އާ އަހަރާއެކު ނިއުމާގެ ފަހު ލަވަ ދައްކާލައިފި

ލަވައިގެ މަންޒަރެއް--

ވިހި އަހަރަށްވުރެ ގިނަ ދުވަސްވީ ފިލްމީ ކެރިއަރު ނިންމާލުމުގެ ގޮތުން ބަތަލާ ނިއުމާ މުހައްމަދުގެ ފަހު ލަވަ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ނިއުމާ ސްކްރީނުގެ ކުރިމަތިން ދެން ފެންނާނީ އެންމެ ފަހަރަކުއެވެ. އެއީ މާދަމާރޭ ރިލީޒްކުރާ އުންމީދީ ފިލްމު "ނިވައިރޯޅި"އިންނެވެ. އޭނާގެ އެންމެ ފަހުގެ ލަވައަކީ ވެސް އެ ފިލްމުގެ ޕްރޮމޯޝަނަލް ލަވައެކެވެ.

މީރާ މުހައްމަދު މާޖިދު ކިޔާފައިވާ އެ ލަވައަކީ "ސިހުރު ފަދަވި ކަމަނަ" އެވެ. ތަފާތު މަންޒަރުތަކެއް އެ ވީޑިއޯ ލަވައިން ވަނީ ފެނިގެން ގޮއްސައެވެ.

"ނިވައިރޯޅި" މާދަމާރޭ އަޅުވާއިރު މި ފިލްމަކީ ނިއުމާ ސްކްރީނުން ފެނިގެންދާނެ އެންމެ ފަހު ފަހަރެވެ. އަދި އޭނާ ކުޅޭ އެންމެ ފަހު ފިލްމުވެސްމެއެވެ.

މީގެ ދެހަފްތާ ކުރިން ފިލްމުގެ ޓިކެޓް ވިއްކަން ވަނީ ފަށާފައެވެ. ނިވައިރޯޅި ގެ ޕްރިމިއަރ ޝޯގެ ޓިކެޓެއް 150 ރުފިޔާ އަށް ވިއްކާއިރު ދެން ހުރި ޝޯ ތަކުގެ އަގު އުޅެނީ 100ރުފިޔާ އަށެވެ.

ނިއުމާ ޕްރޮޑިއުސްކޮށް މޫމިން ފުއާދު ޑައިރެކްޓްކުރާ އެ ފިލްމުގެ މަންޒަރުތައް ނެގީ މާލޭގެ އިތުރުން ރ. އުނގޫފާރު އަދި އެ އަތޮޅު އިނގުރައިދޫގައެވެ.

"ޓާގެޓަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މި ފިލްމު ދެއްކުން، ހުޅުމާލޭގައި ވެސް ފިލްމު ދައްކާނަން، މިހާރު ދަނީ ސިނަމާ ލިބޭތޯ މަސައްކަތް ކުރަމުން، ރިސޯޓް ތަކުން ވެސް އަދި ރަށް ރަށުންވެސް ފިލްމު އަޅުވަން ބޭނުން ނަމަ ޕޭޖަށް މެސެޖް ކުރަންވީ،" ނިއުމާ ބުންޏެވެ.

ނިވައިރޯޅިން ޔޫސުފް ޝަފީއު، އަހުމަދު ސައީދު، މަރިޔަމް ހަލީމް، ޒީނަތު އައްބާސް، އައިމިނަތު ރިޝްފާ، އަހުމަދު އާސިމް، މަރިޔަމް ޝަކީލާ އަދި އަހުމަދު އަޒްމީލް ފަދަ ތަރިންގެ އެކްޓިން ފެނިގެންދާނެއެވެ.

comment ކޮމެންޓް