މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑްސްގެ މި އަހަރުގެ ގާލާގައި ވެސް މިދިޔަ އަހަރު ޝަރަފުވެރި ދެ އެވޯޑް ހޯދި ޝެވަލް ބްލޮންކް ރަންދެލިއާއި ހުވަފެންފުށި މޯލްޑިވްސްއިން އެ އެވޯޑުތައް ދިފާއުކޮށްފިއެވެ.
ރޭ ޕެރަޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ކުލަގަދަ ރަސްމިއްޔާތުގައި ޝެވަލް ބްލޮންކް ރަންދެލިން ވަނީ މިދިޔަ އަހަރުވެސް އެ ރިސޯޓުން ކާމިޔާބު ކުރި ލީޑިން ލަގްޒަރީ ރިސޯޓުގެ އެވޯޑް ހާސިލް ކޮށްފައެވެ. އަދި ހުވަފެންފުށިން މިފަހަރު ވެސް ވަނީ މިދިޔަ އަހަރު އެ ރިސޯޓަށް ލިބުނު މޯސްޓް ރޮމޭންޓިކް ރިސޯޓުގެ އެވޯޑް ހާސިލްކޮށްފަ އެވެ.
މިރޭގެ ގާލާގައި މުޅި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ފާހަގަކޮށްލެވޭ ރިސޯޓް ތަކާއި، ހޮޓާ އަދި ސަފާރީތަކުގެ އިތުރުން ފަތުރުވެރިކަމުގެ އިންޑަސްޓްރީއަށް ބޮޑެތި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް ވަނީ އެވޯޑް ދީފައެވެ.
އެގޮތުން މިރޭ ޕީޕަލްސް ކެޓަގަރީން ވަނީ ހަތަރު ބޭފުޅެއްގެ އަގު ވަޒަންކޮށް އެވޯޑް ދީފަ އެވެ. އެ ބޭފުޅުންނަކީ؛ ވަން އެންޑް އޮންލީ ރީތި ރަށުގެ އެއާޕޯޓް މެނޭޖަރު ހުސައިން ވަހީދު އާއި އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) އަދި ވިސްޓާ ކޮމްޕެނީގެ އެއް ވެރިޔާ އަލީ އަހްމަދު (އަލިބެ)ގެ އިތުރުން ދަ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީގެ ސީއީއޯ މާކް ހޭހާއެވެ.
އޭގެ އިތުރުން މިރޭގެ ރަސްމިއްޔާތުގައި، ވިލާ ހޮޓެލްސް އެންޑް ރިސޯޓްސްގެ ގްރޫޕު ޖެނެރަލް މެނޭޖަރު ގައިސަރު ނަސީމަށް ވަނީ ރިކޮގްނިޝަން ފޯ އައުޓްސްޓޭންޑިންގް ޕަފޯމަންސްއިން ޓްރެވަލް އިންޑަސްޓްރީގެ އެވޯޑް ދެއްވާފައެވެ.
މިރޭގެ ރަސްމިއްޔާތުގައި އެކި ކެޓަގަރީތަކުން ގިނަ ރިސޯޓުތަކާއި ހޮޓާތަކަށް ވަނީ އެވޯޑް ދީފައެވެ. އަދި ފާހަގަކޮށްލެވޭ ބްރޭންޑްތަކާއި، ސަފާރީތަކަށްވެސް އެވޯޑް ދިނެވެ.
މީގެ ހަތް އަހަރު ކުރިން ފެށިގެން ބާއްވަމުން އަންނަ މަޓާޓޯ ޓްރެވަލް އެވޯޑްސްގެ ދަށުން، ގެސްޓްހައުސް އިންޑަސްޓްރީގެ އަގު ވަޒަންކުރުމަށް ބާއްވާ ޓްރެވަލް އެވޯޑްސްގެ ގެސްޓްހައުސް އެޑިޝަން މި އަހަރުގެ އޯގަސްޓް މަހުގެ ފަހުކޮޅު ވަނީ ބާއްވާފައެވެ.