މަޖީދިއްޔާ ސްކޫލުގެ ބޭންޑްގެ ކުރީގެ ދަރިވަރުން ގުޅިގެން އުފައްދަވާފައިވާ ޖަމިއްޔާ "އަންބާ" އިފްތިތާހްކޮށްފި އެވެ.
ސޯލްޓް ކެފޭގެ ކޮންފަރެންސް ހޯލްގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި "އަންބާ" ޖަމިއްޔާ އިފްތިތާހުކޮށްދެއްވީ ޙަފްލާގެ ޝަރަފުވެރި މެހެމާނު، ދައުލަތަށް ގިނަދުވަހު ޚިދުމަތްކޮށްދެއްވި، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ އޮނަރަބަލް އުމަރު ޒާހިރުއެވެ.
މަދްރަސަތުލް މަޖީދިއްޔާގެ ބޭންޑް 1965 ވަނަ އަހަރު ވުޖޫދަށް އައި އިރު އެސްކޫލްގެ ހެޑްމާސްޓަރަކަށް ހުންނެވީ އޮނަރަބަލް އުމަރު ޒާހިރެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު ސްކޫލް ބޭންޑަކީ މަދްރަސަތުލް މަޖީދިއްޔާގެ ބޭންޑެވެ.

މަޖީދިއްޔާ ސްކޫލުގެ ކުރީގެ ބޭންޑެއް--
އަންބާ ޖަމިއްޔާގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި، ޖަމިއްޔާގެ މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ފަންނު ދެމެހެއްޓުމުގެ ހަރަކާތްތައް ހިންގުމާއެކު، މަޖީދިއްޔާ ސްކޫލްގެ ބޭންޑާއި ރާއްޖޭގެ އެހެން ސްކޫލް ބޭންޑްތަކަށް އެހީގެ ފުރުސަތުތައް ހޯދައި ދިނުން މަގުފަހިކޮށްދިނުން ހިމެނެއެވެ.
އަދި ފެންވަރު ރަނގަޅުކުރުމަށްޓަކައި ހަރަކާތްތައް އިންތިޒާމުކުރުމާއި ބައިނަލްއަގްވާމީ މިންގަނޑުތައް ތައާރަފުކުރުމާއި ބޭންޑް އިންސްޓްރަކްޓަރުން ބިނާކޮށްދިނުމާއި، ރާއްޖެއާއި ރާއްޖޭން ބޭރުގައި ހިންގާ ޕަރފޯމިންގ އާޓްސްގެ ހަރަކާތްތަކުގައި ބައިވެރިވުން ވެސް މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.

އަންބާ ޖަމިއްޔާގެ ބައެއް މެމްބަރުން-- ފޮޓޯ: އަންބާ ޖަމިއްޔާ
އަންބާގެ އޮނިގަނޑު ބިނާވެފައިވަނީ 1965 އިން ފެށިގެން މަޖީދިއްޔާ ސްކޫލް ބޭންޑުގެ އުމުރު ބަހާލެވޭ ފަސް ދަހައިގެ މައްޗަށެވެ. ފުރަތަމަ ދަހަ އެކުލެވޭ އަހަރުތަކަކީ 1979-1965 އެވެ. ދެވަނަ ދަހައަކީ 1980 ގެ އަހަރުތަކެވެ. ތިންވަނަ ދަހައަކީ 1990 ގެ އަހަރުތަކެވެ. އަދި ހަތަރުވަނަ ދަހައިގައި 2009-2000 ގެ އަހަރުތައް ހިމެނިފައި ފަސްވަނަ ދަހައަކީ 2019-2010 ގެ އަހަރުތަކެވެ.
ޖަމިއްޔާގައި ރަޖިސްޓަރީވާ ކޮންމެ މެންބަރަކު ހިމެނިގެން ދާނީ އެމެންބަރަކު ބޭންޑުގައި އެންމެފަހުން އުޅުނު އަހަރު ހިމެނޭ ދަހައިގައެވެ. އެ ޖަމިއްޔާގައި ސަތޭކައަށް ވުރެ ގިނަ މެންބަރުން މިހާތަނަށް ރަޖިސްޓްރީކޮށްފައިވެ އެވެ.