާގައި ބައިވެރިވި 816 މީހުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް