ދިހަ ހާސް ރުފިޔާގެ އިނާމަކާއެކު މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ލޯގޯ އާއި ދިދަ ފަރުމާކުރަން ހުޅުވާލައިފި

މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންތަކެއް އެ ސްކޫލް ކައިރި މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިހަ ހާސް ރުފިޔާގެ އިނާމަކާ އެކު މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ލޯގޯއާއި ދިދަ ފަރުމާކުރަން މިއަދު ހުޅުވާލައިފިއެވެ.

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ލޯގޯ އަދި ދިދަ ޑިޒައިން ކުރުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ލޯގޯއާއި ދިދައަށް ވަނަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް ބަޔާންކޮށްފައެވެ.

އެގޮތުން ލޯގޯގައި ހިމަނަންޖެހޭ ކުލަތަކަކީ ރަތް ކުލައާއި ފެހިކުލައެވެ. މި ކުލަތަކުގެ އިތުރުން ރަތާއި ފެއްސާ ގުޅޭ އެހެން ކުލައެއް ޑިޒައިންއާ ގުޅޭނަމަ ބޭނުންކުރެވިދާނެކަމަށް އެ ބަޔާނުގައިވެއެވެ.

ލޯގޯ ފަރުމާކުރުމުގައި ދިދައާ ގުޅޭގޮތަށް ފަރުމާކުރުމަށް ސަމާލުކަން ދިނުމަށް އެ ބަޔާނުގައި އިރުޝާދު ދީފައިވެއެވެ. އަދި ދިދައާއި ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯއެއް ނުވަތަ ދިދައަކަށް ވެގެން ނުވާނެކަމަށް ބުނެފައިވެއެވެ.

އެ ބަޔާނުގައި ވާގޮތުން ލޯޯގޯ ފަރުމާކުރެވިފައި ހުންނަން ވާނީ ލެޓާ ހެޑް، ބިޒްނަސް ކާޑް، ޔުނިފޯމް އަދި ޓީޝާޓުގައި ފަސޭހައިން ބޭނުންކުރެވޭ ގޮތަށެވެ. ލޯގޯއަކީ ލަކުޑި ނުވަދަ ފައިބަރު ފަދަ މައުދަންތަކުގައި ފަސޭހައިން ކަނޑާ ނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑް ކުރެވޭ ލޯގޯއަކަށް ވާން ވާނެ ކަމަށް އުސޫލުގައި ބުނެއެވެ.

ލޯގޯއާއި ދިދަ ހުށަހަޅާއިރު، ހައި ރިޒޮލިއުޝަންގެ ހާޑް އަދި ސޮފްޓް ކޮޕީއެއް ހުށަހަޅަން ޖެހޭނެއެވެ. އަދި ލޯގޯއާއި ދިދަ ހުށަހަޅާ ފަރާތަކީ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ މީހާއަށް ވާން ޖެހެއެވެ. އެ ހުށަހެޅުން އެއްވަނައަށް ގޮސްފި ނަމަ ލޯގޯއާއި ދިދައިގެ ފުރިހަމަ ކޮފީރައިޓްސް މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް ހަވާލުކުރުމަށް އެއްވެސް އިއުތިރާޒެއް ނެތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީއެއް ހުށަހަޅަން ޖެހެއެވެ.

އަދި ލޯގޯ ހުށަހަޅާ މީހާގެ ފުރިހަމަ ނަން، އައިޑީ ކާޑު ކޮޕީ، އެޑްރެސް އަދި ގުޅޭނެ ފޯނު ނަންބަރު ވެސް ހުށަހަޅަން ޖެހެއެވެ.

ދިދައާއި ލޯގޯ ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 24ވަނަ ދުވަހު 11:00ގެ ކުރިން އެ ޖަމިއްޔާގެ އީމެއިލްއަށެވެ. އިތުރު މައުލޫމާތު ހޯދުމަށް ގުޅާނީ 7778070 ނުވަތަ 9992050 އަށެވެ.

comment ކޮމެންޓް