ކާރިސާއާ ގުޅޭ ގާނޫނެއް އެބަ އޮތް، ތަންފީޒެއް ނުކުރެވޭ: މާރިޔާ

ޖަލްސާއެއްގައި މާރިޔާ ދީދީ ވާހަކަ ދައްކަވަނީ -- ސަން ފައިލް ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ދުވާފަރުން: އައިޝަތު ފަރީހާ

(ރ. ދުވާފަރު) ކާރިސާ ތަކުގެ ގާނޫނެއް އެކުލަވާލާފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒު ކުރެވެމުން ނުދާކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި ރ. ދުވާފަރުގައި ބޭއްވި ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގައުމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ ސުނާމީ ކާރިސާ އަށް 11 އަހަރު ވީފަހުން ކާރިސާ އާ ބެހޭ ގާނޫނު އެކުލަވަލެވުނީ 2015 ވަނަ އަހަރު ކަމަށެވެ. އެގާނޫނަށް ތިން އަހަރު ވީއިރު ގާނޫނު ތަންފީޒު ކުރެވެމުން ނުދާ ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ ސުނާމީ ފަދަ ބޮޑު ކާރިސާ އެއް ކުރިމަތި ނުވިނަމަވެސް، ކުދި ކާރިސާތައް ދިވެހިންނާ ކުރިމަތިވާ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނެސްފައި ނުވުމުގެ ސަބަބުން ފެންބޮޑުވުން ފަދަ ކުދި ކާރިސާތައް ކުރިމަތިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. މިސާލެއްގެ ގޮތުން މާލޭގެ ރިންގް ރޯޑު ތަރައްގީ ކުރިފަހުން ކުޑަ އިރުކޮޅަކަށް ވާރޭ ވެހުނު ނަމަވެސް ރަށުތެރޭ ފެންބޮޑުވެ ރައްޔިތުންގެ މުދަލަށް ގެއްލުންވަމުންދާކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. މިނިސްޓަރު ވަނީ މި ކަން ހައްލުކޮށްދެއްވުން އެދި ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމުގެ ފަރާތްޕުޅުން އެދިލައްވަޑައިގެންފައިވާ ކަމަށެވެ.

ސުނާމީ ކާރިސާގެ ހަނދާން އާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެދުވަހުގެ އެ ވަގުތު ކުރަން ހުރި ކަމެއް ކޮންމެ ދިވެއްސަކު ވެސް އަބަދު ވެސް ހަނދާން ހުންނާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދިދީ އާއި އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ޖަލްސާގައި ސުނާމީ ކާރިސާގައި ކަނދޮޅުދޫ (ދުވާފަރު) ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިން ރަށްރަށަށް ޝުކުރު އަދާކުރުމުގެ ގޮތުން ހަނދާނީ ފިލައެއް ވަނީ ދީފަ އެވެ.

comment ކޮމެންޓް