ޕީއެސްއެމްއަށް ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނަން: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް--- ސަން ފޮޓޯ/ފަޔާޒު މޫސާ

ދައުލަތުގެ މީޑިއާ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުގެ 56 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ ވޭތުވެދިޔަ އަހަރުތަކުގައި ޕީއެސްއެމްގެ ޗެނަލްތައް ހިންގާފައިވާ ގޮތުން އެތައް ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ކަމަށާއި ޗެނަލްތައް ހިންގާފައިވާ ގޮތުން އެތައް ބައެއްގެ ކަންބޮޑުވުންތައް އެބަހުރި ކަމަށެވެ.

ރައީސް ވިދާޅުވީ، ޕީއެސްއެމްއަކީ ރައްޔިތުން ގަބޫލުކުރާ އަދި ރައްޔިތުންގެ މިޑިއާއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި މި ސަރުކާރުން ޕީއެސްއެމްއަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ދައުލަތުގެ މީޑިއާގެ ގޮތުގައި މަސައްކަތްކުރުމުގެ ފުރުސަތު ދެއްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ނޫސްވެރިން ހާމަކުރާ މައުލޫމާތަކުން ނުވަތަ ލިޔާ ލިޔުމަކަށް ބަލައި މި ސަރުކާރުން ނުހައްޤުން އެއްވެސް ނޫސްވެރިޔަކަށް އަދަބު ނުދެއްވާނެކަމަށެވެ.

އޭގެ އިތުރުން ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއް އަންނާނެކަން ހަދާންކުރެއްވުމަށާއި ރައްޔިތުންގެ ވާހަކަތައް ގެނެސްދޭއިރު ހަގީގަތާއި އެއްގޮތަށް ވާހަކަތައް ގެނެސްދެއްވުމަށް ރައީސް ވަނީ އިލްތިމާސްކުރައްވާފައެވެ.

މި ސަރުކާރުން ޕީއެސްއެމް ޒަމާނީ ފެންވަރަށް ގެނެސް އެ ހިދުމަތް ހުރިހާ ރައްޔިތުންނަށް އެއްވެސް ދަތިކަމަކާނުލާ ލިބޭނެ ގޮތް ހަދާ ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ޕަބްލިކް ސާވިސް މީޑިއާއަށް ދާދި ފަހުން ވަނީ މެނޭޖިންގް ޑިރެކްޓަކަރާއި ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރަކު އައްޔަނުކޮށްފައެވެ. މެނޭޖިންގް ޑިރެކްޓަރުކަމަށް އައްޔަނުކުރީ ޓީވީއެމްގެ ސީއީއޯކަންވެސް ކުރިން ކުރެއްވި މ. ފިނިފަރު، އަލީ ޚާލިދެވެ.

އަދި ޑެޕިއުޓީ އެމްޑީއަކަށް އައްޔަނުކުރެއްވީ މުހައްމަދު ޝަމީމެވެ.

comment ކޮމެންޓް