މަޖީދިއްޔާގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާއަށް އާ ދިރުމެއް

މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔުާގެ ނަންބޯޑު ---

ދިވެހިރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އެއް ޖަމިއްޔާ ކަމުގައިވާ މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ(މމދ)ގެ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު، އަލުން ފަށައިފިއެވެ.

އެ ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން ރޭ ވަނީ ޖަމިއްޔާގެ އާންމު މަޖިލީހުން އާ ހިންގާ ގަވާއިދެއް ފާސްކޮށް، ޖަމިއްޔާގެ ނަންބޯޑު ރަސްމީކޮށް ދައްކާލާފައެވެ.

މމދގެ ނާއިބު ރައީސް އަހްމަދު އައްފާލް "ސަން"އަށް ވިދާޅުވީ ރޭ ފާސްކުރި އާ ހިންގާ ގަވާއިދަކީ، ޒަމާނަށް ފެތޭ ގޮތަށް، ޖަމިއްޔާގެ ހަރަކާތްތައް އިތުރަށް ވަރުގަދަ ކުރެވޭގޮތަށް ފަރުމާކޮށްފައިވާ ގަވާއިދެއް ކަމަށެވެ.

"ޖަމިއްޔާގެ ހަރަކާތްތައް އަލުން ފެށުމުގެ ގޮތުން މިދިޔަ އަހަރުގެ ޖުލައި 20ވަނަ ދުވަހު އަޅުގަނޑުމެން އާ ހިންގާ ކޮމިޓީއެއް އެކުލަވާލީ. އެއަށްފަހު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އާ ހިންގާ ގަވާއިދު އެކުލަވާލުމަށް" އޭނާ ވިދާޅުވިއެވެ.

އައްފާލް ފާހަގަކުރެއްވި ގޮތުގައި މިއީ އެ ޖަމިއްޔާގެ ދިގު ތާރީހުގައި އެ ޖަމިއްޔާގެ ރަސްމީ އިދާރާ ކަމުގައިވާ، މަޖީދިއްޔާ ސްކޫލުގައި ޖަމިއްޔާގެ ނަން ބޯޑު އާންމުކޮށް ހަރުކުރި ފުރަތަމަ ފަހަރު ކަމަށެވެ.

މަޖީދިއްޔާ ސްކޫލުުން ކިޔަވާ ނިންމާ ހުރިހާ ދަރިވަރުން ހިމެނޭހެން އެ ޖަމިއްޔާ އުފެއްދެވީ 1946ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. އެއީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ އަދި އެންމެ މެންބަރުން ގިނަ ޖަމިއްޔާއެވެ.

ނަމަވެސް، އެ ޖަމިއްޔާގެ ތާރީހުގެ ގިނަ ދުވަސްތަކެއް ވޭތުވެފައިވަނީ މާބޮޑު ހަރަކާތްތެރި ކަމެއް ނެތިއެވެ. ދޭތެރެއަކުން ޖަމިއްޔާގެ މަސައްކަތްތައް އަލުން ފެށުމަށް މަސައްކަތްތަކެއް ވަނީ ކުރެވިފައެވެ.

comment ކޮމެންޓް