ފަނޑު އައްޔެއް ވާ އެ ކޮޓަރި ތެރޭގައި އެކަނި އޮތް އަނާލްގެ ނޭވާ ހިނދެއް ހިނދަކަށް ކުރުވަމުން ދިޔައެވެ. "ނާލް... ނާލް... ވަޓް ހެޕެންޑް... ނާލް" ފާހާނާގައި ހުރި ދީމްއަށް އަނާލްގެ ހަޅޭކުގެ އަޑު އިވުމާއެކު އަވަސްއަވަހަށް ނުކުތީ އަނާލް އަށް ކަމެއް ވީ ކަން ޔަގީން ކުރެވުމާ އެކުގައެވެ.

އޭނާ ނުކުތް އިރު ދޮރު ހުޅުވާލާފައި މަޒާޔާވެސް ވަންނަނީއެވެ. މަޒާޔާ ވިދުވަރެއްހާ ހަލުވިކޮށް ދުވެލާފައި ގޮސް އަނާލް ގާތު އެނދުމަތީގައި އިށީނެވެ. އޭރު އަނާލް ނޭވާ ނުލެވިގެން ތެޅެމުން ދިޔައެވެ.

"ކިތައް ފަހަރުތަ ދީމް ގާތު ބުނަންވީ މިކަހަލަ ރޭރޭ އަނާލް އެކަނި ނުކުރާށޭ..." އަނާލްއަށް ވަމުންދިޔަ ގޮތް ފެނި ހާސްވެފައި ހުރި މަޒާޔާ އެދިމާލަށް އައި ދީމްއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ދީމް އިސްޖަހާލިއެވެ. އޭނާ އަށް ކުށްވެރި ކުރެވުނީ އަމިއްލަ ނަފްސެވެ. ފެންވަރަން ވަންނަމުން އެހެން މީހަކަށް ގޮވާލެވުނު ނަމައެވެ. އަނާލްއަށް އެހާލެއް ނުޖެހުނީހެވެ. އޭނާގެ ލޮލަށް ވަގުތުން ކަރުނަތައް ޖަމާވިއެވެ.

ކަރުނަ ފޮހެމުން ދީމް އަނާލްގެ ގާތަށް ޖެހިލިއެވެ. އޭރު މަޒާޔާ އިންޖެކްޝަން ޖަހަން ތައްޔާރުވަނީއެވެ. އަނާލް ގެ ނޭވާ ހަމަ އަކަށް އެޅެމުން ދިޔަ ނަމަވެސް އަޅަމުން ދިޔަ ތުރު ތުރަށް އެއްވެސް ބަދަލެއް ނާދެއެވެ. އަތް ފިނިވެފައި ވަނީ އެހާ ބޮޑަށެވެ.

މަޒާޔާ އިންޖެކްޝަން ޖެހުމަށް ފަހު އަނާލް ގެ ބޮލުގައި ފިރުމާލިއެވެ. އަނާލް އަށް އަރަމުން ދިޔަ ބާރުގަނޑު މަޑުމަޑުން މަޑުވަމުން ދިޔަ އިރު އެ ދެލޯ ވެސް ދިޔައީ މެރެމުންނެވެ.

"އައި އެމް ސޮރީ" މަޒާޔާ އެނދުން ތެދުވެ އަނާލް ގައިގައި ރަޖާ އަޅާލަ ދިނުމާއެކު ދީމް ބުނެލިއެވެ. އެ އަޑުގައިވަނީ ހިތާމަވެރިކަމެވެ. މަޑު މޮޅިކަމެވެ.

"އިޓްސް އޯކޭ ދީމް... ވަރަށް ބާރަށް ދޯ ވާހަކަ ދެއްކުނީ.... ސޮރީ އިނގޭ... ނާލް އާމެދު ކަންބޮޑުވެފަ ހުރިވަރުން... " މަޒާޔާ ދީމް ގާތަށް ގޮސް ބައްދާލަމުން ވާހަކަ ދެއްކިއެވެ. އޭނާ ދީމްގެ ލޮލަށް ޖަމާވެފައިވާ ކަރުނަތައް ފޮހެދިނެވެ. އަދި އޯގާތެރިކަމާއެކު ދީމް ގެ ގައިގައި މަޒާޔާ ބައްދާލިއެވެ. ބާރަށް އެއްޗެއް ބުނެވުނީތީ އަދިވެސް އެއްފަހަރު މާފަށް އެދުނެވެ.

"ދެން ނުރޯތި އިނގޭ...." މަޒާޔާ ދީމް އަށް ބުނެލިއެވެ. ދީމް ހިނިތުންވެލިއެވެ. އޭނާ އަނާލް އަށް ބަލާލިއެވެ. އަރާމް ކޮށް ނިދާފައިވާ އަނާލް ފެނި ދީމް ހަމަޖެހުނެވެ.

"ތެންކިޔު ސިސް...." ދީމް ޝުކުރު އަދާކުރިއެވެ. އެއާއެކު މަޒާޔާ ހިނިތުންވެލިއެވެ. އޭނާ އަނާލް އަށް ބަލާލާފައި ކޮޓަރިން ބޭރަށް މިސްރާބުޖެހީ ކަމެއް ވާނަމަ ލަސްނުކޮށް ގޮވާލަން ބުނެފައެވެ. މިރޭ ދެން އަނާލް ހޭ ނުލާނެކަން އެނގުނުނަމަވެސް އަދިވެސް އެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ވެއެވެ. އައްމާރު ވެސް އެކުވެރިއެއް ނިޔާވެގެން ސަހަރާއަށް ދިޔަ ގޮތަށް އަދިއެއް ގެއަކަށް ނާދެއެވެ. އެހެންކަމުން އޭނާ އަށް ނުނިދިގެން އޭނާ އިނީ މެގަޒިން އެއް ކިޔާށެވެ. އަނާލް ގެ އަޑު އޭނާގެ ކަންފަތާ ހަމައަށް ފޯރީ ފަނޑުކޮށެވެ. ނިދާފައި އޮތްނަމަ އަޑު ނީވުނީސްއެވެ.

ދީމްވެސް މަޒާޔާ ދިޔުމާއެކު އެއްފަރާތުގައި ހުރި މޭޒު ދޮށުގައި އިށީނދެ އިނދެ ސްޓަޑީ ލައިޓް ޖައްސާލާ ފޮތްތައް ހުޅުވާލީ އެސައިންމެންޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ބޭނުމުގައެވެ. އޭނާގެ ނަޒަރު އިރު އިރު ކޮޅަކާ އަނާލް އަށް ހުއްޓެވެ. އޭރުވެސް ބޯ ކޮށް ވާރޭވެހޭއަޑު ކޮންމެވެސް ވަރަކަށް އެ ކޮޓަރި ތެރެއަށް އިވެމުން ދެއެވެ.

ދީމް އެތައް އިރެއްވާންދެން ފޮތްތައް ދޮށުގައި އިނެވެ. އެންމެ ފަހުން ލޮލަށް ނިދި ސަވާރުވެ ނީނދެވޭ ވަރު ވުމުން ފޮތްތައް ލައްޕާލާ ލައިޓް ނިއްވާލަމުން ނިދަން އަވަސް ވެގަތެވެ. އެނދުމައްޗަށް ވެއްޓި ގަތުމާއެކު ރަޖާ ދަށުގައި ފޮރުވިގަނެ ކަންނެޔޮލުގައި ބައްދާލީ މި އަރާމް ރޭގެ ފިނިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހޯދަން ބޭނުންވެފައި ވާފަދައަކުންނެވެ.

******

ލޯ މަރާލައިގެން އޮވެ ހިޔާލް ތަކުގައި ބެހެމުން ދިޔަ އިޒިއަން ލޯ ހުޅުވާލީ އެ ހަށިގަނޑަށް ފިނިވުމުންނެވެ. ވާރޭގެ ތެރޭގައި ބައިގަޑިއިރަށްވުރެ ގިނަ އިރު ހުރުމުގެ ސަބަބުން އޭނާ ގެ ހަށިގަނޑުގެ އެންމެ ހިމަ ނާރަށްވެސް ފިނީގެ އަސަރު ކުރީކަންނޭގެއެވެ. ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން ހަށިގަނޑަށް ވަމުން ދިޔަ ފިނި ބޮޑުވަމުން ދިޔައެވެ. ގައިގައި ހިފާލާފައިވާ ހުދުކުލައިގެ ތުނި ޓީޝާޓް ގެ ސަބަބުން އޭނާގެ ހަށިގަނޑު ގެ މަސްތައް ރީއްޗަށް އަރާފައިވެއެވެ. ފިނި ބޮޑުވެގެން ނުހުރެވުމާއެކު އިޒިއަން އެތެރެއަށް ވަނެވެ. އަދި ތުވާލި ނަގައިގެން ފާހާނާއަށް ވަނީ ފެންވަރާލުމަށެވެ. ފެންވަރައިގެން ތުވާލި އޮޅައިލައިގެން ނުކުތް އިޒިއަން އަށް އޭސީގެ ފިނިން މާ ބޮޑަށް ފިނިވާން ފެށުމާއެކު ރިމޯޓް ނަގާ އޭސީ ނިއްވާލިއެވެ.

އެ ކޮޓަރިއަކީ ބޮޑު ކޮޓަރިއެކެވެ. ކިންގް ސައިޒް ގެ ބޮޑު އެނދަކާއެކު ބޮޑު އަލަމާރިއަކާއެކު ޑްރެސިން ޓޭބަލް އެއްގެ އިތުރުން ސްޓަޑީޓޭބަލް އެއް ހުރި އެ ކޮޓަރިތެރޭގައި އަޅާފައިވަނީ މަޑު ކާރޕެޓެކެވެ. ހުރިހާ ފަރުނީޗަރުތަކެއްވެސް ކަޅާއި ހުދުން ހުރި އިރު ޑިޒައިން ކޮށްފައި ހުރީ ފިރިހެން ކުއްޖަކަށް އެންމެ ކަމުދާނޭ ގޮތަށެވެ. އެނދުގެ ކުރިމައްޗަށް ވާގޮތަށް ތަންކޮޅެއް ދުރުގައި ފާހާނާއާއި ޖެހިގެން އެއްފަރާތުގައި ހަތަރު ސިޑީގެ ހަރުފަތް ތަކެއް ތިރިއަށް ވާގޮތަށް ހުރި އިރު އެ ތަނުގެ އެތެރޭގައި ސޯފާ ސެޓެއް ބެހެއްޓިފައިވެއެވެ. އެތަނުގެ ކުރިމަތީ ފާރުގައި ޓީވީ އެއް ހަރުކުރެވިފައިވެއެވެ. ތިރީގައި ހުރި ކަބަޑް ގައި ގޭމް ކުޅެން ބޭނުންވާ އެތަކެއް ސާމާނެއް ހުރި އިރު ޓީވީގެ އެއްފަރާތުގައި ބުކްޝެލްފެއް ވެއެވެ. އޭގައި ތަފާތު ވައްތަރުގެ ފޮތްތައް ހުއްޓެވެ. ފާރުތަކުގައި ފިލާކޮޅުތަކެއް ހަރު ކުރެވިފައިވާއިރު އެއިން ކޮންމެ ފިލައެއްގެ މަތީގައި ޕްލާސްޓިކް ގަހެއް ބެހެއްޓިފައި ވެއެވެ. ބަލާބެލުމަށް ކޮޓަރި ވަރަށް ހިތްގައިމުވެފައި ތަނަވަހެވެ.

އިޒިއަން އޭނާ ނިދަން ލާ ޓްރެކްޝޫޓް ލަމުން އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. ގަޑި ބަލާލިއިރު ގަޑިން ބާރަ ޖަހަނީއެވެ. ތާރީހަށް އޭނާގެ ނަޒަރު ހުއްޓުމާއެކު އަނެއްކާ ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ. 30 ސެޕްޓެމްބަރަކީ އެ ދުވަހެއްގެ ހިތި ހަނދާންތަކެއް އޭނާގެ ހަޔާތާ ގުޅިފައިވާ ދުވަހެކެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟ އެ ދުވަހާ ރާއްޖެ އައި ފުރަތަމަ ދުވަހާ ދިމާވުމަކީ އިއްތިފާގަކަށް ވަނީ ހެއްޔެވެ؟ ނޫނެކެވެ. ތަޤްދީރުގައި ލިޔެވިފައިވަނީ ކީކޭ ހެއްޔެވެ؟

ވިސްނި ވަރަކަށް ބޯ ހާސްވުން ނޫން ކަމެއް ނުވިއެވެ. ހިސާބެއްގެ ނުތަނަވަސް ކަމަކާއި ބިރުވެރިކަމެއް ވެސް އެ ހިތުގައި ވިއެވެ. ލޯ މަރާލާ އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިޒިއަން ގެ ހިޔާލީ މަންޒަރަށް ފަނޑު ފަނޑުކޮށް އަންހެން ކުއްޖެއްގެ ސޫރަ ސިފަވުމާއެކު ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ. އުދާސްކަމާއި ހަލަބޮލިކަން ނަފްސަށް ވެރިވެފައި ވުމާއެކު ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލުމާއެކު ކަރުދޮށުގައިވެސް އަތް ހާކާލެވުނެވެ.

ފުންކޮށް ދެތިން ނޭވާ ލެވުމާއެކު އިޒިއަން އަށް ތެދުވެވުމާއެކު އެނދުމަތީގައި އިށީނދެވުނެވެ. ބޮލުގެ އިސްތަށިގަނޑު ގެ ތެރެއަށް އަތް މަހާލުމާއެކު އޭނާ އަށް ދެލޯ މަރާ ފިއްތާލެވުނެވެ. އަންނަމުން ދިޔަ ހިޔާލް ތަކުގެ ސަބަބުން އޭނާގެ ބޮލަށް ބަރުކަމެއް ވެސް އިހްސާސްކުރެވުނެވެ. ސައިޑް ކަބަޑް މަތީ ހުރި ފެންޖަގުން ތައްޓަށް ފެންއަޅައިގެން ކޯވާރެއް ދަމާލުމަށް ފަހު ބާރަށް ތަށި ބެހެއްޓި އަޑު އެ ކޮޓަރި ތެރޭގައި ގުގުމާލިއެވެ.

ހިޔާލް ތަކުން ނުކުންނަމުން އިޒިއަން އަނެއްކާވެސް އޮށޯވެލިއެވެ. އަދި ނިދޭތޯ މަސައްކަތް ކުރިއެވެ.

******

ހޮސްޕިޓަލް ގައި ފަހުން ވެސް ކަމެއް ދިމާވެގެން ޝާހީން އަށް އާދެވުނީ އެކެއް ޖަހަން އުޅެނިކޮށެވެ. އައި ގޮތަށް އައިސް ޝާހީން ވެސް ފެންވަރާލީ ވަރުބަލިވެފައި ހުރި ލެއް ބޮޑުކަމުންނެވެ. އަނެއްކޮޅުން މާދަމާއަކީ ވެސް ބިޒީ ދުވަހަކަށް ވުމާއެކު ހަށިގަނޑު ތާޒާ ކޮށްލަން ވެސް ޖެހޭނެއެވެ. އެނދުގައި އޮށޯވެ ވައިބާ ބަލާލިއިރު ކޭސް އަކާ ބެހޭގޮތުން ކޮންމެވެސް މީހަކު ވައިބާ ކޮށްފައި އިނެވެ. އެއަށް ޖަވާބު ދީފައި ލޯ މަރާލީ ނިދީގެ ފޮނި އާލަމަށް ދަތުރު ކުރަން ބޭނުންވެފައި ވާފަދައަކުންނެވެ. އެހެންނަމަވެސް ނިންޖަށް ފުރުސަތު ނުދީ ހިޔާލުގެ ވާފަށް ދަތުރު ކުރީ މިއަދު ފެނުނު އަންހެން ކުއްޖާ އާ ދިމާލަށެވެ. އެ ކުއްޖާ އާ މެދު އެ ހިތުގައި އިހްސާސްތަކެއް އެބަވެއެވެ. ކޮންމެ ދުވަހަކު އެތަކެއް ފަހަރު ދިމާވެ ވާހަކަ ދެކެވުނު ކަމުގައި ވިނަމަވެސް އަދިވެސް އެ ހިތުގައި އެ ކުއްޖާ އާ މެދު އޮތް އެއްޗެއް ބުނަން ޝާހީން ޖެހިލުންވެއެވެ. އެ ދެމެދުގައި އޮތް އެކުވެރިކަން ފުނޑު ފުނޑު ވާން ބޭނުންނުވާތީއެވެ.

******

ހެނދުނު އެރި އިރާއެކު މާލޭގެ މަގުތައް މަތި އަނެއްކާވެސް ހަލަބޮލި ވެއްޖެއެވެ. ދުއްވާ އެއްޗިއްސާ ހިނގާ ބިނގާވެ އުޅޭ މީހުންނެވެ. ރޭގައި އެވަރަށް ވިއްސާރަ ކުރިކަމުގައި ވިނަމަވެސް މިއަދު އުޑުމަތި ފެންނަނީ ނުހަނު ސާފުކޮށެވެ.

މާލޭގެ މަގުމަތީގައި ދުއްވާފައި ދިޔަ ކަޅުކުލައިގެ ކާރުގެ މިސްރާބުހުރީ މާލެ ހުޅުމާލެ ބްރިޖާ ދިމާލަށެވެ. ކާރުގެ ޑްރައިވަރު ފަރުވާތެރިކަމާއެކު ދުއްވަމުން ދިޔަ އިރު ކުރީ ޝީޓް ގައި އިށީނދެގެން އިން ރަކީން އޭރުވެސް ދިޔައީ ބިޒްނަސް ގެ މުހިންމު ވާހަކައެއް ކޮންމެވެސް މީހަކާ ދައްކަމުންނެވެ. އިރު އިރުކޮޅަކާ ތުންފަތަށް ވެރިކޮށްލާ ހިނިތުންވުމުންނާއި ބޯ ޖަހާލާ ގޮތުން އެ އިނީ ވަރަށް ހިންހަމަ ޖެހިފައި ކަން އެނގެއެވެ.

ފޯން ބާއްވަމުން އޭނާ ގަޑިއަށް ބަލާލިއެވެ. ޝީޓް ގައި ލެނގިލީ އަދި ވަގުތު އޮތުމުންނެވެ. ބްރިޖުން ލާފައި ދިޔަ އެ ކާރުގެ މިސްރާބުހުރީ އެއާރޕޯޓަށެވެ.

އެއާރޕޯޓަށް މަޑުކޮށްލި ކާރުން ފެއިބި ރަކީން ގެ މިސްރާބުހުރީ އެރައިވަލް ގޭޓާ ދިމާލަށެވެ. އޭނާ އަނެއްކާވެސް ގަޑިއަށް ބަލާލިއެވެ. ލާފައިހުރީ ކަޅު ކުލައިގެ ގަމީހެކެވެ. ލޮލުގައި ބްރޭންޑެޑް އަވި އައިނެއް އަޅާލާފައިވާއިރު އެ ތޫނު ދެލޯ އޭނާ ވަނީ ފޮރުވާލާފައެވެ. އެރައިވަލް ގޭޓާ ދިމާލުން އަންނަ ތިން މީހަކު ފެނުމާއެކު އޭނާ އަށް ހިނިތުންވެވުނެވެ. އަދި ދެ ފިޔަވަޅު ކުރިއަށް އަޅާލެވުނެވެ.

އަންހެނަކާއި ފިރިހެނަކު ކުރީގައި ހުރި އިރު އެ ދެމީހުންގެ ފަހަތުން ހިނގާފައި އަންނަ އަންހެން ކުއްޖާ އަށް ވެސް ރަކީން ފެނުމާއެކު ހިނިތުންވެވުނެވެ. އަދި އަތުން ހަނާއަޅާލިއެވެ. ރަކީން ވެސް އޭނާގެ އަވިއައިނު ނަގަމުން އަތުން ހަނާއަޅާލަމުން އަނެއްކާވެސް ހިނގައިގަތެވެ.

އެމީހުންނާ އަރާ ހަމަވެފައި ރަކީން ހީލަމުން ވާހަކަ ދެއްކިއެވެ. "ކޮބާ ކިހިނެއްތޯ އަންކަލް.. އާންޓް ކިހިނެތް؟" އަފާޒު އާއި ޝަފޫން އަށް ބަލާލަމުން ރަކީން ވާހަކަ ދެއްކިއެވެ. ރަކީން ޖިދާ އާއި ގާތަށް ޖެހިލަމުން ޖިދާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލާލިއެވެ. އަދި އޭނާ ޖިދާގެ އަތުގައި ހިފާލަމުން ވާހަކަ ދެއްކިއެވެ.

"އައި މިސްޑް ޔޫ" ރަކީން ޖިދާގެ އަތަށް ބާރުކޮށްލިއެވެ.

ޖިދާވެސް ޖަވާބުގައި އޭނާ ވެސް ވަރަށް ހަނދާންވެޔޭ ބުނެލަމުން ރަކީން ގެ އަތަށް ބާރުކޮށްލިއެވެ. ޖިދާ ލާފައި ހުރީ އެއްކޮށް ދިގުކޮށް ހުރި ކަޅު ހެދުމެކެވެ. މަޑު ފިޔާތޮށި ކުލައެއްގެ ޝޯލް އެއް އޭނާގެ ބޮލުގައި އޮޅާލެވިފައި ވީއިރު އެ ދޮން މޫނާ ނުހަނު ގުޅެއެވެ. އަތުގައި އަޅާފައިވާ ގަޑީގެ އިތުރުން އެއްވެސް ކަހަލަ ގަހަނާއެއް ބޭނުން ކޮށްފައެއް ނުވެއެވެ ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާ ތޮށި ކުލައިގެ ސަބަބުން އެ ރީތިކަން ދެގުނަ ވެފައި ވާހެން ހީވާއިރު އެ ބޮޑު ދެލޮލުގެ ތެރެއިން ގަދަ ޗޮކްލެޓް ކުލައިގެ ކަޅި ފެންނަނީ ނުހަނު ހިތްގައިމުކޮށެވެ.

"ހިނގާ ދަމާ ދޯ... ކާރު އޮންނާނެ ރެޑީގަ؟" ރަކީން ޖިދާ އަށް ބަލާލާ ހިނިތުންވެލުމަށްފަހު އެނބުރި ޝަފޫން އާއި އަފާޒު އަށް ބަލާލަމުން ވާހަކަ ދެއްކިއެވެ. އެންމެން އެކޮށް ހިގައިގަތީ ކާރާ ދިމާލަށެވެ. ގެނައި ފޮށިތައް އެރުވުމަށް ޑްރައިވަރު އަވަސް ވެ ގަތް އިރު ޖިދާ އާއި ޝަފޫން އަދި އަފާޒު ފަހަތު ޝީޓަށް އެރިއެވެ. ޑްރައިވަރު އެރުމާއެކު ރަކީންވެސް ލަސްނުކޮށް އައިސް ކުރީ ޝީޓަށް އެރިއެވެ.

ކާރު އޭގެ ދުވެލީގައި ގޮސް "ވައިޓް ރޯޒް ވިއު" ގެ ގޭޓުން އެތެރެއަށް ވަތް އިރު ވެސް ރަކީން ދިޔައީ ފޯނުން ވާހަކަދެއްކަމުންނެވެ. ހީވާގޮތުން މިއަދު އޮންނަ މީޓިން އަށް ރެޑީ ކުރަން ޖެހޭ ފައިލް ތައް ކިޔައިދެނީއެވެ. އެންމެން ކާރުން ފޭބުމުން ރަކީން ގަޑިއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"އަންކަލް... އައި ނީޑް ޓް ގޯ އިނގޭ... ޑޭޑް ވެސް ވަރަށް ބިޒީ ކޮށް އުޅުއްވަނީ... " ރަކީން ވާހަކަ ދެއްކިއެވެ.

"އައި އެމް ސޮރީ ޖިދޫ... ވިލް ބީ ބެކް ސޫން... އައި ޕްރޮމިސް އިނގޭ... " ޖިދާ ކައިރިއަށް ޖެހިލާފައި އެ ކޮލުގައި މަޑު މަޑުން ފިމާލަމުން ރަކީން ވާހަކަ ދެއްކިއެވެ. ޖިދާވެސް ބޯ ޖަހާލަމުން ރަކީން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ރަކީން އާއި އޭނާ އާއި އިދެގެން އުޅޭތާ ފަސް އަހަރު ވެފައި ވާއިރު އަދިވެސް އެ ދެމެދުގައި އޮތީ ވަރުގަދަ ލޯތްބެކެވެ. އެކަކު އަނެކަކު ދެކެ ވާ ތެދުވެރި ލޯބީގެ ސަބަބުން ދުވަހަކުވެސް އެކަކު އަނެކަކާ މައްސަލައެއް ޖެހިފައި ނުވާއިރު އުޅެމުން ދިޔައީ ހަމަޖެހޭ އުފާވެރި ދިރިއުޅުމެކެވެ.

ރަކީން ދާނީ ވަރަށް މުހިންމު ކަމެއް ޖެހިގެން ކަން ޖިދާ އަށް އެނގެއެވެ.

"އަޅޭ ޝަފޫން... ހާދަ އުފާވެއްޖޭ... މަހެއް ފަހުން ފެނުނު އިރު މިހާރު ހާދަ ހިކިއްޖޭ... " ޝަފޫން ގާތަށް އައިސް މަޑުކޮށްލަމުން މަޒާޔާ ވާހަކަ ދެއްކިއެވެ. އޭނާގެ އަޑުންނާއި މޫނުމަތިން އުފާވެފައި ހުންނަ ވަރު ހާމަވެގެން ދިޔައެވެ. އޭނާގެ ނަޒަރު ޖިދާ އަށް ހުއްޓުމާއެކު ޖިދާގާތަށް ގޮސް ބައްދާލިއެވެ.

"ދަރިފުޅުވެސް ހިކިއްޖެހެން ހީވަނީ.. އަނެއްކާ ނުކަނީތަ އެ ކޮޅުގަ އުޅުނު އިރު" މަޒާޔާ ޖިދާ އޭނާގެ ގަޔާ ދުރުކޮށްލަމުން ވާހަކަ ދެއްކިއެވެ.

ޑްރައިވަރު ފޮށިތައް ބޭލުމާއެކު ލަސްނުކޮށް ރަކީން ކާރަށް އެރިއެވެ. ކާރު ނައްޓާލުމާއެކު މަޒާޔާ ވެސް އަވަސްވެގަތީ އެމީހުން ގޮވައިގެން ގެއަށް ވަންނާށެވެ.

ގެއަށް ވަން އިރު ދީމް އެދިމާލަށް އަންނަނީއެވެ. އޭރު އޭނާގެ ނަޒަރު ހުރީ އަތުގައި އޮތް ފޯނަށް ކަމުން އެތެރެއަށް ވަދެގެން އައި އެއްވެސް މީހެއް އޭނާ އަކަށް ނުފެނެއެވެ. "މަޒާ އާންޓީ... ދީމް އެބަޖެހޭ..." ވާހަކަ ދައްކަމުން ދައްކަމުން އައި ދީމް އަށް އެންމެން ފެނުމާއެކު ހުއްޓެވުނެވެ. ހަދާލެވުނު ގޮތަކުން އޭނާ ގެ ފައި ފުރޮޅާލިއެވެ. ނުވެއްޓުނީ ކިރިއާއެވެ. "ދީމް" މަޒާޔާ އަށް ދީމް އަށް ގޮވާލެވުނެވެ. ހަށިގަނޑު ބެލެންސް ކޮށްލި ގޮތުން ދީމް ނުވެއްޓި ސަލާމަތް ވިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން މަޒާޔާ ފުންނޭވާއެއް ލިޔެވެ.

އަފާޒު އަށް ވެސް ދީމް އަށް ގޮވާލެވުނެވެ. އަފާޒު އަކީ އައްމާރު އާއި އެއްބަނޑު އެއްބަފާ ހަމައެކަނި ހުރި ކުއްޖާއެވެ. ޝަފޫން އާއި އަފާޒު އާއި ކައިވެނި ކުރެވުނީ އެރޭންޖް މެރިއޭޖަކުން ނަމަވެސް އެ ދެމެދުގައި މިހާރު އިންތިހާ ލޯބިވެއެވެ.

ދީމް މަޑު ފިޔަވަޅުތަކެއްގައި އެދިމާލަށް އައި އިރު އޭނާގެ ނަޒަރު ފަހަރަކު މީހަކަށް ހުއްޓެމުން ދިޔައެވެ. ގިނަ ވަގުތު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ ޝަފޫން އަށެވެ. އެ ތުންފަތަށް ހިނިތުންވުމެއް ވެރިވާން އުޅެފައިވެސް ޝަފޫން ގެ މޫނުމަތިން ފެނުނު ކުލަވަރުން ދީމް އަށް ހިނިތުންވާކަށް ވެސް ނުކެރުނެވެ. އޭނާ އިސްޖަހާލިއެވެ. މަޑު ފިޔަވަޅުތަކެއްގައި އައިސް އޭނާ ޝަފޫން ގާތަށް ހުއްޓުނެވެ. "މަންމާ" ދީމް ޝަފޫން އަށް ގޮވާލަމުން ބައްދާލަން އުޅުނެވެ. އެހެންނަމަވެސް ޝަފޫން ކުއްލިއަކަށް ފަހަތަށް ޖެހިލުމުން ދީމް ވެސް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.

ޝަފޫން ގެ މި އަމަލުން އަފާޒު ނުރުހުންވިއެވެ. އޭނާ ދީމް ގާތަށް ޖެހިލާ ދީމްގެ ބޮލުގައި ފިރުމާލަމުން ވާހަކަ ދެއްކިއެވެ.

"ކިހިނެތްތަ ދަރިފުޅާ؟" އަފާޒު ސުވާލުކޮށްލިއެވެ.

"ރަނގަޅު" ދީމް ވާހަކަ ދެއްކިއިރު އެ އަޑު ކުރެހިގެން ދިޔައެވެ. "އަޅޭ... ޑެޑީ ގެ ޕްރިންސެސް... ކިހިނެތްވީތަ؟" އަފާޒު އަށް ވީ ގޮތް އެނގުނުކަމުގައިވިނަމަވެސް އޭނާ ބެލީ ދީމް ހިންހަމަ ޖައްސައިދެވޭތޯއެވެ. އެހެންކަމުން އަފާޒު މަޖާ ގޮތަކަށް އެހެންބުނެލިއެވެ. ދީމް ހިނިތުންވާން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. ކަރުނަތައް ދެލޮލަށް ޖަމާވުމާއެކު ދީމް އަށް ހިން ދިރުވާލެވުނެވެ.

ދީމް އަފާޒު އަށް ބަލާލިއެވެ. އެއާއެކު އަފާޒު ދީމް އާ ދިމާލަށް ބޯ ހޫރާލަމުން ނުރުއިމަށް އެދުނެވެ. ޝަފޫން ދުރަށް ޖެހިލިއިރު އޭނާގެ މޫނުމަތިން އޭރުވެސް ނުރުހުމުގެ އަސަރު ފާޅުވަމުން ދިޔައެވެ.

އެ މަންމަގެ ރުހުން ހޯދުމަށް ދީމް ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟. ޝަފޫން ދީމް ދެކެ އަންނަ ނަފްރަތުގެ ސަބަބަކީ ކޮބައިކަމެއް ވިސްނާ ވިސްނާވެސް ދީމް އަކަށް ނޭނގެއެވެ. އަމިއްލަ މަންމަ އަކު ދަރިއަކު ދެކެ އެހާ ރުޅި އަންނާނީ ގައިމު ކޮންމެވެސް ސަބަބެއް އޮވެގެންތާއެވެ.

މަންމައާއި ދަރިއެއްގެ ދެމެދުގައި އޮންނަން ޖެހޭ ފަދަ އެއްވެސް ގުޅުމެއް އެ ދެމެދުގައި ނުވެއެވެ. ޝަފޫން ދީމް ދެކެ ކިތަންމެ ރުޅިއަޔަސް އަފާޒު ދީމް ދެކެ އިންތިހާއަށް ލޯބިވެއެވެ. ޝަފޫން ގެ އަނގައިން ބުނެލާ ވިހަ ގަދަބަސްތަކުން ދީމް ގެ ހިތް ކުދި ކުދިވާ ކޮންމެ ފަހަރަކު ދީމް އަށް ހިތްވަރު ދެނީ އަފާޒުއެވެ. ދީމް ގެ ޝަކުވާ އަޑު އަހަން ޖެހެނީ މަދެއްކޮށެއްނޫނެވެ. އެހެންނަމަވެސް ދީމް ގެ އެއްވެސް ސުވާލަކަށް އަފާޒު އަށް ޖަވާބު ދެވޭކަށް ނެތެވެ.

ޝަފޫން އާއި އަފާޒު އާ ދެމެދު މައްސަލައެއް ޖެހުނަސް ޖެހޭނީ ދީމް އާ ގުޅުވައިގެންނެވެ. ގިނަފަހަރަށް ދީމް އާ ދޭތެރޭ ޝަފޫން ކަންތައް ކުރާ ގޮތުން އަފާޒު ހިންހަމަ ނުޖެހިގެންނެވެ.

"ކޮބާ ނާލް؟" ޝަފޫން ގޭތެރޭގެ އެކި ދިމަ ދިމާލަށް ނަޒަރު ހުއްޓައިލައިގެން ހުރެ ބުނެލިއެވެ. "ނާލް ނިދާފަ... ހެނދުނު ހޭލާފަ ސައިބޮއިގެން އަނެއްކާ ނިދައިފި... " މަޒާޔާ ވާހަކަދައްކަމުން ޝަފޫން އަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ.

ގެއަކީ ބޮޑު ގެއެކެވެ. ގޭގެ ކަނާތް ފަރާތުގައި މައްޗަށް އަރާ ސިޑި އިންނަނީ ވަށް ކޮށެވެ. ކާކޮޓަރި ވެސް އެއްފަރާތަށް ވާ ގޮތަށް އިނެވެ. ވަށައިގެން އެހެން ކޮޓަރި ތައް ހުއްޓެވެ. ސިޑީގެ އެއްފަރާތަށް ވާގޮތަށް މަޒާޔާ މެން ގެ ކޮޓަރި ހުރިއިރު އެ ކޮޓަރިއާ ޖެހިގެން ހުންނަނީ ދީމް އާއި އަނާލް ގެ ކޮޓަރިއެވެ.

"ވަރުބަލިވެފަ ދޯ ތިބޭނީ... ތާޒާވެލައިގެން އަންނަން ވީނު އެއްޗެއް ކާން... މިދަނީ ސަރާ ގާބު ބުނެލަން..." މަޒާޔާ ކާކޮޓަރިއާ ދިމާލަށް ހިނގައިގަންނަމުން ވާހަކަ ދެއްކިއެވެ. އެހެން އެންމެން އެމީހެއްގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. އަފާޒު އާއި ޝަފޫން އަދި ޖިދާވެސް ސިޑިން މައްޗަށް އެރީ އެމީހުންގެ ކޮޓަރި ހުންނަނީ މަތީގައި ކަމަށް ވީތީއެވެ.

*****

ހެނދުނު ހޭލި އިޒިއަން ގެ ބޮލުގައި ވަރަށް ގަދައަށް ރިއްސަމުން ދިޔައީތީ އޭނާ އޮފީހަށް ދިޔައީ ވެސް ތަންކޮޅެއް ލަހުންނެވެ. ދާން ބޭނުންނުވެ ހުރެފައިވެސް މަޖުބޫރުވީ މިދުވަސްކޮޅު އޮފީހުގައި ކުރަމުން ދިޔަ މުހިންމު މަސައްކަތްތަކެއް ނިންމަން ޖެހޭތީއެވެ. އޮފީހުގައި އޭނާގެ ކެބިންގައި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިންނަން ޖެހުމުން އޭނާގެ ބޮލުގެ ރިހުން އިތުރަށް ގަދަވާހެން އިޒިއަން އަށް ހީވިއެވެ. އިޒިއަން އަތުގެ ދެ އިނގިލިން ނިތް ކުރިމަތީގައި އަތް ހާކާލިއެވެ. މޭޒުގައި ބޯ އަޅާލެވުނީ ބޮލަށް ބަރުވީ ވަރުންނެވެ.

ފޯން ރިންގް ވުމާއެކު އިޒިއަން ފޯން ނަގާ ކާކުތޯ ބަލާލިއެވެ. ބައްޕައަށް ވުމާއެކު އޭނާ ލަސްނުކޮށް ފޯން ކަންފަތުގައި ޖައްސާލިއެވެ. "ދަރިފުޅާ... ގްރޭންޑް ކޮންޕެނީގެ މައި އޮފީހަށް ގޮސްލަދީބަލަ... މިއަދު ވެސް ސިންގަޕޫރުން އެބަ އާދޭ އެކޮޅުގެ އޮފީހުގެ ބޮޑެތިމީހުންތަކެއް... އެހެންވެ ބައްޕަ އަކަށް ނެތޭ ދެވޭކަށް... އައްމާރުމެން ގެ އޮފީހުން ދޭފައިލް ތަކުގެ ކޮޕީއެއް ހިފައިގެން ވީހާވެސް އަވަހަކަށް ބައްޕައަށް ގެނެސްދީ އިނގޭ...." ފަހީމް ފޯނުން ބުނަން ބޭނުންވާ ވާހަކަ ބުނުމަށް ފަހު ފޯން ބޭއްވީ އޭނާ އެވަގުތުވެސް އުޅުނުލެއް ބިޒީ ކަމުންނެވެ.

އިޒިއަން ވެސް މާގިނަ ވާހަކަތަކެއް ނުދައްކާ ފޯން ބޭއްވިއެވެ. އަދި އަވަސްވެގަތީ ދި ގްރޭންޑް ކޮންޕެނީގެ މައި އޮފީހަށް ދިޔުމަށެވެ. ދެބައި މީހުންގެ ދެމެދު ވެވުނު އެއްބަސްވުމާ އެއީ ކޮންކަމަކާ ގުޅިގެން ހެދުނު އެއްބަސްވުމެއް ކަން މާ ރަނގަޅަކަށް އިޒިއަން އަކަށް ނޭނގެއެވެ. ފަހުން ބައްދަލުކޮށްފައި އެ ހުރިހާ ކަމެއްގެ ތަފްސީލް ދޭނެކަމަށް ބައްޕަ އޮތީ ބުނެފައެވެ. އިއްޔެގަވެސް އޭނާ އެ އޮފީހަށް ދިޔައީ ބައްޕަ އަށް ދެވެން ނެތުމުންނެވެ.

އިޒިއަން އޮފީހުންނުކުންނަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެވަގުތު އެ އޮފީހުން ފެނުނު އަންހެން ކުއްޖާ މަތިން އިޒިއަން އަށް ހަނދާންވުމާއެކު ދެލޯ މަރާ ފިއްތާލެވުނެވެ. އަމިއްލަ ހިތުގެ ހިނގުން ހިނދުކޮޅަކަށް ނަމަވެސް މަޑު ޖެހިލިގެން ހީވިއެވެ. އެ ކުއްޖާގެ މަތިން އޭނާ އަށް ހަނދާން ނައްތާނުލެވެއެވެ. އަބަދުވެސް ހިތާ ސިކުނޑީގައި ރަސްކަން ކުރަމުން ދަނީ އެ އަންހެން ކުއްޖާއެވެ. ކުޑަވަގުތު ކޮޅަކަށް ނަމަވެސް އެ ކުއްޖާ މަތިން ހަނދާން ނައްތާލެވޭހެން ހީވާ އިރަށް ސިކުނޑީގެ ކަނެއްގައި އެ ކުއްޖާގެ ތަސްވީރު ހިއްޕާލަނީ ހަނދާން ނައްތާލިޔަކަ ނުދޭނަމޭ ބުނާ ފަދައަކުންނެވެ.

ޑްރައިވަރަށް ގުޅާލުމާއެކު ލަސްނުކޮށް ޑްރައިވަރު އައެވެ. އެއާއެކު އިޒިއަން އޭނާ ދާންވީ މަންޒިލް ބުނެލަދިނެވެ. ޑްރައިވަރު ކާރު ދުއްވާލުމާއެކު އޭނާ އަށް ޝީޓް ގައި ލެނގިލަމުން ލޯ މަރާލެވުނެވެ. އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ.

އިޒިއަން ދިޔަ ގޮތަށް ދާންޖެހުނީ ރަކީން ގެ ކެބިންއަށެވެ. ރަކީން އިޒިއަން އަތަށް ފައިލް ތަކުގެ ކޮޕީ ދިނުމާއެކު އިޒިއަން ޝުކުރު އަދާކުރިއެވެ. "އަސްލު ހަގީގަތުގައި މި ޕްރޮޖެކްޓަކީ ވަރަށް ކާމިޔާބު ކަމާއެކު ނިންމާލަން ބޭނުންވާ ޕްރޮޖެކްޓެއް... މި ޕްރޮޖެކްޓް ގެ މަސައްކަތުގައި މިކޮޅުން ހަރަކާތް ތެރިވާ ކުއްޖާ މާދަމާ ނޫނީ މި ހަފްތާ ތެރޭގައ ތިކޮޅަށް އަންނާގަން... " ރަކީން ކުޑަ ގޮތަކަށް ކަންތައްތައް އިޒިއަން އަށް ކިޔައިދިނެވެ. ދެމީހުން ވާހަކަ ދައްކައިލަން ކުޑަ އިރުކޮޅަކު ތިއްބެވެ.

އެނބުރި ގޮސް އިޒިއަން އެ ފައިލް ތައް ހަވާލުކުރަން ބެލިއިރު ފަހީމް އެއް ކެބިން އަކުނެތެވެ. އޭނާ އެނބުރި ކެބިން އަށްގޮސް ކުރަން ހުރި އެންމެހާ މަސައްކަތް ތައް ކުރަން އަވަސްވެގަތެވެ. ހެނދުނު އޮފީހަށް ދިޔަ އިޒިއަން ނިމޭވަރުވީ ހަވީރު ހަތަރެއްޖެހިފަހުންނެވެ. ބައްޕަ ގުޅާފައި ފައިލް ތައް ހިފައިގެން ގެއަށް އަންނައިރު އަންނަން ބުނުމުން އިޒިއަށް އެ ފައިލް ތައް ހިފައިގެން ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ގެގޭ ބޮޑުގޭޓުން ކާރު ވަދެގެން ދިޔަ އިރުވެސް އެކަމުގައި ހިލަމެއް އިޒިއަން އަކަށް ނުވިއެވެ. އޭނާ އިނީ ހިޔާލަކަށް ގެއްލިފައެވެ.

އިޒިއަން އަށް ހޭވެރިކަން ވީ ޑްރައިވަރު ވާހަކަ ދެއްކުމުންނެވެ. އޭނާ ސިހިފައި ދެފަރާތަށް ބޯ ހޫރާލިއެވެ. އަދި އަތުގައި އޮތް ގަޑިއަށް ބަލާލަމުން ކާރުން ފޭބިއެވެ. ޑްރައިވަރު ކާރު ގެންގޮސް ގޭގެ އެއްފަރާތުގައި ގެއާ ޖައްސައިގެން ހަދާފައިވާ ގަރާޖުގައި ޕާރކުކޮށްލިއެވެ. އޭރު އެތަނުގައި އެހެން ކާރެއްވެސް އޮތެވެ. ގޭގެ ގޯތިތެރޭގައި ރަތް ކުލައިގެ ގާ ޖަހާފައިވާއިރު ވަށާފާރު ވަށައިގެން ގަސްތައް ހައްދާފައިވެއެވެ. އެ ގަސްތަކުގެ ކައިރީގައި ވަށައިގެނެ ފެންގަޑެއް ދައުރު ވާގޮތަށް ހަދާފައިވާއިރު ހިތްގައިމެވެ. ގާތަކުގެ ދޭތެރެ ދޭތެރެއިން މާގަސްތަށް ބޮޑިއަކަށް ހައްދާފައިވާއިރު ބަލައިލަން ހިތްގައިމެވެ. ވާތް ފަރާތުގައި ވިނަގަނޑެއް ހައްދާފައިވާއިރު ގެގޭ އެފަރާތުގައި ހުރި ބޮނޑު އަބުގަހާ ހިސާބަށް ވިނަގަނޑު ފެތުރިފައިވެއެވެ. ގަހުގެ ބުޑު ވަށައިގެންވެސް ވިނަގަނޑު ހުރުމާއެކު ރީތިކަމެއް މުޅި އެހިސާބަށްވެސް ވެރިވެފައިވެއެވެ. އިޒިއަން ގޭގެ މައި ދޮރުން އެތެރެއަށް ވަނެވެ. އޭނާގެ މިސްރާބުރީ މައިގެ ތެރެއިން ލާފައި ގޮސް އެއްފަރާތުގައި އިން ސިޑިއާ ދިމާލަށެވެ. ގެއަކީ ތިން ބުރީގެ ބޮޑު ގެއެއް ނަމަވެސް އިޒިއަން ގެ ކޮޓަރި ހުންނަނީ ފުރަތަމަ ފަންގިފިލާގައެވެ.

މައިގޭތެރޭގައި ސިޑި އިން ފަރާތް ނޫން އަނެއްފަރާތުގައި ލިފްޓް ހުރިނަމަވެސް އިޒިއަން ގިނައިން ބޭނުން ކޮށް އުޅެނީ ސިޑިއެވެ. ގޭގެ ބޮޑުކޮޓަރީގައި ބަހައްޓާފައިވާ ސޯފާތަކުގައި ޝާހީކަމެއް ހުއްޓެވެ. އެ ސޯފާތައް ރަތް ކަލުގައި ހުރިއިރު މަހުމާ ފޮތީގައި ހުންނަ ކަހަލަ ވިދުމެއް ހުއްޓެވެ. ލެނގޭބައިގައި ރަން ކުލައިގެ ރޭންދާއެއް ފާޑު އެއްޗަކުން ރީތި ގޮތަކަށް ޑިޒައިން ކޮށްފައިވާއިރު ނުހަނު ހިތްގައިމެވެ. ހަތަރެސްކަނަށް ހުރި ކުޝަންތައް ރީތިކޮށް ސޯފާތަކުގައި ބެހެއްޓިފައި ހުރި އިރު ނުހަނު ތަރުތީބެވެ.

އިޒިއަން ގެއަށް ވަތް އިރު އެއްވެސްމީހެއްގެ ހިލަމެއް ގޭތެރެއަކުން ނުވިއެވެ. އެހެންކަމުން އޭނާ ވެސް އަޅާނުލާ ގޮސް ކޮޓަރިއަށް ވަނީއެވެ.

އެނދުގައި ޖައްސާލުމާއެކު ނިދުނީ ވެފައި ހުރި ވަރުބައްޔެއްގެ ބޮޑުކަމުންނެވެ. ހޭލެވުނީ ރިންގް ވަމުން ދިޔަ ފޯން ގެ އަޑުންނެވެ. ބައްޕައަށް ވުމާއެކު އޭނާފޯންނެގިއެވެ. ފަހީމް އެދުނީ ފައިލް ތައް ހިފައިގެން ސްޓަޑީއަށް އައުމަށެވެ. އެހެންކަމުން ލަސްނުކޮށް އިޒިއަން އެނދުން ތެދުވެ ފާހާނާއަށް ވަދެ ކުޑަކޮށް މޫނު ދޮވެލާ ނިދީގެ އަސަރު ފިލުވާލިއެވެ. އޭރު ގަޑިން އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ތިރިއަށް ފައިބާ އޭނާ ބޮޑު ކޮޓަރީގެ ސިޑީގެ ފުރަގަހުގައި އެއްފަރާތަށް ވާގޮތަށް އިންނަ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އަދި އެތެރެއަށް ވަނެވެ.

އެތަން ކުޑަވަރެއްގެ ލައިބްރަރީއަކާ އެއްވަރެވެ. ތަފާތު ވައްތަރުގެ ފޮތް ތައް ހަރުގަނޑުގައި ހުރި އިރު ފައިލްތަކާއި އެހެނިގެން ލިޔުންތައްވެސް ހަރުތަކުގައި ތަރުތީބު ކުރެވިފައި ހުއްޓެވެ. މެދަށް ވާގޮތަށް ބަހައްޓާފައިވާ ބޮޑު މޭޒު ދޮށުގައި ފަހީމް އިށީނދެގެން އިނެވެ. މޭޒުގެ މެދުގައި އިން ލޭމްޕް ވަނީ ދިއްލާލެވިފައެވެ. ފާރުގައި ހަރުކުރެވިފައިވާ ހުރިހާ ލައިޓެއްވެސް ދިއްލާފައިވާއިރު ސީލިންގުގެ މެދުގައި ހަރުކުރެވިފައިވާ ބޮޑު ޗާނދަލިޔާ ދިއްލާފައި ވުމުން ކޮޓަރި ތެރެއަށް މަޑު އޮރެންޖް ކުލައެއް ވެރިވެފައި ވެއެވެ.

ފަހީމް އަށް އިޒިއަން ފެނުމާއެކު އަތުން އައުމަށް އިޝާރާތް ކޮށްލިއެވެ. އިޒިއަން ގޮސް ފަހީމް ގެ ކުރިމައްޗަށް ވާގޮތަށް އިށީނެވެ. އަދި ފައިލްތައް ބަހައްޓާލުމަށްފަހު ފަހީމް އާ ދިމާލަށް ފައިލް ތައް ޖައްސާލިއެވެ. ފަހީމް އެ ފައިލް ތައް އޭނާ އާގާތަށް ދަމާލުމަށް ފަހު އިޒިއަން އާ ވާހަކަ ދެއްކިއެވެ.

"އިޒް އަށް ވެސް އެނގޭނެ މިހާރު މަންމަ މެންވެސް މިކޮޅަށް ޗޭންޖް ވާން އުޅޭކަން... އެއްކޮށް ބަދަލް ވަނީކަން... ބިޒްނަސް ރާއްޖޭގައިވެސް ބައްޕަ މެން ބޭނުންވޭ ފުޅާކުރަން... އިންޝާ ﷲ ބައްޕަމެން ދަރިފުޅު ގޮވައިގެން ދިޔަ މަގްސަދު ވަރަށް ރަނގަޅަށް ހާސިލް ވެއްޖެ... ދެން ބޭނުންވަނީ ކުރިއެކޭ ވެސް އެއްގޮތަށް މިކޮޅުގައި އުފާވެރި ދިރިއުޅުމެއް އުޅެން... އިޒް އަށް އެނގޭނެ ކަންނޭގެ ބައްޕަ މެން މިކޮޅުގެ ބަޔަކާ ގުޅިގެން ވަރަސް ބޮޑު މަސައްކަތެއް ކުރާކަން..." ފަހީމް ވާހަކަ ފެށީ ދުރު ދުރުންނެވެ. އިޒިއަން އިނީ ފަހީމް ދައްކާ ވާހަކަ ކަނުލާ އަޑު އަހާށެވެ. އޭނާ އިތުރަށް އެއްވެސް އެއްޗެއް ނުބުނެ ހަމަ އެކަނި ބޯ ޖަހާލީއެވެ.

މިއީ އެ ފަސްގަނޑެވެ. އޭނާގެ ހިތި މާޒީ ގުޅިފައިވާ ފަސްގަނޑެވެ. އިޒިއަން އިސްޖަހާލިއެވެ.

"ބައްޕަ ބޭނުންވޭ މި ޕްރޮޖެކްޓާ ދަރިފުޅު ހަވާލުވާން... މި މަސައްކަތުގެ ބޮޑުކަމާއި ވަރުގަދަ ކަމުން އިތުރު މީހަކާ މި މަސައްކަތް ހަވާލުކުރުމުގެ ވިސްނުމެއް ބައްޕަ ގެ ނެތް... ހަގީގަތުގައި ބޭނުންވަނީ ވީހާވެސް ގާތުން މަސައްކަތް އޮބްޒާވް ކުރަން... ބައްޕަ ދަރިފުޅުގެ ގާބިލިއްޔަތާ މެދު ޝައްކެތް ނުކުރަން... ދަރިފުޅު ވީނު މި މަސައްކަތާ ހަވާލުވާން... އެކޮޅުން ވެސް ކުއްޖަކު ހަވާލު ވާނެ... ދެކުދިން އެކުގައި މަސައްކަތް ކުރަން ޖެހޭނީ... އައްމާރު އާ ވެސް ވާހަކަދެއްކިން ބައްޕަ... " ފަހީމް އިތުރަށް އޮޅުން ފިލުވަދިދިނެވެ.

(ނުނިމޭ...)

https://sun.mv/113185

comment ކޮމެންޓް