ޒިނޭކުރި މީހާގެ މައްސަލަ ދެން ނިމުނީތަ؟

ސުޕްރީމް ކޯޓު ---

ޒިނޭކުރި ކަމަށް ކޯޓުގައި އެއްބަސްވި އަންހެނަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން އިއްޔެ ހުކުމެއް ކުރި އެވެ. އެ ހުކުމް މިއަދު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފަ އެވެ. ހުކުމް ބާތިލުކޮށްފައި ވަނީ ދައުލަތުން ކުރި ދައުވާއަށް ގާނޫނުގައި ބަޔާންކޮށްފައިވާ އަދަބު ނޫން އެހެން އަދަބެއް ދިނުމުން ކަމަށް ބުނެ އެވެ.

އެ އަންހެން މީހާގެ މައްޗަށް ދައުލަތުން ދައުވާ ކުރީ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުންނެވެ.

ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާ

  • (ހ) މީހަކު ޒިނޭ ކުރުމަކީ ކުށެކެވެ.
  • (ށ) ޒިނޭގެ ކުށުގެ އަދަބަކީ އެ ކުށްކުރި މީހާ 100 އެތިފަހަރުން ހައްދު ޖެހުމާއެކު އެއް އަހަރާއި ތިން އަހަރާއި ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދު ކުރުމެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލްތައް އެ ކޯޓަށް ނަގައި އެ އަންހެން މީހާ ރަޖަމް ކުރަން ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ބާތިލުކޮށްފަ އެވެ. ދެން އުފެދޭ ސުވާލަކީ ދެން އެ މައްސަލައަށް ވާނީ ކިހިނެއްތޯ އެވެ. ޒިނޭގެ އެ ކުށަށް އެއްބަސްވި މީހާއަށް އެއްވެސް އަދަބެއް ނުދީ ދޫކޮށްލާނީތޯ އެވެ.

ބައެއް ގާނޫނީ ވަކީލުން ---

ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ ނައފަރު ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލު ކުރި ހިސާބުން އެމީހާ މުޅިން މިނިވަންވީ ކަމަށެވެ. ހުކުމް ބާތިލު ކުރުމުގެ މާނައަކީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަން ކަމަށް ސުއޫދު ވިދާޅުވި އެވެ. އޭނާ މައްސަލައަށް އިއުތިރާފުވެފައި އޮތް ނަމަވެސް ދެން އޭނާއަށް ދެވޭނެ އަދަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

"މުޅި ހުކުމް ބާތިލު ކުރި ކަމަށްވާ ނަމަ ދެން ދެވޭނެ އަދަބެއް ނޯނާނެ. އެހެނެއް ނޫން، ކުށް ސާބިތުވި ކަމަށް ހުކުމުގައި ކަނޑައެޅި ބައި ރަނގަޅު ކަމަށް ކަނޑައަޅާފައި ދިން އަދަބަށް ބަދަލު ގެނައިނަމަ ދެވޭނެ އަދަބެއް އޭގައި އޮތީސް." ސުއޫދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަކީ ޝަރުއީ މަރުހަލާގައި އެންމެ ފަހުގެ ނިންމުން ނިންމާ ކޯޓު ކަމަށް ވަތީ ދެން އެ މައްސަލާގައި އެހެން ކޯޓަކަށް ގޮތެއް ނުނިންމޭނެ އެވެ. ގާނޫނު އަސާސީއާއި ގާނޫނުތަކުގައި ބުނެފައިވާ ގޮތުން ސުޕީރިއާ ކޯޓުތަކުން ނިންމާ މައްސަލަތައް ބެލުމުގެ އިހުތިސާސް ލިބިގެން ވަނީ ހައިކޯޓަށެވެ. ސުޕްރީމް ކޯޓާ ހަމައަށް މައްސަލަ ދާނީ ހައިކޯޓުން ނިންމުމުންނެވެ.

އޮކްޓޯބަރު 31، 2018: ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުން --- ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް ބައެއް ހާލަތްތަކުގައި ސުޕްރީމް ކޯޓުން ބައެއް މައްސަލަތަކުގެ ފައިލްތައް ނަގަ އެވެ. އާންމު މަސްލަހަތާ ގުޅުން ހުރި ބޮޑެތި މައްސަލަތައް އެކޯޓަށް ލިބިގެންވާ ބާރުގެ ދަށުން ނަގަނީ އެެވެ. ބައެއް ގާނޫނީ ވަކީލުން ވިދާޅުވާ ގޮތުން ދަށު ކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓަށް ނެގުމަކީ އެ ކޯޓަށް ލިބިގެންވާ ބާރެއް ނޫނެވެ.

"ގާނޫނު އަސާސީ އާއި ކޯޓުތަކާ ބެހޭ ގާނޫނުގައި ވެސް ބުނެފައި އެބަވޭ މައްސަލަތައް ކަޑައްތު ކުރާނެ މަރުހަލާތައް. ކިހިނެތްކަން މަރުހަލާތަކަށް ދާނީ. ވަކިވަކިން ލިޔެވިފައި ހުންނަ ކަންކަން މިހުންނަނީ. އެހެން ހުއްޓައި ސުޕްރީމް ކޯޓުން ބޭނުންވާ މައްސަލަތައް ނަގައިގެން ބެލުމުގެ ބާރު އެ ކޯޓަކަށް ނޯންނާނެ." ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ބެލޭނީ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބަލައި ދެން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ކަމަށް އެ ވަކީލު ވިދާޅުވި އެވެ.

ކޮންމެ އަކަސް ޒިނޭކުރި ކަމަށް ކޯޓުގައި އެއްބަސްވެފައިވާ ނަމަ އެމީހާއަށް ގާނޫނުގައި ބުނާ އަދަބު ލިބެން ޖެހެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން މުޅި ހުކުމް ބާތިލު ކުރުމުން ދެން އެމީހާއަށް ދޭނީ ކޮން އަދަބަކާ މެދުތޯ މިހާރު ވަނީ ސުވާލު އުފެދިފަ އެވެ.

comment ކޮމެންޓް