''ކަރިޝްމާ ޕާޓީ މޯލްޑިވްސް''އާ އެކު އިތުރު ޕާޓީއެއް ހަދަން ހުއްދައަށް އެދިއްޖެ

ނޮވެމްބަރ 6، 2016: އިލެކްޝަން ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

''ކަރިޝްމާ ޕާޓީ މޯލްޑިވްސް'' އާއި "ނޭޝަނަލް ރިފޯމް ޕާޓީ"ގެ ނަމުގައި ދެ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ "ސަން" އަށް ވިދާޅުވީ، އެ ދެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދިފައިވާ ކަމަށެވެ. އަދި އެ ދެ ނަމުގައި ޕާޓީ ހެދުމުގެ ހުއްދަ ދޭނެތޯ ނިންމާނީ އާދިއްތަ ދުވަހު ކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ''ކަރިޝްމާ ޕާޓީ މޯލްޑިވްސް'' އުފެއްދުމުގެ ހުއްދައަށް އެދުނީ، މ. ކެލަމް، މުހައްމަދު އިސްމާއިލެވެ.

އަދި "ނޭޝަނަލް ރިފޯމް ޕާޓީ" އުފެއްދުމުގެ ހުއްދައަށް އެދިފައި ވަނީ ސ. ފޭދޫ، އިނގުރުމާގޭ، ޝައިހު މުހައްމަދު ދީދީ ކަމަށް އަމްޖަދު ވިދާޅުވިއެވެ.

ޝައިހު މުހައްމަދު ދީދީ އަކީ މީގެ ކުރިން އަދާލަތު ޕާޓީގެ ކައުންސިލް މެމްބަރެކެވެ. އަދި އޭނާ މީގެ ކުރިން ވަނީ ކުރީގެ ރައީސް ޔާމީނަށް ތާއީދު ކުރައްވައި ޕީޕީއެމްއަށްވެސް ސޮއިކޮށްފައެވެ.

comment ކޮމެންޓް