ކުރީގެ ރައީސް ޔާމީން މިއަދުވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފި

ރައީސް ޔާމީން މީގެ ކުރިން ފުލުހަށް ހާޒިރުކުރުވުމަށް ފަހު ނޫސްވެރިންނަށް މައުލޫމަރު ދެއްވަނީ: މިއަދު ވެސް އެމަނިކުފާނު ވަނީ ފުލުސް އޮފީހަށް ހަޒިރުކޮށްފައި -- ސަން ފައިލް ފޮޓޯ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ވެސް ފުލުސް އޮފީހަށް ހާޒިރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވަނީ މިއަދު މެންދުރު 2:30 ގައި ކަމަށާއި އެމަނުކުފާނު ހާޒިރު ކޮށްފައިވަނީ ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

ޔާމީންގެ މައްޗަށް ތުހުމަތުކުރާ އެއް މައްސަލައަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ދޫކުރި ފަޅުތަކާއި ރަށްތައް މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އިސްލާމިކް ބޭންކުގައި ހުންނަ ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާ ލޯންޑަކުރި މައްސަލަ ކަމަށް ފުލުހުން ބުންޏެވެ. އަދި އަނެއް މައްސަލައަކީ އެ ފައިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުން ހިންގި ތަހުގީގަށް ޔާމީން ދޮގު މައުލޫމާތު ދެއްވި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ކަމަށްވެސް ފުލުހުން ބުންޏެވެ.

ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެ ފައިސާތަކަކީ އެމްއެމްޕީއާރްސީގެ ފައިސާތަކެއް ކަމަށް މިހާތަނަށް އޭސީސީ އިން ވެސް އަދި އެހެން ތަހުގީގީ އިދާރާއަކުން ވެސް ނިންމާފައިނުވާ ކަމަށެވެ.

އެމެރިކާ ޑޮލަރާއި ދިވެހި ފައިސާ ހިމެނޭ ގޮތަށް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަން ދިވެހި ރުފިޔާއެއް ފުލުހުން ވަނީ ފްރީޒް ކޮށްފަ އެވެ. ފުލުހުން ބުނެފައިވަނީ އެއީ ފުލުހުން ބަލަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

ޔާމީން ވިދާޅުވީ އޭނާގެ އެކައުންޓުގައި ވަކިވަރަކަށް ފައިސާ ހުރުން އެއީ ކުށެއް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ. އެއީ އޭނާއަކީ ސިޔާސީ މީހަކަށް ވެފައި ޕާޓީއެއްގެ ލީޑަރަކަށް ވުމުގެ އިތުރުން ކެމްޕެއިނުގައިވެސް ފައިސާ ހޯދަމުންދާ މީހަކަށް ވާތީ ކަމަށް ޔާމީން ވިދާޅުވި އެވެ.

ފުލުހުން ހިންގާ ތަހުގީގަށް ދެފަހަރެއްގެ މަތިން ޔާމީން ވަނީ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި މިއަދު އެމަނިކުފާނު ހާޒިރުކޮށްފައިވަނީ ބަޔާން ތަކުގައި ސޮއި ކުރުމަށެވެ.

comment ކޮމެންޓް