މިފަހަކަށް އައިސް އަހަރެމެންގެ ތެރޭގައި އެންމެ ބޮޑު ޝަކުވާތަކެއް އިވިގެން ދިޔަ އެއް ކަމަކީ، ޓެކްސީ ދަތުރުތަކުގެ ވާހަކައެވެ. ޓެކްސީތަކުން ދޭ ޚިދުމަތުގެ ވާހަކައެވެ. ޓެކްސީ ތަކުގެ އަގުބޮޑު ވާހަކައެވެ. ޓެކްސީތަކުން ބޭނުންވާ ގޮތަކަށް އަގުތަކާ ކުޅެލާ ވާހަކައެވެ. ނުވިތާކަށް ގަވާއިދުތަކާ އުސޫލުތަކަށްވެސް ބޭނުން ގޮތެއް ހަދާލާވާހަކައެވެ. ހަމައެއާއެކު ޓެކްސީ ޑްރައިވަރުންގެ އުދާސްތައްވެސް ހަމަ އެފަދައެވެ.
މިދައްކަނީ އާދައިގެ ވާހަކައެއް ހެން ހީވެދާނެއެވެ. ނަމަވެސް މިއީ ވަރަށް ބޮޑު ވާހަކައެކެވެ. އެތަކެއް ބައެއްގެ ދިރިއުޅުމާ ގުޅިލާމެހިފައިވާ އަސާސީ ޚިދުމަތެއްގެ ވާހަކައެވެ. ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ލިބިގަންނަ ފަރާތަށްވެސް އަވަސް ހައްލެއް ލިބެން ޖެހިފައިވާ ކަމެއްގެ ވާހަކައެވެ.
ޓެކްސީ ޚިދުމަތާ ގުޅިގެން އާންމުންގެ ފަރާތުން މިވަގުތު އެންމެ ބޮޑު ޝަކުވާއަކަށް ވެފައި ވަނީ، ދަތުރުތަކަށް ނަގަމުން އަންނަ އަގު ބޮޑު ވާހަކައެވެ. ޚާއްސަކޮށް، ސިނަމާލެ ބްރިޖް އާންމުންނަށް ހުޅުވާލުމާއެކު މާލެ-ހުޅުލެ، މާލެ-ހުޅުމާލެ އަދި ހުޅުމާލެއާ ހުޅުލެއާ ދެމެދު ކުރާ ދަތުރުތަކުގެ އަގުތަކަށް ގެނައި ބޮޑު ބަދަލުތަކުގެ ޝަކުވާއެވެ. ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާތަކުން މިކަމަށް ހައްލެއް ހޯދައިދީފައި ނުވާ ކަމުގެ ޝަކުވާއާ ކަންބޮޑުވުންތަކުގެ ވާހަކައެވެ.
މައްސަލައަކީ ކޮބާ؟
ޚިދުމަތެއްގެ ފެންވަރަށް އަންނަ ބަދަލާއި، އަދި އެ ޚިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ކުރާން ޖެހޭ ހޭދައަކީ ޚިދުމަތުގެ އަގަށް ބަދަލު ގެންނާން މެދުވެރިވާ ބައެއް ކަންތައްތަކެވެ. އެގޮތުން، ރާއްޖޭގައި ޓެކްސީ ކުރާ ފަރާތްތަކުން ޓެކްސީ ޚިދުމަތައް އާންމު ގޮތެއްގައި ބަދަލު ގެނެސްފައި ވަނީ، ތެލުގެ އަގާ ގުޅުވައިގެންނެވެ. ތެލުގެ އަގަށް އަންނަ ބަދަލަކީ މައިގަނޑު ސަބަބުކަމަށްވީ ނަމަވެސް، ޓެކްސީ މަރާމާތު ކުރުމާއި، ޑްރައިވަރުގެ އަމިއްލަ ދިރިއުޅުމުގެ ޚަރަދުތަކާއި މިފަދަ ކަންކަންވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން ޓެކްސީ ޚިދުމަތަކީ ހަމަ ހަގީގަތުގައިވެސް ވަރަށް ބޮޑަށް އެކަމާމެދު ބަލައި ދިރާސާކުރާން ޖެހިފައިވާ ޚިދުމަތެކެވެ.
ކުރިން 10 ރުފިޔާއަށް ކުރަމުން އައި ޓެކްސީ ދަތުރުތައް 25 ރުފިޔާއަށް އަދި 25 ރުފިޔާއަށް ކުރަމުން އައި ޕިކަޕް ދަތުރުތައް 50 ރުފިޔާއަށް ބޮޑުކުރީ، އޭރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެ ބަދަލާއެކު ރާއްޖޭގެ ބާޒާރުގައި ވެސް ތެޔޮ ލީޓަރެއްގެ އަގު 12.37ރުފިޔާއަށް އުފުލުމުން އޭރު ދަތުރުތަކުގެ އަގު ބޮޑުކުރި ނަމަވެސް، ފަހުން އެސްޓީއޯއިން ވިއްކަމުން އައި ޕެޓްރޯލާއި ޑީސަލްގެ އަގު 10 ރުފިޔާއަށް ވުރެ ދަށް އަގުތަކެއްގައި ހިފެހެއްޓިގެން ދިޔަ ނަމަވެސް ޓެކްސީއާއި މުދާ އުފުލާ އެހެނިހެން އުޅަނދުތަކުގެ އަގަށް ގެނައި ބަދަލަށް ހަމަ ހިލަމެއްވެސް ނުވިއެވެ. އޭރު އަގު ކުޑަކުރާން ސަރުކާރުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަމަށް ހައްލެއް ލިބޭގޮތް ނުވިއެވެ. އަދި އޭގެ ބަދަލުގައި ފެނިގެން ދިޔައީ، ގަވާއިދުތަކާއި އުސޫލުތައް ހުރިގޮތަށް ހުއްޓައި ޚިދުމަތް ދޭ ފަރާތުން ބޭނުން އަގެއް ކިޔާފައި ދަތުރުތައް ވެސް ކުރާން ފެށި މަންޒަރެވެ.
ބްރިޖް ހުޅުވާލުމާއެކު މާލެއާ ހުޅުމާލެއާ ދެމެދު ކުރާ ދަތުރަކަށްވެސް ކޮޅަކަށް 100 ރުފިޔާއާ 250 ރުފިޔާއާ ދެމެދުން އަގުތައް އުފުލައިލީއެވެ. އިތުރު ގޮތެއް ނެތް ފަސިންޖަރުންނަށް ޖެހެނީ އެ އަގުގައިވެސް ދާށެވެ. ނުގޮސްފިއްޔާ ދެން ޖެހޭނީ އެހެން ގޮތެއް ހޯދާށެވެ. ނޫނީ ޓެކްސީއަށް ނާރާށެވެ. އެ ޚިދުމަތް ނުހޯދިޔަސް ޑްރައިވަރުން ތިބީކީ ދޫދޭގޮތަކަށް ނޫނެވެ.
ޓެކްސީތަކަށް ދާ ޚަރަދާއި ލިބޭ އާމްދަނީ
ޓެކްސީ ދަތުރުތަކުގެ އަގާގުޅޭގޮތުން ވާހަކަދައްކާއިރު، އާންމު ގޮތެއްގައި ޓެކްސީ ތަކަށް ކުރާ ޚަރަދަށް ބަލައިލަމާ ހެއްޔެވެ. ގިނަ ޓެކްސީ ޑްރައިވަރުންނާ ވާހަކަ ދައްކާލުމުން ބުނީ، ޓެކްސީ ތަކުން އާންމު ގޮތެއްގައި ދުވާލެއްގެ މައްޗަށް އެންމެ ގިނަވެގެން ތެލަށް ޚަރަދުވާނީ 300 ރުފިޔާ ކަމަށެވެ. އަދި ބޮޑު މައްސަލައެއް ދިމާނުވާ ނަމަ، ސަރވިސްކުރުމާއި އަޑީތެލަށް މަހަކު 450 ރުފިޔާ، އޭސީ މަރާމާތުކުރުމަށް މަހަކު 2500 ރުފިޔާ، ދޮވުމަށާއި ތެޔޮޖެހުމަށް މަހަކު ގާތްގަނޑަކަށް 550 ރުފިޔާ ވަރު ޚަރަދުވާ ކަމަށެވެ. އެހެންކަމަށްވާނަ، ތެޔޮއެޅުމަށާއި އެހެނިހެން ޚަރަދުތައް އެއްކޮށްލުމުން މަހެއްގެ މައްޗަށް 12500 ރުފިޔާ ހޭދަކުރާން ޖެހޭނެއެވެ. މިއީ އާންމުކޮށް ދަތުރުތައް ކުރާ ނަމަ ހިނގާނޭ ޚަރަދެވެ. މީގެ އިތުރުން ޓަޔަރު ހަލާކު ވެއްޖެ ނަމަ، ނުވަތަ އެއްޗެއް ބަދަލުކުރާން ޖެހިއްޖެ ނަމަ އިތުރު ޚަރަދުތައް ދާނެއެވެ.
އާންމު ގޮތެއްގައި ރަނގަޅަށް ދަތުރުކުރާ ޓެކްސީ ތަކުން، ދުވާލަކު އަށް ގަޑިއިރު މަސައްކަތް ކޮށްލައިގެންވެސް، ހުރިހާ ޚަރަދުތަކެއް ކަނޑާފައި މަހަކު 24000 ރުފިޔާގެ އާމްދަނީއެއް ހޯދައެވެ. އެއީ މިހާރު ކަނޑައަޅާފައިވާ 25 ރުފިޔާގެ ރޭޓުން ހަމަ އެކަނި މާލޭގައި ދަތުރުކޮށްގެންނެވެ. އަދި މާލެއާ ހުޅުމާލެއާ ދެމެދު ކުރާ ދަތުރުތަކަށް މިހާރު ސަރުކާރުން ކަނޑައަޅާފައިވާ 35 ރުފިޔާގެ ރޭޓުން، ދަތުރުކުރާ ނަމަވެސް ހުރިހާ ޚަރަދެއް ކަނޑާފައި މަހަކު 9000 ރުފިޔާގެ ފައިދާއެއް ނެގޭނެއެވެ. އެހެންކަމަށް ވާނަމަ، ރަނގަޅަށް ދަތުރުކުރާ ޓެކްސީތަކުން މަހެއްގެ މައްޗަށް ސާފު ފައިދާގެ ގޮތުގައި، 33،000 ރުފިޔާ ނަގާނެއެވެ. މިއީ ޕީއެޗްޑީ ފެންވަރަށް ކިޔަވައިގެން، ސިވިލް ސަރވިސްގެ މަތީ މަގާމު ތަކުގައި ބުރަކޮށް މަސައްކަތްކުރާ މުވައްޒަފުންނަށްވެސް ނުލިބޭ ވަރުގެ ބޮޑު އާމްދަނީއެއް ނޫން ހެއްޔެވެ.
ކޮންޑިޝަން ރަނގަޅު ކާރެއްގައި 1 ލީޓަރު ޕެޓްރޯލުން (ގާތްގަނޑަކަށް 11 ރުފިޔާ) 16.5 ކިލޯމީޓަރަށް ދަތުރުކުރެވެއެވެ. ގަޑިއިރެއްގެ ތެރޭގައި މާލެއާ ހުޅުމާލެއާ ދެމެދު އެވްރެޖްކޮށް 3 ދަތުރު ކުރެވޭނެއެވެ. އެހެންކަމަށް ވާނަމަ، މިހާރު އެކުރާ 100 ރުފިޔާގެ ރޭޓުން ދަތުރުކޮށްލައިގެންވެސް، ދުވާލަކު ހަ ގަޑިއިރުން 1800 ރުފިޔާ ހޯދޭނެއެވެ. އެއީ 26 ދުވަހަށް ބަލާނަމަ، 46،000 ރުފިޔާއެވެ. ތެލާއި އެހެނިހެން ބައެއް ޚަރަދުތަކަށް ކަނޑާފައިވެސް 34000 ރުފިޔާ ހަމައެކަނި މި ރާސްތާއިންވެސް އެބަ ހޯދައެވެ.
އެހެން ގައުމުތަކުގައި
އަވައްޓެރި ގައުމުތަކާއި ސަރަހައްދީ ގައުމުތަކަށް ބަލާއިރު ތެލުގެ އަގު އެންމެ ހެޔޮ ގައުމަކީ ރާއްޖެއެވެ. މިސާލަކަށް އިންޑިއާ، ސްރީ ލަންކާގައި ގޭސް ލީޓަރެއް އުޅެނީ 12 ރުފިޔާއާއި 15 ރުފިޔާއާ ދެމެދުގައެވެ. ބެންކޮކް ފިލިޕީންސަށް ބަލާއިރު 16 ރުފިޔާއަށް އަރައެވެ. ނަމަވެސް މި ގައުމުތަކުގައި ދަތުރު ފަށާއަގު ނިސްބަތުން ކުޑައެވެ. ރާއްޖޭގައި ކިލޯމީޓަރަކަށް މިހާރުވެސް 25 ރުފިޔާ ނަގާއިރު، އިންޑިއާގައި ފުރަތަމަ ކިލޯމީޓަރަށް ނަގަނީ 11 ރުފިޔާއެވެ. ލަންކާގައި 6 ރުފިޔާއެވެ. ލަންކާގައި އިތުރުވާ ކޮންމެ ކިލޯ މީޓަރަކަށް 6 ރުފިޔާވަރު ނަގާއިރު، އިންޑިއާގައި ނަގަނީ އިތުރުވާ ކިލޯމީޓަރަކަށް 3 ރުފިޔާއެވެ. ބެންކޮންކް ފިލިޕީންސް ތަންތާނގައިވެސް ނަގަނީ 5 ނުވަތަ 6 ރުފިޔާ ވަރެވެ.
ހައްލަކީ ކޮބާ؟
ފުރަތަމަ ގަބޫލުކުރާންވީ ކަމަކީ، ގާނޫނާ ގަވައިދަކީ ހަމައެކަނި އެއްޗެއްގައި ލިޔެފައި އެއަށް ފުރިހަމައަށް އަމަލުކުރާ އެއްޗަކަށް ނުވެއްޖެ ނަމަ އޭގެ ބޭނުމެއް ނޯންނާނޭކަމެވެ. އަދި އުސޫލުތަކެއް އޮވެ، އުސޫލުތަކުން ބޭރުން އަމަލުކުރާން ފުރުސަތު ލިބޭނަމަ، ދެން އެކަމެއް އިސްލާހުކުރުމަކީވެސް ފަސޭހަކަމަކަށް ނުވާނޭކަމެވެ. ހިތާމައާއެކު ވެސް ބުނެލަން ޖެހެނީ އަހަރެމެންގެ ތެރޭގައި ގިނަ ކަންކަން ހުރީ މިގޮތަށް ކަމެވެ.
ޓެކްސީގެ މައްސަލަތަކަށް ހައްލެއް ހޯދާން ބަލާއިރު، އެންމެ ފުރަތަމަ ކުރާންވީ ކަމަކީ، ޓެކްސީތައް ފުރިހަމައަށް މޮނިޓަރ ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އަދި ޑްރައިވަރުންނާއި، ޚިދުމަތްދޭ މަރުކަޒުތަކަށްވެސް ފަސޭހަ އުސޫލުތަކެއް ގާއިމުކުރުމެވެ. މިއާއެކު ޚިދުމަތް ލިބިގަންނަ ފަރާތްތަކަށްވެސް ގަބޫލުކުރެވޭނެ ފަދަ، ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރާންވީއެވެ.
ދިވެހީން "އެންމެ ފަރިތަ" ސިންގަޕޫރާއި އިނގިރޭސިވިލާތަށް ބަލާއިރުވެސް ޓެކްސީ ޚިދުމަތަކީ ދައުލަތުން ވަރަށް ޚާއްސަ އަހައްމިޔަތުކަމެއް ދޭ ޚިދުމަތެކެވެ. އެގޮތުން އަގުތައް ކަނޑައެޅުމުގައާއި ޚިދުމަތުން އަގުނަގާނެ އުސޫލުތައް ވެސް ފައްކާކުރަނީ އެކަމުގެ ފަންނީ ދިރާސާތައްކޮށް، އެކަމުގެ ފަންނީ މާހިރުންގެ އެހީއާއެކުއެވެ.
އަހަރެމެންވެސް މިއަދު ދާންވީ، މީޓަރޑް ޓެކްސީއާ ދިމާއަށެވެ. އަދި ދަތުރުތައް ބުކިންގ ހެދުމަށާއި، މޮނިޓަކުރުމަށް އޫބަރ، ޕިކްމީ، ފަދަ މޯބައިލް އެޕްލިކޭޝަނެއްވެސް ބޭނުންކުރާންވީއެވެ. ސަރުކާރުންވީ މިޚިދުމަތް ތައާރަފްކުރާށެވެ. ޓެރިފްތަކެއް ކަނޑައަޅަންވީއެވެ. ދަތުރު ފަށާއިރު ދޭންޖެހޭ އަދަދަކާއި، ކޮންމެ ކިލޯ މީޓަރަކަށް އިތުރުވާ އަގަކާއި، ދަތުރުތަކުގައި މަޑުކުރާން ޖެހޭ ހާލަތުގައި ޗާޖުކުރާނޭ އަގުތަކެއް ތައާރަފްކުރާންވީއެވެ. އޭރުން ހަމަ ޔަގީނުންވެސް ޚިދުމަތް ދޭ ފަރާތާއި ޚިދުމަތް ހޯދާ ފަރާތަށްވެސް ވާނުވާ ވަރަށް ސާފުވާނެއެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ޓެކްސީގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. ޚާއްސަކޮށް އަވައްޓެރި އިންޑިއާ އަދި ސްރީ ލަންކާއަށް ބަލައިލި ކަމުގައިވީ ނަމަވެސް، އަހަރެމެންގެ ތެރޭން އެގައުމުތަކަށް ދަތުރުކޮށްފައިވާ ގިނަ ބަޔަކު ވާނީ ޓެކްސީ ޑްރައިވަރުންގެ އުނދަގޫ ތަކާއި އޮޅުވާލުންތައް ވަރަށް ރަނގަޅަށް ތަޖްރިބާކޮށްފައެވެ. އެއީ މިރާއްޖޭގައި އެކަނި ވާކަންތައްތަކެއްވެސް ނޫނެވެ. ނަމަވެސް އަހަރެމެން ކޮންމެ ކަމެއްގަވެސް ދަސްކުރާންވީ އެންމެ ރަނގަޅު، އެންމެ ރީތިގޮތް ނޫންތޯއެވެ. އަވައްޓެރި ގައުމުތަކާއި އަވައްޓެރި ނޫން ގައުމުތަކުގައިވެސް އެންމެ ފުރިހަމައަށް މިކަން ކުރަނީ، މީޓަރު ޓެކްސީތަކުގައެވެ. އެންމެ އިތުބާރާއެކުވެސް ކުރަނީ މީޓަރު ޓެކްސީތަކުންނެވެ. މީޓަރު ޓެކްސީ ތަކުގައިވެސް މިކަންކުރަނީ މިހާރުގެ އެންމެ ޒަމާނީ ވަސީލަތްތަކުގެ އެހީގައެވެ.
ދަތުރުކުރާ ދުރުމިނާ، މަގުތަކާ، މަންޒިލާ ހުރިހާ ކަމެއް ވެސް މިޒަމާނުގައި މޮބައިލް އެޕްލިކޭޝަނެއްގެ އެހީގައިވެސް ބަލައިލެވެއެވެ. ދަތުރަށް ޚަރަދުވާނޭ އަދަދުވެސް ދުރާލައި ލަފާކޮށްލެވެއެވެ. އަދި ޚިދުމަތް ދޭފަރާތާ ޚިދުމަތް ހޯދާ ފަރާތާ، ޚިދުމަތް މޮނިޓަރކުރާން ޖެހޭ ފަރާތަށްވެސް ވަރަށް ފަސޭހައެވެ. ކޮން ޓެކްސީއަކުން ދަތުރުކުރީ ކޮން މަންޒިލަކަށް ކޮން ވަގުތެއްގައި ކަން އެނގެއެވެ. ދަތުރަކަށް، ނުވަތަ ދުވާލެއްގެ މައްޗަށް، ނުވަތަ މަސްދުވަހަށް އަދި އަހަރު ދުވަހުގެ އާމްދަނީ ބަލައިލެވެއެވެ. ޚިދުމަތުގައި ހޭދަކުރި ވަގުތުވެސް ބަލައިލެވެއެވެ. އެންމެ ފުރިހަމަ އޯޑިޓެއް ހަދާލަން ގިނަ ވަގުތެއް ނުނަގައެވެ.
މާލޭގައި އެންމެ ދިގުކޮށް ދަތުރެއް ކުރާނަމަ، މިސާލަކަށް މާލެ ވަށައިގެން އޮންނަ ރާސްތާގެ ދިގު މިނަކީ، 5.34 ކިލޯމީޓަރެވެ. މަޖީދީ މަގު އެއްކޮޅުން އަނެއްކޮޅަށް ގާތްގަނޑަކަށް ދެ ކިލޯމީޓަރު ހަމަ ނުވާނެއެވެ. މާލެއާ ހުޅުމާލެއާ ދެމެދު ކުރާ ދަތުރުގެ ދިގުމިން އުޅޭނީ ބްރިޖް ހިމެނޭގޮތަށް ގާތްގަނޑަކަށް 10 ކިލޯމީޓަރެވެ. އެހެންކަމުން އާންމު ގޮތެއްގައި މާލެތެރޭގައި އެއް ކިލޯ މީޓަރުގެ ދުރު ދަތުރެއްވެސް ކުރާން ޖެހޭނީ މަދު ފަހަރެއްގައެވެ. އާންމު ރައްޔިތުންގެ ޚިޔާލާއި ހުށަހެޅުންތަކަށް ބަލާއިރު، މިހާރު ދަތުރަކަށް މިނަގާ 25 ރުފިޔާ އަކީ ބޮޑު އަގެކެވެ. އޭގެ ބަދަލުގައި ދަތުރު ފަށާއަގަކީ 15 ރުފިޔާ، އަދި ދެ ކިލޯމީޓަރުން ފެށިގެން އިތުރުވާ ކޮންމެ ކިލޯ މީޓަރަކަށް 5 ރުފިޔާ ނެގިދާނެއެވެ.
މަތީގައި އެވާގޮތަށް އަގުތަކެއް ކަނޑައެޅިއްޖެ ނަމަ، ފުރަތަމަ ދެ ކިލޯމީޓަރަށް 15 ރުފިޔާ ނެގިކަމުގައިވީ ނަމަވެސް، މާލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކުން ޓެކްސީތަކަށް 60 ރުފިޔާވަރު ލިބޭނެއެވެ. އޭރުންވެސް ހަމައެކަނި މާލެއާ ހުޅުމާލެއާ ދެމެދު ދުވާލަކު ހަގަޑިއިރު ރަނގަޅަށް ދަތުރުކޮށްލައިގެންވެސް ޓެކްސީ ޑްރައިވަރުންނަށް މަހެއްގެ މައްޗަށް 28،000 ރުފިޔާވަރު ހޯދޭނެއެވެ. އަދި ފަސިންޖަރު މީހާވެސް ހިތްހަމަޖެހިގެން ޚިދުމަތް ހޯދާނެއެވެ.
ސަރުކާރުން މިހާރުވެސް ވަނީ، ޓެކްސީ ޚިދުމަތް ރަނގަޅުކުރުމަށް މަސައްކަތްތަކެއް ފަށައިފައެވެ. އަދި މީޓަރޑް ޓެކްސީއާއި ޓެކްސީ ޚިދުމަތް މޮނިޓަރކުރާނޭ އެޕްލިކޭޝަނެއް ފައްކާކުރުމުގެ ޚިޔާލުވެސް ގެންގުޅޭކަންވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިފަދަ ޚިދުމަތެއް ފައްކާކުރުމަށް މިއީ ހަމަ އެންމެ މުނާސަބު ވަގުތެވެ. މިއީ ހަމަ ހަގީގަތުގައިވެސް ވިސްނާލަންވީ ކަންތައްތަކެއް ނޫންތޯއެވެ.