"ބައްޕަ ބޭނުންވޭ މި ޕްރޮޖެކްޓާ ދަރިފުޅު ހަވާލުވާން... މި މަސައްކަތުގެ ބޮޑުކަމާއި ވަރުގަދަ ކަމުން އިތުރު މީހަކާ މި މަސައްކަތް ހަވާލުކުރުމުގެ ވިސްނުމެއް ބައްޕަގެ ނެތް... ހަޤީގަތުގައި ބޭނުންވަނީ ވީހާވެސް ގާތުން މަސައްކަތް އޮބްޒާވް ކުރަން... ބައްޕަ ދަރިފުޅުގެ ގާބިލިއްޔަތާ މެދު ޝައްކެތް ނުކުރަން... ދަރިފުޅު ވީނު މި މަސައްކަތާ ހަވާލުވާން... އެކޮޅުން ވެސް ކުއްޖަކު ހަވާލު ވާނެ... ދެކުދިން އެކުގައި މަސައްކަތް ކުރަން ޖެހޭނީ... އައްމާރު އާ ވެސް ވާހަކަދެއްކިން ބައްޕަ... " ފަހީމް އިތުރަށް އޮޅުން ފިލުވައިދިނެވެ.

"ބައްޕާ... އަސްލު މި މަސައްކަތާ ބެހޭ ތަފްސީލެއް އަދިވެސް އަޅުގަނޑަކަށް ނުދެމެއްނު... ހަވާލު ވާއިރު އެ ހުރިހާ އެއްޗެއް ވެސް އެނގެން ޖެހޭނެއެއްނު....." އިޒިއަން މަޑު މައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.

"ހޫނ... ތި ވަހާކަ ދައްކަންނޭ ދަރިފުޅު މި ގެނައީ ވެސް... މި މަސައްކަތަކީ ގްރޭންޑް ކޮންޕެނީއާ އެ މީހުންގެ ހޮސްޕިޓަލާއި ބައްޕަމެން ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ ވަރަށް މުހިންމު މަސައްކަތެއް... އަނެއްހެން ބުނާނަމަ ބައްޕަމެންވެސް ވެސް މިހާތަނަށް ރާއްޖޭގައި ކުރާނެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަސައްކަތައް ވާނެ... ސައިކޮލޮޖިކަލީ އެކި މައްސަލަ ތައް ހުންނަ މީހުންނާއި ޑިސެބިލިޓީ ހުންނަ މީހުނަށް ހާއްސަކޮށްގެން މި މަސައްކަތް ކުރަމުން މިދަނީ... އެންމެ ބޮޑު އެހީތެރިކަމެއް މިކޮޅުން ލިބިގެންދާނީ އެމީހުންގެ ދި ގްރޭންޑް ހޮސްޕިޓަލް އެންޑް ރިސާރޗް ސެންޓަރ ގެ ފަރާތުން... ހާއްސަ ގޮތެއްގައި އެމީހުންގެ ސައިކެޓްރީ ޑިޕާރޓްމެންޓާއި ފިޒިއޯ ޑިޕާރޓްމެންޓުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން ދާނެ... " ފަހީމް އޮޅުން ފިލުވައިދިނެވެ.

"ދަރިފުޅު ބޭނުންވާ ހުރިހާ މައުލޫމާތެއް އެކޮޅުން މި މަސައްކަތާ ހަވާލު ވެ ހުންނަ ކުއްޖާ ހިއްސާ ކުރަމުން ދާނެ... ބައްޕަ ވަރަށް އުފާވެ ހިންހަމަޖެހިފައި މިހުރީ މި މަސައްކަތާ އެކޮޅުން ހަވާލުވާ ކުއްޖާ އާ ދޭތެރޭ... ވިސްނުން ތޫނު ކުއްޖެއް... ހަރުދަނާ ކުއްޖެއް... ހިތްވަރު ގަދަ ކުއްޖެއް..." ތަންކޮޅެއް ކުރިން ދުވަހަކު އައްމާރު ދެއްކި ވާހަކައެއް ހަނދާން ކުރަމުން ފަހީމް ބުނެލިއެވެ.

ފަހީމް ގެ އެދުމަށް އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލުމަށް ފަހު އިޒިއަން އެ ޕްރޮޖެކްޓާ ހަވާލުވިއެވެ.

"މާދަމާ އެކޮޅަށް ދާންޖެހޭނެ އިޒް ހަވާލުވާކަމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށާއި އެ ކޮޅުން ހަވާލުވާ ކުއްޖާ އާ ބައްދަލުކުރުމަށް... އެއަށްފަހު ކަންތައް ތައް ފަށައިގެން ކުރިއަށް ގެންދެވޭނެ... ހަގީގަތުގައި މީ ވަރަށް ބޮޑު ރިސާޗަކާ އެކު ކުރިއަށް ދާނެ މަސައްކަތެއް... އެކޮޅުން ނިންމާ ގޮތަކަށް ކުރިއަށް ދާނީ....." ފަހީމް ހާމަކޮށްލިއެވެ.

*****

އޭގެ އަނެއްދުވަހު އިޒިއަން ދި ގްރޭންޑް ކޮންޕެނީގެ އޮފީހަށް ދިޔައެވެ. އޭނާ އާއެކު ޒައުނާ ވެސް ހުއްޓެވެ.

"ސާރ.. ހަވަނަ ފްލޯއަށް އިނގޭތޯ ދުރުވާނީ" ޒައުނާ އިޒިއަން އާއެކު ލިފްޓަށް އެރިއެވެ. ލިފްޓް ގޮސް ހަވަނަ ފަންގިފިލާއަށް ހުއްޓުމާއެކު އެންމެ ފުރަތަމަ ފޭބީ އިޒިއަންއެވެ. އޭނާގެ ފަހަތުން ޒައުނާވެސް ފޭބިއެވެ.

"ސާރ" ޒައުނާ އެތަނުން ކެބިން އަކަށް އިޝާރާތް ކޮށްލަމުން ބުނެލިއެވެ. އަދި އިޒިއަން އަށް ދައްކާލަމުން ދުރަށް ހިނގައިގަތީ އޭނާ އަށް ފޯނެއް އައީތީ ތިރިއަށެވެ. އިޒިއަން ޓަކި ޖަހާލަމުން އެތެރެއަށް ވަނެވެ. ފުރޮޅު ލީ ގޮނޑީގައި އިން އަންހެން ކުއްޖާ އެނބުރިލުމާއެކު އިޒިއަންއަށް ދެލޯ ބޮޑުކޮށްލެވި ފަހަތަށް އެއް ފިޔަވަޅު އަޅާލެވުނެވެ.

އެހެންނަމަވެސް އަވަސް އަވަހަށް އޭނާގެ މޫނުމައްޗަށް ވެރިވި އަސަރުތައް ފޮރުވާލަމުން މީހާ ހަމަޖެހިލިއެވެ. އަދި އެއަށްފަހު އެތެރެއަށް ފިޔަވަޅެއް އަޅާލީ އެ އަންހެން ކުއްޖާ ވަނުމަށް އިޝާރާތުން ބުނެލުމުންނެވެ. އިޒިއަން ރަނގަޅަށް އެ ކުއްޖާ އާ ދިމާލަށް ބަލާލިއެވެ. އެ އަންހެން ކުއްޖާގެ މޫނުމަތިން ހިސާބެއްގެ ވަރުބަލިކަމެއް ފެންނަމުން ދިޔަހެން އޭނަ އަށް ހީވިއެވެ.

ސޯފާތަކާ ދިމާލަށް އިޝާރާތް ކޮށްލުމާއެކު އަނާލް ވެސް އެދިމާލަށް ގޮނޑި ދުއްވާލިއެވެ. އިޒިއަން ވެސް އަނާލް ގެ ފަހަތުން ގޮސް ސޯފާގައި އިށީނެވެ. އޭނާ ވަށައިގެންވީ ކޮޓަރިތެރެއަށް ނަޒަރު ހުއްޓާލިއެވެ. ސޯފާސެޓުގެ އިތުރުން އެ ކޮޓަރިތެރޭގައި ދެން ހުރީ މޭޒެކެވެ. ލެޕްޓޮޕެއް ހުޅުވާލާފައިވާއިރު ބައެއް ފައިލް ތައް ވެސް އެތަނުގައި ހުއްޓެވެ.

"ސޮރީ އެބައުޓް ދިސް... އަޅުގަނޑުގެ ކެބިން ގައި މިވަގުތު ކުޑަ މަސައްކަތެއްކުރިއަށް ދާތީ މިއަދުގެ ބައްދަލުވުން ކުރިއަށް ގެންދާނީ މި ކެބިންގައި... " ސޯފާއަކާއި މޭޒު ފިޔަވާ އެއްވެސް އެއްޗެއް ނުވާ ކެބިން އަށް ނަޒަރު ހުއްޓާލަމުން އަނާލް ވާހަކަ ދެއްކިއެވެ.

"އިޓްސް އޯކޭ" އިޒިއަން ބުނެލިއެވެ.

"އަޅުގަނޑަކީ އަނާލް...މި ކޮޅުން މިކަމުގެ ހުރިހާ ކަމަކާ ހަވާލް ވާނީ އަޅުގަނޑު... މި ޕްރޮޖެކްޓަކީ އަޅުގަނޑު މަސައްކަތް ކުރާ ފުރަތަމަ ޕްރޮޖެކްޓް..." އަނާލް އިޒިއަން އަށް ބަލާލަމުން ވާހަކަދެއްކިއެވެ. އަނާލް ގެ ނަން އަޑު އިވުމާއެކު ކުޑަކޮށް އިސްޖަހާލައިގެން އިން އިޒިއަން އަށް އިސް އުފުލާލާ ބަލާލެވުނެވެ. އެ ނަން އިވުމާއެކު ވެސް އޭނާގެ ހިތުގައި ތަފާތު ވިންދެއް ޖަހާލިއެވެ. އަނާލް ގެ ތުންފަތުގައި ވި ހިނިތުންވުން ފެނި ބޭއިޚްތިޔާރުގައި އޭނާ އަށް ވެސް ހިނިތުންވެވުނެވެ.

"އައި އެމް އިޒިއަން... އެކޮޅުން މި މަސައްކަތާ ހަވާލް ވާނީ އަޅުގަނޑު..." އިޒިއަން ބުނެލިއެވެ. "މިހުރީ ފައިލްތައް... ސޮއިކޮށްލަން ޖެހޭނީ... ބާކީހުރި ފައިލްތައް ހޮސްޕިޓަލަށްވެސް ފޮނުވައިފިން..." އިޒިއަން ފައިލްތައް ބަލަން ފެށުމުން އަނާލް ވާހަކަ ދެއްކިއެވެ. އިޒިއަން ބޯ ޖަހާލިއެވެ. ދެމީހުންގެ ދެމެދުގައި މުޅިން ވެސް ދެކެވުނީ ބިޒްނަސް ގެ ވާހަކަ އެވެ.

އެހެންނަމަވެސް ބައެއްފަހަރު އިޒިއަން ސިއްރުވެރި ނަޒަރަކުން އަނާލް އަށް ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު އޭނާ ލުއި ހިނިތުންވުމެއް އަމިއްލަ ނަފްސަށް ހަދިޔާކޮށްލައެވެ. އޭނާގެ ނަޒަރު އަނާލް ގެ ފަޔަށް ހުއްޓުމާއެކު އެ ހިނިތުންވުން ފަނޑުވިއެވެ. އަނާލްއަކީ ހާދަ ހިތްވަރު ގަދަ ކުއްޖެކެވެ. ހާދަ ކެތް ތެރިއެވެ.

"ވަޓް ހެޕެންޑް..." އަނާލް ގެ ޖެހިލުންވެ ހާސްކަން އެކުލެވިގެން ވީ އަޑު އިވުމާއެކު އިޒިއަންއަށް ހަމަބިމަށް އާދެވުނު ފަދައެވެ. އޭނާ އަނާލްއަށް އަވަސް އަވަހަށް ބަލާލިއެވެ. "ވަޓް ހެޕެންޑް... އަހަރެންނާއެކު މަސައްކަތް ކުރަން ކަމުނުދަނީތަ؟" އަނާލް މާޔޫސް ވެފައިވާ ރާގަކަށް އަހައިލިއެވެ. އިޒިއަންއަށް އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަދި ނޫނެކޭ ބުނެވުނެވެ. "އަހަރެން ނަކީ ނުކުޅެދުން ތެރިކަން ހުންނަ ކުއްޖަކަށް ވީމަ ދޯ" އަނާލް ހިތި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

"ނޫން އެހެންނެއްނޫން... އަސްލު ހިތަށް އެރީ ތީ ހާދަ ހިތްވަރު ގަދަ ކުއްޖެކޭ... އެއީ އެއްވެސް މައްސަލައެއްނޫން... އެމީހުންނަކީ ވެސް މި ސޮސައިޓީ ގެ ބައެއް... ބާކީ ކޮށްލާކަށް ނުވާނެ" އިޒިއަން ގެ ހިތުގައި އޭރުވެސް ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ. އޭނާ އަނާލް ގެ މާޔޫސް ކަން ފިލުވައިދޭން ބޭނުންވިއެވެ. "ދިސް ޕްރޮޖެކްޓް އިޒް އިމްޕޯރޓެންޓް ފޯ މީ....." އަނާލް އިސްޖަހާލިއެވެ. އަނާލް ގެ އަޑުގައި ވި އަސަރުން އިޒިއަން އަށް ހިންދިރުވާލެވުނެވެ. އެ އަޑުގައިވި މާޔޫސްކަން އޭނާގެ ހިތަށް ތަދުކުރުވައިފިއެވެ. އެވަގުތު އަނާލް އަށް ހިތްވަރުދޭން ބޭނުންވިނަމަވެސް އޭނާގެ ހަށިގަނޑުގެ އެންމެ ސެލްއެއްވެސް ހަރަކާތެއްނުކުރިއެވެ. އަނގައިން ބަހެއް ބުނާނެ ހިތްވަރު ނުލިބުނީ ކަންނޭގެއެވެ. ދުލުގައި މީހަކު ހިފާ ބާރު ކޮށްފައިވާ ކަހަލަ އިހްސާސް އެއްކުރެވިގެން ދިޔައެވެ. އިޒިއަން އަށް އަނާލް އަށް ބަލަހައްޓައިގެން އިނދެވުނީއެވެ.

"އިޓްސް އޯކޭ..." އަނާލް ދާދި އަވަހަށް އޭނާ އަށް އަންނަމުން ދިޔަ ބަދަލްތައް ވަންހަނާކުރަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އަނާލްގެ އަވަސް ވަމުން ދިޔަ ނޭވާ އިޒިއަންއަށް ފާހަގަ ކުރެވުނެވެ.

"އާރ ޔޫ އޯކޭ....." އިޒިއަންއަށް އަވަސް އަވަހަށް އަހާލެވުނެވެ.

"ޔެސް އައި އޭމް....." އަނާލް އިސްތަށިގަނޑުގައި އަތް ޖައްސާލަމުން ވާހަކަ ދެއްކިއެވެ. މި ވަގުތު އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ކުރެވުނުހާ މަސައްކަތެއް އޭނާ ކުރިއެވެ. އުނދަގުލުން ނަމަވެސް މީހާ ހަމައަކަށް އެޅިލުމާއެކު އަނާލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ސޯ އަހަރެން ބޭނުން މި މަސައްކަތް އެންމެ ފުރިހަމައަށް ކުރަން... " އަނާލް ވާހަކަ ދެއްކިއެވެ. "އަހަރެންގެ ފުރިހަމަ އެހީތެރިކަން ލިބޭނެ....." އިޒިއަން ބޯ ޖަހާލަމުން އެއްބަސްވިއެވެ. އޭނާގެ ހިތުގައި އަނާލް އާއެކު އެ މަސައްކަތްކޮށް އެކަން ކާމިޔާބު ކުރުމުގެ ޝައުގުވެރިކަން އުފެދިގެން ދިޔައެވެ.

ދޮރުގައި ޓަކި ޖަހާލި އަޑަށް ދެމީހުންނަށް ވެސް ސިހިފައި އެދިމާލަށް ބަލާލެވުނެވެ. ދޮރުފަތް ހުޅުވާލާފައި ވަތް ޒައުނާ ފެނި އަނާލް އަށް ހިނިތުންވެވުނެވެ.

"އެއްވެސް އެހީތެރިކަމެއް ބޭނުންތޯ؟" ޒައުނާ އަހާލިއެވެ.

"ނޫން... ޒައު... ބޭނުމީ ތިރިއަށް ދާން" އަނާލް އިޒިއަން އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. ޒައުނާ ގެ ފަހަތުން އަނާލް ދިޔައިރު އިޒިއަން ވެސް އެދެމީހުންނާއެކު މިސްރާބުޖެހިއެވެ. އަނާލް އާއި އިޒިއަން އާ އޭރުވެސް އެ މަސައްކަތާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. ލިފްޓާ ހިސާބުން އަނާލް ކުޑަކޮށް މަޑު ޖެހިލިކަން އިޒިއަން އަށް އެނގުނެވެ. ފުންނޭވާއެއް ލަމުން އަނާލް ދެއަތް މުށްކަވާލިތަން ވެސް އިޒިއަން އަށް ފެނުނެވެ. އެއާއެކު ގާތުގައި ހުރި ޒައުނާ އަނާލް އަށް ބަލާލާ ބޯޖަހާލި ތަން ވެސް ފެނުނެވެ.

އަރަން ނާރަން ކަހަލަ ގޮތަކަށް ހުރެފައި އަނާލް ލިފްޓަށް އެރިއެވެ. އޭރު އޭނާގެ ލޯ ވަނީ މަރާލެވިފައެވެ. އަނާލް ގެ ކޮންމެ ހަރަކާތަކަށް ފާރަވެރިވެ ހުރި އިޒިއަން ގެ ހިތުތެރޭގައި ދައުރުވަމުން ދިޔައީ ނޭނގޭ ޖަޒުބާތުތަކެކެވެ. ލިފްޓް ތެރޭގައި ހޭދަކުރެވުނު ތިރީސްވަރަކަށް ސިކުންތަކީ ގަރުނެއްހެން އަނާލްއަށް ހީވިއެވެ. އޭނާ އަށް ހާސްކަން އިހްސާސް ވެ ހަތަރު ފާރުގެ ތޭރޭގައި މީހާ ފިތޭހެންހީވިއެވެ. އަތުގައި މަޑު ތުރު ތުރެއް ހުރިނަމަވެސް އަނާލް އެކަން ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ.

އެއްވެސް މީހެއްގެ ކުރިމަތީގައި އޭނާ އެކަން ހާމަ ކުރާކަށް ބޭނުމެއްނޫނެވެ. އޭނާ ވާން ބޭނުންވަނީ ހިތްވަރުގަދަ އަންހެން ކުއްޖަކަށެވެ. އެހެން ހުރިހާ އަންހެން ކުދިންނަށް ނަމޫނާއަކަށް ވާން އަނާލް ބޭނުންވެއެވެ.

"އާރ ޔޫ އޯކޭ....." އިޒިއަން އަށް ސުވާލުކޮށްލެވުނެވެ. އެއަޑުން އޭނާ އަނާލް އާމެދު ކަން ބޮޑު ވެފައި ހުރި ކަން ރީތިކޮށް ހާމަވެގެން ދިޔައެވެ.

"ޔާ... ޝީ އިޒް..." އަނާލް އަށް ވުރެ ކުރިން ޒައުނާ ޖަވާބުދިނެވެ. ޒައުނާ އެހެން ބުނުމުން އިޒިއަން ވެސް އިތުރަށް އެއްވެސް އެއްޗެއްބުނާ ހިޔާލެއް ނުކުރިއެވެ. އެހެންނަމަވެސް ތަފާތު ގިނަ ސުވާލުތަކެއް އޭނާގެ ހިތުގައި ދައުރުވާން ފެށިއެވެ.

*****

ޝާހީން ހޮސްޕިޓަލް ގައި އޭނާ އަށް ހާއްސަ ކުރެވިފައި ވާ ރޫމް ގައި މަޑުކޮށްލައިގެން އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިނެވެ. ފުންނޭވާއެއް ދޫކޮށްލެވުނީ ހަދަންވީ ގޮތް ނޭނގުމުންނެވެ. އަނާލް އޭނާގެ ސެޝަން ތައް ނަގަން ދެކޮޅު ހެދިތާ ދެމަހަށްވުރެ ގިނަދުވަސްވެފައި ވާއިރު އަނާލް އަށް ވަމުން ދިޔަ އުނދަގޫ ބޮޑުވަމުން ދިޔަ ކަން ޝާހީން އަށް ވެސް ދިޔައީ ފާހަގަކުރެވެމުންނެވެ. އެހެންކަމުން އޭނާ ވަނީ އަމިއްލަ ކޮއްކޮގެ ހާލާ މެދު ކަންބޮޑުވެފައެވެ.

ޝާހީން ދެ ހިޔާލެއްގައި އިނުމަށްފަހު ރަކީން އަށް ގުޅާލިއެވެ. ނަސީބަކުން އެވަގުތަކީ ރަކީން ވެސް އޮފީސް ނިންމާލާފައި ގެއަށް ދާން ނުކުތް ވަގުތެވެ.

"ހެލޯ" އޮފީހުން ނުކުންނަނިކޮށް އައި ފޯން ކޯލް ރަކީން ނެގިއެވެ.

"ދޮންބެ... ބިޒީތަ؟" ޝާހީން ސުވާލުކޮށްލިއެވެ.

"ނޫން ކިހިނެތްވީ؟" ރަކީން ބުނެލިއެވެ.

"އަޅުގަނޑު ބައްދަލުކޮށްލަން ބޭނުންވެގެން... ގޭތެރޭގަ ދެއްކުން މާ ރަނގަޅު ވާހަކައަކަށް ވާނެހެނެއް ހިޔެއްނުވޭ..." ޝާހީން ގެ އަޑުގައި ހިސާބެއްގެ މަޑުމޮޅިކަމެއް ވެއެވެ.

"ޝާން... އިޒް އެވްރީތިންގް އޯކޭ؟" ޝާހީން ގެ އަޑުގައިވި ހާސްކަން އެނގި ރަކީން ވެސް ހިސާބަކަށް ޖެހިލުންވާގޮތްވިއެވެ.

"ބިޒީ ނޫނިއްޔާ ހޮސްޕިޓަލަށް ޖައްސާލަދެވިދާނެތަ؟" ޝާހީން އަހާލިއެވެ. "އާނ އޯކޭ" ރަކީންވެސް އިތުރަށް ސުވާލުކުރުމެއްނެތި ހޮސްޕިޓަލާ ދިމާލަށް މިސްރާބުޖެހިއެވެ. ރަކީން އަންނަން ދެންވެސް ޝާހީން ވިސްނީ އަނާލް އާ މެދުގައެވެ.

"ކޮންތާކަށް ދާންވީ؟... ރޫމަށް ތަ؟" ރަކީން ހޮސްޕިޓަލަށް ވަދެފައި ޝާހީން އަށް ގުޅާލިއެވެ.

"ޔާ" ޝާހީން ކުރުޖަވާބެއްދިނެވެ. ރަކީން ފޯން ބޭއްވުމާއެކު އަނެއްކާވެސް ޝާހީން އަށް ހިޔާލް ތަކަށް ގެބެވުނެވެ. ދޮރުގައި ޓަކި ޖަހާލީވެސް ޝާހީން އެހެން އިންދައެވެ. އޭނާ އަށް އެއީ ރަކީން ކަން އެނގުމާއެކު ސީދާވެލާ ގޮނޑީގައި އިށީނެވެ. އޭރު އޭނާގެ ކޯޓް ގޮނޑީގައި އަޅުވާލާފައި ވެއެވެ. ރަކީން ފެނުމާއެކު ޝާހީން ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ރަކީން އައިސް އިށީނުމާއެކު ޝާހީން ފުންނޭވާއެއްލިޔެވެ.

"ދޮންބޭ" ޝާހީން ދައްކަން އުޅޭ ވާހަކައަށް ކަންފަތް ހުޅުވައިލައިގެން އިން ރަކީން ޝާހީން ގޮވާލުމާއެކު ބޯ ޖަހާލިއެވެ. "ނާލް ހައްތަހާ ސަކަރާތްވާހެން ހީވަނީ....." ޝާހީން ބުނެލިއެވެ. ރަކީންވެސް ބޯޖަހާލިއެވެ.

"އައި ނޯ... އަދިވެސް ނާލް އަށް އެކަމަކުން އަރައެއް ނުގަނެވޭ... ނާލް ބޭނުންނުވިޔަސް އަދިވެސް ފަރުވާ ހުއްޓާނުލާ ކުރިއަށް ގެންދަން އެބަ ޖެހޭ....." ޝާހީން ވާހަކަދައްކަމުން ފުން ނަޒަރަކުން ރަކީން އަށް ބަލާލިއެވެ. "އެކަމަކު ޝާން... ކިހިނެތް ނާލް އަށް މަޖުބޫރު ކުރާނީ....." ރަކީން ގެ އަޑުގައިވެސް ހިސާބެއްގެ ކަންބޮޑުވުމެއް ވިއެވެ.

މަޖުބޫރު ކުރާނީއެއްނޫނޭ..... ދޮންބޭ!... ނާލް އަށް ވިސްނަދޭނީ..." ޝާހީން އޭނާގެ ހިޔާލު ފާޅުކުރިއެވެ. "ނާލް އެއަށްވުރެ މާ ބޯ ބޮޑު ވާނެހެން ހީވަނީ... ދައްކާ ވާހަކަ ގަބޫލް ކުރާނެހެނެއް ހިޔެއްނުވޭ..." ރަކީން ވެސް ވިސްނުމަކަށް ގެއްލިފައި އިނދެ ބުނެލިއެވެ.

"ބައްޕަ ގާތު ބުނެގެން އަނެއްކާ ނާލް ގާތު ބުނަން ވީ ކަންނޭގެ... ބައްޕަ ގެ ވާހަކަ އަށް ދެކޮޅު ހަދާނެހާ ހިތްވަރެއް ނާލް ގެ ގައިގައި ހުންނާނެއެކޭ ނުބުނާނަން....." ޝާހީން ގެ ވާހަކައަށް ރަކީން ވެސް ތާއީދު ކުރިއެވެ.

ދެމީހުން އަނާލް ގެ ވާހަކަ ދައްކާލުމަށްފަހު ރަކީން ގެއަށް ދާން މިސްރާބުޖެހިއިރު ޝާހީން ދިޔައީ ރައުންޑްސް އަށެވެ.

*****

ރޭގަނޑުގެ ވަގުތެވެ. އިޒިއަން އޭނާގެ ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލް ދޮށުގައި އިށީނދެގެން އިނެވެ. ކުރިމަތީގައި ބައިވަރު ފައިލް ތަކެއް ހުއްޓެވެ. އޭނާ ފަރުވާތެރިކަމާއެކު އެ ޕްރޮޖެކްޓާ ބެހޭ މައުލޫމާތު ކިޔަމުން ދިޔައެވެ. ކިޔަމުން ދިޔަ ވަރަކަށް އޭނާ ގެ މޫނުމަތިން ހިންހަމަޖެހިފައި ވި ކަމުގެ އަސަރުތައް ފެންނަމުން ދިޔައެވެ. ބައެއްފަހަރު ބޯ ޖަހާލާނެއެވެ. އަނެއްބައި ފަހަރު ކުޑަކޮށް ހިނިތުންވެލާނެއެވެ. އޭނާ ލެޕްޓޮޕް ހުޅުވާލިއެވެ. އަދި ފޯލްޑާރ އެއް ހުޅުވާލީ އޭނާގެ މާޒީ މަތިން ހަނދާން ވެފައެވެ. ފޮޓޯތައް ހުރި ފޯލްޑަރ ހުޅުވާލުމާއެކު އޭނާ އަށް އައި ބަދަލްތަކުގެ ފަހަތުގައި ފޮރުވިފައިވަނީ ކޮންފަދަ ހަގީގަތެއްކަމެއް ނޭނގެއެވެ.

ފޮޓޯތައް ހުޅުވާލުމާއެކު އެކީހެން އޭނާގެ ސިކުނޑިއަށް އަންނަން ފެށި ހިޔާލް ތަކުގެ ސަބަބުން އަވަސް އަވަހަށް ލެޕްޓޮޕް ލައްޕާލެވުނެވެ. އެއާއެކު އޭނާ ގޮށް މުށުން މޭޒުގައި ޖަހާލިއެވެ. ދެ އަތުން މޫނު ފޮރުވާލަމުން އިޒިއަން ލޯ ފުހެލުމާއެކު ފުންނޭވާއެއް ލިޔެވެ. ކަމެއް ހަނދާން ވާ ފަދައަކުން އޭނާ ވޮލެޓް ހުޅުވާލިއެވެ. އޭގެތެރޭގައި ކުޑަވަރެއްގެ މަހުމާ ފޮތިކޮޅެއް ކަހަލަ ދަބަހެއް ނެގުމަށް ފަހު އޭނާ އެ އަށް އިރުކޮޅަކު ނަޒަރު ހުއްޓާލައިގެން އިނެވެ. އަދި އެއަށް ފަހު ތުރު ތުރު އަޅަމުން ދިޔަ އަތަކުން އެ ހުޅުވާލާ އޭގެ އެތެރޭގައި އޮތް އެތި ނެގިއެވެ. ރަތް ކުލައިގެ އެހެއް ޖަހާފައިވާ އެ އަނގޮޓިއަކީ ރިހި އަނގޮޓިއެކެވެ. އޭނާ އެއަށް ބަލަހައްޓައިގެން އެތައް އިރަކު އިނެވެ.

*****

އަނާލް ގޭގެ ޓެރެސްގައި މަޑުކޮށްލައިގެން އިން އިރު އޭނާގެ އިސްތަށިތައް ވަޔާ ވިހުރެމުން ދިޔައެވެ. ގާތުގައި މަންމަ މަޒާޔާ މަޑުކޮށްލައިގެން ހުއްޓެވެ.

"އައި އެމް ޕްރައުޑް އޮފް ޔޫ މައި ޕްރިންސެސް..." މަޒާޔާ ހިނިތުންވެލަމުން އަނާލް ގެ ބޮލުގައި ފިރުމާލިއެވެ. އަނާލް ވެސް ހިނިތުންވެލިއެވެ. އެދެމީހުން އެތަނުގައި ތިއްބާ އައްމާރުވެސް އައެވެ. އޭނާ އައިސް މަޑުކޮށްލުމާއެކު އަނާލް އައްމާރު އަށް ބަލާލިއެވެ.

"ކޮބާ ކިހިނެތް ޕްރޮޖެކްޓް ގެ މަސައްކަތް ދަނީ ދަރިފުޅާ......" އެންމެ ފުރަތަމަ ވާހަކަ ދެއްކީ އައްމާރުއެވެ. އެ ކަމާބެހޭ ގޮތުން އަނާލް ކުޑަކޮށް ވާހަކަ ދައްކާލިއެވެ. މަޒާޔާ އާއި އައްމާރު އާއި ދެމީހުން އެކަކު އަނެކަކަށް ބަލާލުމަށްފަހު ހިނިތުންވެލާ ބޯ ޖަހާލީ އަނާލް ގެ ހިތްވަރު ފެނި އުފާކުރާ ހާލުގައެވެ. އަނާލް ގެ މާޒީގައި ކޮންމެ ގޮތަކަށް ކަން ހިނގާފައި އޮތް ކަމަށް ވިޔަސް މުސްތަޤްބަލް އުޖާލާ ކުރުމައްޓަކާ އަނާލް ކުރަމުން އެ ގެންދާ މަސައްކަތުގެ ސަބަބުން ހުރި ހަމައެކަނި އަންހެން ދަރިފުޅު ދެކެ އެމީހުން ނުހަނު ފަޚުރުވެރިވެއެވެ.

*****

ބޭރުގައި ކޮލެޖް ކަމެއްގައި އުޅެފައި ގެއަށް ވަތް ދީމް އައީ ފޯނާ ކުޅެމުންނެވެ. ބާރު ބާރަށް ކޮޓަރިއާ ދިމާލަށް ހިނގައިގަތް އިރު ކުރިމަތިން ދަބަސް ހާވަމުން އައި ޝަފޫން އެއް އޭނާއަކަށް ނުފެނުނެވެ. ޝަފޫން ގެ ގައިގައި ދީމް އަޅައިގަތުމާއެކު އޭނާގެ ބެލެންސް ކެޓި ފައި އޮޅުނެވެ. އެހެންނަމަވެސް ނަސީބަކުން ނުވެއްޓެއެވެ. އައި ރުޅީގައި ޝަފޫން ދީމް ގެ އަތުގައި ބާރަކަށް ހިފާ ކޮށްޕާލިއެވެ. ވެއްޓެން ދިޔަ ދީމް ފަހަތަށް ގޮސް ޖެހުނީ ކޮންމެވެސް މީހެއްގެ ގައިގައެވެ.

"ޝަފޫން... މިހާރު މާ މައްޗަށް ތި ދަނީ އިނގޭ... ދީމް ވެސް ގަސްތުގައެއް ނޫނެއްނު އެހެން ކަންތައް އެ ކުރީ... " މަންޒަރު ފެނުނު އަފާޒު ނުރުހިފައި ވާހަކަ ދެއްކުމުން ޝަފޫން އަށް ރުޅި އާދެވުނީ އަނެއްކާވެސް ދީމް ދެކެއެވެ. އޭނާ ދީމްއާ ދިމާލަށް ލޯ އަޅާލުމާއެކު ދީމް އިސްޖަހާލިއެވެ. އަފާޒު ނުރުހިފައި ހުރިތަން ފެނުމުން ޝަފޫން ދެރަވި ނަމަވެސް އެ ކަމުގެ މައްޗަށް ރުޅިވެރިކަން ކުރިހޯދިއެވެ.

ޝަފޫން އާއެކު ބޭރަށް ދާން އުޅުނު އަފާޒު އެތެރެއަށް ވަނީ ޝަފޫން ލަސްވެގެންނެވެ. އެ ހިނދު އޭނާ އަށް ފެނުނު މަންޒަރުގެ ސަބަބުން ކިތަންމެ ރީއްޗަށް ވާހަކަ ދައްކަން ބޭނުންވިޔަސް އެކަން އެގޮތަށް ނުކުރެވުނީއެވެ. ދީމް ގެ ލޮލުން ކަރުނަތައް އޮހެން ފެށުމާއެކު އަފާޒު ދީމް އަށް ގޮވާލީ ދީމް އާ މެދު ހަމްދަރުދީވީވަރުންނެވެ. ދީމް ދެކެ ޝަފޫން ކިތަންމެ ރުޅިއަޔަސް އޭނާ ދީމް ދެކެ އިންތިހާއަށް ލޯބިވެއެވެ. ދީމް އަށް ޝަފޫން ގެ ފަރާތުން ލިބޭ ނަފްރަތު ގެ ސަބަބުން ދީމް އަށް ލިބޭ ހިތާމަތައް ފޮހެލެވޭ ވަރަށް އޭނާ ދީމް އަށް ލޯބިދޭން ބޭނުންވެއެވެ. އެހެންނަމަވެސް މަންމަ އެއްގެ ނަފްރަތަކީ ދަރިއަކަށް ހާދަ ވޭން އަޅާނޭ އެއްޗެކެވެ. ކިތަންމެ ވަރަކަށް އެހެން މީހުން ގެ ފަރާތުން ލޯތްބާއި އަޅާލުން ލިބުނަސް އެ ނަފްރަތު ހަންދާން ނައްތާ ނުލެވޭނޭކަންވެސް އަފާޒު އަށް އެނގެއެވެ.

އެހެންނަމަވެސް ވީ ވަރަކުން އޭނާ ދީމް ގެ ހިތާމަތައް ލުއިކޮށްދޭނެއެވެ. އަފާޒު ކުޑަކޮށް ވާހަކަ ދައްކައިލުމުން ދީމް ހަމައަކަށް އެޅުނު ނަމަވެސް އަދިވެސް އޭނާގެ މޫނުމަތިން މާޔޫސް ކަން ފެންނަމުން ދިޔައެވެ. އަފާޒު ފުން ނޭވާއެއްލީ އަނެއްކާ ވެސް ދީމް ގެ ސަބަބުން އޭނާ އާއި ޝަފޫން އާއި ދެމެދު ނުތަނަވަސްކަމެއް އުފެދިގެން ދާނެތީއެވެ.

ދީމް ކޮޓަރިއަށް ވަނުމާއެކު އަފާޒު ޝަފޫން އަށް ބަލާލިއެވެ. "ޝަފޫ... ކީއްވެތަ ދީމް އާ ދޭތެރޭ އެހެން ކަންތައް ކުރަނީ..." އަފާޒު އަށް ބުނެވުނެވެ. އެހެންނަމަވެސް އިތުރަށް އެއްވެސް އެއްޗެއް ބުނާ ހިޔާލު ޝަފޫން އެއް ނުކުރިއެވެ. އޭނާ އަފާޒު ގާތުން ލާފައި ގޭގެ މައިދޮރުން ބޭރަށް މިސްރާބުޖެހިއެވެ. އަފާޒުވެސް ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ޝަފޫން އާ ދިމާލަށް ހިނގައިގަތެވެ.

ދީމް ކޮޓަރިއަށް ވަތް އިރު އޭނާގެ ލޮލުގައި އޭރުވެސް ބޮޑެތި ކަރުނަތިކިތައް ވިދަމުން ދިޔައެވެ. ނުރޯން މަސައްކަތް ކުރަމުން ދިޔަ ވަރު އޭނާގެ ފިއްތާބާރުކޮށްފައިވާ ތުންފަތާއި މުށްކަވާފައި އޮތް އަތުން ހާމަވެގެން ދެއެވެ. އޭނާގެ ސަބަބުން އަނެއްކާވެސް ޝަފޫން އާއި އަފާޒު އާ ދެމެދު ހަމަނުޖެހުމެއް ހިނގާނެއެވެ. އެއީ އަބަދުވެސް އާދައެވެ. އަފާޒު ދީމް އާއި އެއްކޮޅަށް އަރައިފިއްޔާ އަބަދުވެސް ޝަފޫން އާއި ދެމީހުން ދެބަސް ވާނެއެވެ. ކަންތައްތައް މިހެން ދިމާވަމުން ދިޔުމާއެކު ދީމްއަށް ކުށްވެރިކުރެވެނީ އަމިއްލަ ނަފްސެވެ. އެއީ އޭނާގެ އަމިއްލަ މަންމައެވެ. ބަނޑު އަޅައި ވިހެއި މައި މީހާ ނަފްރަތު ކުރުމުން ލިބޭ ވޭނަކީ ހާދަ ހިތްދަތިކަމެކެވެ. ދީމް އައިސް އެނދުގައި އިށީނދެ މޫނުގައި ދެއަތް އަޅާ ފޮރުވާލިއެވެ.

"ދީމް" ސިހުނީ އަނާލް ގެ އަޑަށެވެ. ދީމް އިސްއުފުލާލާ އެނބުރި އަނާލް އަށް ބަލާލިއެވެ. އޭރު އެ ބޮޑު ދެލޮލުން ކަރުނަތައް އޮހިގެން ފިއެވެ.

"ދީމް... ވަޓް ހެޕެންޑް؟" އަނާލް އުނދަގުލުން ދެއަތް ވިއްދާލާ ތެދުވަމުން ދީމް އާއި ސުވާލުކޮށްލިއެވެ.

"އައި ވޯންޓު ގޯ ފޮރޮމް ހިޔަރ ނާލް..... އެންމެ އެންމެ އެންމެ ދުރަށް ދާން ބޭނުމީ..... މަންމަ އަށް ނުފެންނަ ހިސާބަށް..... އޭރުން އެދެމެދު ހަމަނުޖެހުމެއް ވެސް ނުވާނެއެއްނު..... ހުރިހާ ކަމެއްވެސް ވަނީ ހަމަ އެކަނި އަހަރެންނާހެދި....." ދީމް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ވާހަކަ ދެއްކިއެވެ. ވީ ގޮތް އެނގުމާއެކު އަނާލްއަށް ދީމްގެ އަތުގައި ހިފާ ބާރުކޮށްލެވުނެވެ.

"ކިހިނެތްތަ އަހަރެން ހަދާނީ..... އައި ޑޯންޓް ނޯ ވަޓް ޓު ޑޫ..... އެޓްލީސްޓް މަންމަ ނަފްރަތު ކުރާ ސަބަބެއް އެނގޭ ނަމަވެސް މިހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބޭނެ ކަންނޭގެ....." ދީމް ކަރުނަތައް ފޮހެމުން ބުނެލިއެވެ.

"ހިތްވަރު ކުރޭ ދީމް... ހުރިހާ ކަމެއް ވެސް އަދި ރަނގަޅުވާނެ... އިނގޭ" އަނާލް ދީމް އަށް ހިތްވަރު ދިނެވެ. ދީމް ވެސް ހަމައަކަށް އެޅުމާއެކު އަނާލް ދީމް ގާތު ނިދަން ތައްޔާރުވެގެން އައުމަށް އެދުނެވެ. އެއްބަސްވަމުން ދީމްވެސް ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.

*****

އަނެއްދުވަހުވެސް އަނާލް އާއި އިޒިއަން އާ ދެމީހުން ދިމާވީ އޮފީހުންނެވެ. ރޭގައި އޭނާ ނުނިދާ ހޭލައި އިނދެ ކުރި މަސައްކަތް އިޒިއަން އަނާލް އަށް ދައްކާލުމާއެކު އެ ކޮންސެޕްޓަށް އަނާލް ގެ ފުރިހަމަ ތާއީދު ލިބުނެވެ.

"މެންޓަލް ހެލްތް އެންޑް ޑިސެބިލިޓީ-ކޯޕިން ވިތް އެމޯޝަންސް" ގެ ނަމުގައި ހިންގަމުން ދާ ޕްރޮޖެކްޓް ގެ މައިގަނޑު އެއް މަސައްކަތަކަށް ވާނީ އެފަދަ ބަލިތައް ހުންނަ މީހުންނަށް ފަރުވާ ދިނުމާއި ހިލޭ ސާބަހަށް އެމީހުންނަށް ކައުންސެލިންގެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މީގެ އިތުރުން ޑްރަގް ގެ އަވައިގައި ޖެހިފައި ތިބި ޒުވާނުންނާއި ކުށުގެ މާހައުލުގައި އުޅެމުން ދާ އެންމެހާ މީހުންނަށް ވެސް އެ ޕްރޮޖެކްޓް ގެދަށުން އިސްކަންދޭނެއެވެ. މަސައްކަތް ތައް ކުރަމުން ގެންދާނީ އެކަންކަމަށް ހާއްސަ ކުރެވިފައިވާ ފަނަރަ ބުރީގެ ބޮޑު އިމާރާތެއްގައި ފަންނީ ގާބިލް ޓީމަކާ އެކުގައެވެ. އުންމީދަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ ފަދަ ތަނަކަށް އެތަން ހެދުމެވެ.

އެތަނުގެ ޑިޒައިނިންގް އާއި ކޮންސެޕްޓު އަދި އެތަނަށް ބޭނުންވާ ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރުމަކީވެސް މި ޕްރޮޖެކްޓްގެ ބަޔެކެވެ. މި ނޫނަސް ތަފާތު ގިނަ ޚިދުމަތް ތަކާއެކު މި ޕްރޮޖެކްޓް ނިމޭއިރު ވެގެންދާނީ މިފަދަ ކޮންސެޕްޓެއްގެ ދަށުން ރާއްޖޭގެ އިތުރުން މުޅި އޭޝިއާ ސަރަހައްދުގައިވެސް ކުރެވޭ ފުރަތަމަ މަސައްކަތަށެވެ .

އަނާލްއަކީ އިންޓީރިއަރ ޑިޒައިނިންގް ގެ އެއްއަހަރު ދުވަހުގެ އޮންލައިން ކޯހެއް ފުރިހަމަ ކޮށްފައިވާ ކުއްޖަކަށް ވުމާއެކު އަނާލް އާއެކު މަސައްކަތް ކުރަން ފަސޭހަ ވާނޭކަން އިޒިއަން އަށް އެނގެއެވެ. އެމީހުން ދެމީހުން މި ޕޮރޮޖެކްޓް މި ފަށަނީ އެންމެ ބޭސިކް މަސައްކަތް ތަކުންނެވެ. ކަމަށް ބޭނުންވާ ލިޔެ ކިތުންތަކާއި އެހެނިހެން މަސައްކަތް ތައް ވެސް ކުރަން ޖެހޭނީ އެމީހުން އަމިއްލައަށެވެ. އެކި އެކި މީހުންނާ ބައްދަލުކޮށް ހަދަން ޖެހޭ އެގްރިމެންޓްތައް ހެދުމުގައިވެސް އިސްކޮށް އުޅެން ޖެހޭނީ އަނާލް އާއި އިޒިއަން އެވެ. މި މަސައްކަތަށް އަނާލް ގެ ޝައުގުވެރިކަން ހުރި ވަރު ފެނި އިޒިއަން ހައިރާން ވެސް ވިއެވެ. އެހެންނަމަވެސް އޭނާގެ ހިތުގައި އުފާވެރިކަމެއް ވެސް ވިއެވެ. އަނާލް ފަދަ ކުއްޖަކު މި ފަދަ ބޮޑު ބިޔަ ޕްރޮޖެކްޓެއްގެ މަސައްކަތުގައި ހަރަކާތްތެރި ވުމަކީ މި ފަދަ ކޮންމެ ކުއްޖަކަށް ލިބިގެންދާނޭ ހިތްވަރަކަށް ވާނެއެވެ. އެފަދަ ކޮންމެ ކުއްޖަކަށް ވެސް އެ ކުއްޖާގެ ނަފްސަށް އޮންނަ އިތުބާރަކީ ކިހާ މުހިންމު އެއްޗެއްކަން އެނގިގެންދާނެއެވެ. ހުންނަ ނުކުޅެދުންތެރިކަމަކާއި އެއްކޮށްވެސް ކާމިޔާބު މީހަކަށް ވެވޭނޭ ކަމަށް ޤަބޫލް ކުރެވޭނެއެވެ.

އިޒިއަން އަށް އަނާލް ގެ މި މަސައްކަތް ވަރަށް ކަމުދިޔައެވެ. އޭނާ އަށް އިތުރަށް އެނގުނު ގޮތުގައި ފުރަތަމަ މި ފަދަ މަސައްކަތެއް ކުރަން އައްމާރު އަށް ހިޔާލު ދިނީވެސް އަނާލް އެވެ. އަނާލް ގެ ވިސްނުން އިޒިއަން އަށް ކަމުދިޔައެވެ. އަނާލް ފަދަ ކުއްޖަކާ އެކު މި މަސައްކަތް ކުރާ އިރު އޭނާގެ ސަތޭކަ ޕަރސެންޓް ދޭނެއެވެ. ހަމަގައިމުވެސް މި މަސައްކަތަށް އޭނާ ވެސް ނުލާހިކު ޝައުގުވެރިވެއްޖެއެވެ.

އަނާލް އަތުގައި އޮތް ކަރުދާސްތަކަކަށް ނަޒަރު ހުއްޓާލައިގެން އިން އިރު އަނާލްއާ ދިމާލަށް ބަލަން އިން އިޒިއަންގެ ތުންފަތް މަތީގައިވި ހިނިތުންވުން ފަނޑުވިއެވެ. އެހެންނަމަވެސް އަނާލް އިސްއުފުލާ ބަލާލުމާއެކު ނިކަން އަވަސް އަވަހަށް އެ އަސަރުތައް ފަރުދާ ކޮށްލައިފިއެވެ.

އަނާލް ގެ މޫނުމަތިންވެސް ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތް ކުރަމުން ދާކަށް ދެނެގަންނަން އިޒިއަން އަށް އުނދަގުލެއް ނުވިއެވެ. އެހެންނަމަވެސް އިޒިއަން އެކަމާ ބެހޭ ގޮތުން ސުވާލުކުރާކަށް ނަހަދައެވެ. އޭނާ އަކީ އަނާލް އާއި ދާދި އިހަށް ދުވަހު ދިމާވި މީހަކަށް ވެފައި އަނާލްއަށް އަދި އޭނާއަށް އިތުބާރު ކުރެވޭނެހެން އިޒިއަން އަށް ހީނުވަނީއެވެ.

"ބައްޕަގެ ކުންފުނި ތެރޭގަ އިންނާނެ ކޮންސްޓްރަކްޝަން ބައެއްވެސް... އެމީހުންނާ ވާހަކަ ދައްކައިގެން ތަނުގެ ކޮންސްޓްރަކްޝަން ބައި ކުރިއަށް ގެންދަން ކިހިނެތްވާނީ.... ހަރަދު ކުޑަވެފަ ފަސޭހަވާނެހެން ހީވަނީ....." އިޒިއަން އަނާލް އަށް ބަލާލަމުން އަނާލް ގެ ހިޔާލު ހޯދާލިއެވެ. އަނާލް ހިނިތުންވަމުން އެމީހުންގެ ބައެއް ޕްރޮޖެކްތަކުގެ މައުލޫމާތު ބޭނުންވާކަމަށް ބުނެލިއެވެ.

"އަސްލު އެނގޭ މިހެން ބުނީމަ ކޮންމެވެސް ވަރަކަށް ހިންހަމަ ނުޖެހޭނެކަން... ފަހަރެއްގައިވެސް އިޒިއަންމެންގެ ކޮންޕެނީގެ ގާބިލް ކަމާމެދު ޝައްކު ކުރަނީއެއްނޫން... އެހެންނަމަވެސް... އަހަރެން ބޭނުންވަނީ މި މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރަން....." އަނާލް ވާހަކަ ދެއްކުމުން އިޒިއަން އެއީ މައްސަލައެއް ނޫން ކަމަށް ބުނެލިއެވެ. ދެމީހުން ވާހަކައިގައި ތިއްބައި ޒައުނާ އައިސް ވަނެވެ. އޭރު އޭނާގެ އަތުގައ ދެ ތަށި ކޮފީ ހުއްޓެވެ.

"ޒައު... ނޯ ނީޑް ޓް ދޫ ދިސް އިނގޭ... މިތަނުގައި އުޅޭ އަހްމަދު ގާތު ބުނީމަވެސް ގެނެސްދިނީސް....." ހިންހެޔޮ ހިނިތުންވުމެއް އަނާލް ޒައުނާ އަށް ހަދިޔާ ކޮށްލިއެވެ. ޒައުނާ ވެސް އެއީ މާބޮޑު މައްސަލައެއްނޫނޭ ބުނަމުން ނުކުންނަން ހިނގައިގަތެވެ.

*****

ހަފްތާއެއް ފާއިތުވެގެން ދިޔައިރު އިޒިއަން އާއި އަނާލް ވެސް ފެންނަނީ މަސައްކަތުގައި ނުހަނު ބުރަކޮށް އުޅޭތަނެވެ. ބައެއްފަހަރު އަނާލް އިޒިއަން އާއެކު މަސައްކަތުގައި ހޭދަ ކުރާއިރު އޭނާގެ މޫނުމަތިން ކޮންމެވެސް ކަމަކާ ހާސްވެ ކަންބޮޑުވެފައި ހުންނަ ކަމުގެ އަސަރުތައް ފެނެއެވެ. މިއިން އެއްވެސް ފަހަރަކު އިޒިއަން އަނާލް އާ ސުވާލުކޮށެއް ނަހަދައެވެ.

އަނާލް އާއި އިޒިއަން ތިބީ އަނާލްގެ ކެބިންގައެވެ. އެއީ އެމީހުން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކެބިންއެވެ. އަނާލް ގެ ގޮނޑިއަކީ އިލްކްޓޮރޯނިކް ދުއްވޭ ގޮނޑިއަކަށް ވުމާއެކު ކަންތައް ތައް ކުރުމުގައި އަނާލްއަށް އެއްވެސް ވަރަކަށް ދައްޗެއް ނުވެއެވެ.

އިޒިއަން މަސައްކަތް ކުރަން އިން އިރު އޭނާގެ ހުރިހާ ސަމާލް ކަމެއްވެސް ހުރީ އަތުގައި އޮތް ގަނޑަށް ހުއްޓިފައެވެ. އަނާލް އޭނާގެ ގޮނޑި ދުއްވާލީ ތަންކޮޅެއް ދުރުގައި ބަހައްޓާފައި ހުރި ފައިލް ހަރުގަނޑުން ފައިލް އެއް ބަލާ ދިޔުމަށެވެ. އޭނާ ފައިލް ހަރުގަނޑު ގާތުގައި މަޑުކޮށްލިއެވެ. ހަނދާން ވާ ގޮތުން އެ ފައިލް ލީ އެންމެ ތިރިއަށެވެ. އެހެންނަމަވެސް ތިރީގެ ހުރި ހުރިހާ ފައިލްތައް ބަލާ ނިމުނު އިރުވެސް އެ ފައިލް އެއް ނުފެނުނެވެ. އެހެންކަމުން އަނާލް އަތުން މަތީގައި ހުރި ކަބަޑް ތަކުގައި ހުރި ފައިލް ތަކުގައި އަތް ޖެހޭތޯ މަސައްކަތް ކުރިއެވެ. ގޮނޑި ތަންކޮޅެއް ފަހަތަށް ދުއްވާލުމާއެކު އޭނާ ކުޑަކޮށް ހަށިގަނޑު އުފުއްލާލަން މަސައްކަތް ކުރިއެވެ.

އަނާލް ކުރާ ކަމެއް ބަލަން ވެގެން އިސް އުފުލާލި އިޒިއަން އަށް އަނާލް ހެދި ގޮތް ފެނި ކޮޅަށް ތެދުވެވުނެވެ. ގޮނޑިއަށް އަންނަމުން ދިޔަ ބަދަލް އާއި އެއްއަރިވަމުން ދިޔަ ގޮނޑި ފެނި އިޒިއަން އަށް އެދިމާލަށް ދުއްވައިގަނެވުނެވެ. އަތުގައި އޮތް ގަނޑުތައް މުޅިތަނަށް ވެރިގެން ދިޔަޔަސް އެއިން އެއްވެސް ކަމަކަށް އިޒިއަން އަށް ސަމާލް ކަން ދެވޭގޮތެއްނުވިއެވެ. އަނާލް އަށް ވެސް ގޮނޑި ވެއްޓެމުން ދާ ކަހަލަ އިހްސާސް ކުރެވުމާއެކު ހަޅޭއްލަވައިގަނެވުނެވެ. ދެލޯ މަރާ ފިއްތާލީ ވެއްޓޭނޭކަން ޔަގީން ވާ ހާލުގައެވެ.

(ނުނިމޭ)

http://sun.mv/113315

comment ކޮމެންޓް