ކާރިސާތަކުން އަރައިގަތުމަށް ޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ ބައެއް ސަރަހައްދުގައި ރީޖަނަލް އިމަޖެންސީ ސެންޓަރުތަކެއް ހެދުމަށް މަސައްކަތް ފަށާފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.
އެސްއެސްޓީވީ "ބާރު ހަތަރެއް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެންޑީއެމްއޭގެ ސީއީއޯ ހިސާން ހަސަން ވިދާޅުވީ ކާރިސާތަކުގެ ހާލަތުގައި، އަތޮޅު ތެރޭގައި ދިރިއުޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމް ހަމަޖެހިފައި ހުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެ ގޮތުން މިހާރު ދިމާވާ ކާރިސާތަކުގެ ހާލަތްތަކުގައި އަތޮޅު ތެރޭގެ ދުރު ހިސާބުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދަތިތައް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އެހެންވެ، ކުރިޔަށް އޮތް ތަނުގައި ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތަކެއް ބައެއް ސަރަހައްދުގައި ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެންޑީއެމްއޭއާ އެކު ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި ހަރަކާތްތެރިވާ ފުލުހުންނާއި، މޯލްޑިވްސް ރެޑް ކްރެސެންޓާ ވެސް އެކު، އެ ތަންތަން ހިންގުމަށް ވިސްނާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުރިޔަށް އޮތް ތާގައި، ކާރިސާއެއްގެ ވަގުތުގައި ބޭނުންވާ ޒަރޫރީ ތަކެތި، ނޫނީ ރެސްޕޮންސަށް ބޭނުންވާ އިކުއިޕްމެންޓްސް، ޕަމްޕު، ހޮޅި އަދި މި ނޫން ވެސް ތަކެތި ލިބޭނެ ގޮތަށް ހަމަޖެހިފައި ހުރުމަކީ އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހެއް," ހިސާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކާރިސާތަކުގެ ވަގުތުތަކުގައި މިހާރު ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމުގެ މަސައްކަތް އެ އޮތޯރިޓީން ކުރަމުން އަންނަ ކަމަށެވެ.
ހިސާން ވިދާޅުވީ އަތޮޅުތަކުގައި ހިނގާ ހާދިސާތަކުގައި ފަސްޓް ރެސްޕޮންޑާސްގެ ގޮތުގައި ހަރަކާތްތެރިވާ ހުރިހާ ފަރާތްތަކެއްގެ ވެސް ހުރި ވަސީލަތްތަކާއި ޚިދުމަތްތައް ބަލައި، އެންމެ އަވަހަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެންޑީއެމްއޭއިން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކާރިސާތަކުގައި ގެއްލުން ލިބޭ އާންމުން، ކުރިން ތިބި ހާލަތަށް ރުޖޫއަކުރުމަށް ޓަކައި އެންޑީއެމްއޭއިން ގެއްލުމުގެ އެސެސްމެންޓުތައް ހެދުމަށް ފަހު، އެހީތެރިކަން ފޯރުކޮށްދެއެވެ.
އެ ގޮތުން އެސެސްމެންޓަށް ބަލައި، ބޯހިޔާވަހިކަމާ އެކު ކައްކައި ކެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމުގެ އިތުރުން، ހިފާ ގެންގުޅޭ ސާމާނު ވެސް، އަދި ބައެއް ޙާލަތްތަކުގައި އަންނައުނު ފޯރުކޮށްދިނުމަށް ވެސް އެ އޮތޯރިޓީން އެހީތެރިކަން ފޯރުކޮށްދެއެވެ.