މޯލްޑިވްސް ފިލްމް އެސޯސިއޭޝަންގެ (އެމްއެފްއޭ) ބޯޑުގެ ޗެއާޕާސަންގެ މަގާމަށް މަޝްހޫރު ކެމެރާމަން ޝިވާޒް އަބްދުﷲ (މާސްކޭ) އަދި ވައިސް ޗެއާޕާސަންގެ މަގާމަށް މަޝްހޫރު ފިލްމީތަރި ނިއުމާ މުހައްމަދު ހޮވިއްޖެއެވެ.
އޮލިމްފަހުގެ ރޭ ބޭއްވި އެ ޖަމިއްޔާގެ އިންތިހާބުގައި ފިލްމީ ދާއިރާގެ ޖުމްލަ 55 މެންބަރުން ވަނީ ވޯޓް ލާފައެވެ.
ރޭ ބޭއްވުނު އިންތިހާބުގައި ޗެއާޕާސަންގެ މަގާމު މާސްކޭ އަށް ލިބުނީ ފިލްމީ ތަރި އަލީ ސީޒަން އާ ވާދަކޮށެވެ. މާސްކޭ އަށް 32 ވޯޓް ލިބުނު އިރު ސީޒަން އަށް ލިބުނީ 22 ވޯޓެވެ.

ފިލްމު އެސޯސިއޭޝަންގެ ބޯޑަށް އަލަށް ހޮވުނު މެންބަރުން....
ފިލްމު އެސޯސިއޭޝަންގެ ބޯޑުގެ ވައިސް ޗެއާޕާސަނަކަށް ނިއުމާ ހޮވުނީ 51 ވޯޓާއެކު، ބޮޑު ތަފާތަކުންނެވެ. ނިއުމާ އާއެކު އެ މަގާމަށް ވާދަކުރި ފިލްމީތަރި އަބްދުﷲ މުއާޒަށް ލިބުނީ ހަތަރު ވޯޓެވެ.
އެސޯސިއޭޝަނުގެ ޖެނެރަލް ސެކެރެޓަރީގެ މަގާމަށް ހޮވުނީ އެ މަގާމަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓު، ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ)އެވެ.

ފިލްމު އެސޯސިއޭޝަންގެ ވޯޓް ލުން ކުރިޔަށްދަނިކޮށް....
ރޭ ބޭއްވި އިންތިހާބުގައި ފިލްމު އެސޯސިއޭޝަނުގެ ހަޒާންދާރަކަށް ދެ ކެނޑިޑޭޓެއް ވާދަކުރިއެވެ. ފެޝަން ޑިޒައިނަރު އަދި ނެޝުންތެރިޔާ ޖާދުﷲ އިސްމާއީލަށް ޖުމްލަ 40 ވޯޓް ލިބުނު އިރު ދެން އެ މަގާމަށް ވާދަކުރި އިބްރާހީމް ރިޔާޒަށް ލިބުނީ 13 ވޯޓެވެ.
އެމްއެފްއޭގެ ބޯޑު މެންބަރުކަމަށް ތިން މީހަކު ވަނީ ހޮވިފައެވެ. އެއީ ފިލްމީތަރި އަހުމަދު ޒިޔާއާއި، މުހައްމަދު މަނިކުގެ އިތުރުން އަލީ ޝާނީޒެވެ. ޒިޔާ އަށް 42 ވޯޓު ލިބުނު އިރު މަނިކް އަށް 49 ވޯޓު ވަނީ ލިބިފައެވެ. އަދި ޝާނީޒް އަށް 46 ވޯޓް ލިބުނެވެ. އެ މާގާމަށް ނަން ހުށަހެޅި ކުރީގެ ފިލްމީތަރި ވަލީދާ ވަލީދު ވަނީ އިންތިހާބު ބޭއްވުމުގެ ކުރިން އަނބުރާ ނަން ނަގާފައެވެ.

ފިލްމު އެސޯސިއޭޝަންގެ ވޯޓް ލުން ކުރިޔަށްދަނިކޮށް....
އެމްއެފްއޭގެ އިންތިހާބު މި ފަހަރު ބާއްވަނީ އެކަމަށް އެކުލަވައިލި ފަސް މެމްބަރުންގެ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
އެ ކޮމިޓީގައި ހިމެނެނީ ފިލްމީ ތަރި މުހައްމަދު ރަޝީދު (ދަރާ ރަޝީދު)އާއި މަޝްހޫރު ކެމެރާމަން ހަސަން ހަލީމް (ކޮކޯ)އާއި އިބްރާހީމް ރަޝީދު (ބުރޯ)އާއި މަޝްހޫރު ފޮޓޯގްރާފަރު އަލީ ނިޝާން (މިލްޒީރޯ) އަދި އަބްދުﷲ ނަސީރެވެ.