"ހައްދު"ގެ ދެވަނަ ބަޔަށް މަހުދީ ހަމަ ތައްޔާރު!

ދިވެހި ފިލްމު "ހައްދު"ގެ މަންޒަރެއް...

ވަރުގަދަ ކާސްޓަކާއެކު މިދިޔަ އަހަރު ސިނަމާތަކަށް އައި އަބްދުލްފައްތާހުގެ "ހައްދު" އަކީ ރާއްޖޭގެ ގިނަ ބަޔަކު ބެލި ފިލްމެކެވެ. މާލޭގެ ސިނަމާތަކުގައި ފިލްމުގެ ގިނަ ޝޯތަކެއް ދެއްކިއެވެ. އަތޮޅުތަކުގެ އިތުރުން ރާއްޖޭގެ ބައެއް ރިސޯޓް ތަކުގައި ވެސް "ހައްދު" މަގުބޫލުވިއެވެ.

ގިނަ ބަޔަކު ފިލްމު ރީތި ވެގެން ކޮމެންޓްކުރިއިރު އަނެއް ބަޔަކަށް ފިލްމުގެ ނިމުން ރީތި ނުވެގެން ފާޑު ކިޔެވެ. އެހެން ނަމަވެސް ޑައިރެކްޓަރު އެކަމަކަށް މާބޮޑު ފަރުވާލެއް ނުބެހެއްޓިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން "ހައްދު"ގެ ދެވަނަ ބައެއް ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމުގެ އުފާވެރި ހަބަރާއެކީ މީހުން ދައްކާ ވާހަކަތަކަށް ބީރު ކަންފަތެއް ދީގެން ފައްތާހު ހުރީއެވެ.

"ހައްދު" ގެ ޕޯސްޓަރެއްގައި ރިޝްފާ އާއި ފައިރޫޒު....

"ހައްދު"ގެ ދެވަނަ ބައިގެ މަސައްކަތް ފަށާނެ އިރަކަށް ބެލުންތެރިން އިންތިޒާރު ކުރަމުން ދަނިކޮށް ދެން އިވުނީ ފައްތާހު ފިލްމީ ދާއިރާއަށް އަލްވަދާޢުކީ އަޑެވެ. ކާމިޔާބު ގިނަ ފިލްމު ތަކެއް ގެނެސްދިން ފައްތާހު ދެން ފިލްމީ ކަންކަމުން ނުފެންނާނޭ ބުނި ވާހަކައެވެ. "ހައްދު" އަކީ އޭނާގެ އެންމެ ފަހު ފިލްމަކަށް ވި ވާހަކައިގެ އަޑެވެ.

ފިލްމީ ދާއިރާއިން ފައްތާހު ނުފެނުނަސް އޭނާ އަލްވަދާޢު ކިޔުމުގެ ކުރިން އިއުލާން ކުރި "ހައްދު"ގެ ދެވަނަ ބަޔަށް ވީގޮތެއް ބަލަން ބެލުންތެރިން ބޭނުން ވާނެއެވެ. ފިލްމު ބެލުންތެރިންނާ ހަމަޔަށް އަންނާނެތޯ އެއީ ގިނަ ބައެއްގެ ހިތުގައި އޮންނާނެ ސުވާލެކެވެ. "ހައްދު"ގެ ދެވަނަ ބައިގެ ވާހަކަ ނުދައްކާތީ އެ ފިލްމަށް ވީގޮތެއް ބަލަން ވާހަކަ ދައްކާލީ "ހައްދު"ގެ ސްކްރީންޕްލޭ ތައްޔާރު ކުރި މަހުދީ އަހުމަދާއެވެ.

ދިވެހި ފިލްމު ހައްދުގެ މަންޒަރެއް --

"އެ ފިލްމުގެ ވާހަކައިގެ އަޑު މިހާރު މަޑުވެފައި އޮތަސް، ފައްތާހު ފިލްމީ ދާއިރާއިން ވަކިވުމުގެ ކުރިން އެ މަސައްކަތް ފަށަން މަސައްކަތް ކުރިން، ވާހަކައެއް ރާވާލާ އޭތި ޑިވޮލޮޕް ކުރާނެ ގޮތާމެދު ވާހަކަ ދެކެވުނު، ފައްތާހު އިންޑަސްޓްރީން ދިޔައީމަ ގުޅިން، އެކަމަކު އޭނަ ދެން ނާންނާނެ،" މަހުދީ ބުންޏެވެ.

މަހުދީ ބުނީ، މިހާރު "ހައްދު"ގެ ދެވަނަ ބައިގެ މަސައްކަތް ނުކުރި ނަމަވެސް ރަނގަޅު މީހަކު އެ މަސައްކަތް ފަށަން ބޭނުން ވެގެން އަތުވެއްޖެ ނަމަ މިހާރުވެސް ހޭވައްލާ ތައްޔާރު ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މަހުދީ ބުނީ، އެ ފިލްމުގެ ވާހަކަ ލިޔަން ގަސްދުކޮށްފައި އޮތީ "ހައްދު" ނިމިގެން ދިޔަ ހިސާބުން ކަމަށާއި ނިމުނު ހިސާބާ ގުޅުވައިގެން ކަމަށެވެ. އަދި ވަރަށް ބޮޑު ސަޕްރައިޒެއްވެސް ފިލްމުގައި ހިމެނޭނެ ގޮތަކަށް ވާހަކަ ޑިވޮލޮޕް ކުރަން ވިސްނައިގެން ހުރި ކަމަށެވެ.

ދިވެހި ފިލްމު ހައްދުގެ މަންޒަރެއް --

"އަޑުގަނޑުމެން މަސައްކަތްކުރީ ވަރަށް މޮޅަށް ދެވަނަ ބައި ގެންނަން، ސީކުއެލް އެއް ވީމަ ހަމަ އެ ތަރިން ވެސް ލައިގެން، ސަޕްރައިޒްއެއް ވެސް ފިލްމުން ބެލުންތެރިންނަށް ދައްކާލަދޭނެ ގޮތަކަށް،" މަހުދީ ބުންޏެވެ.

މިދިޔަ އަހަރު ބޭއްވި ސާކް ފިލްމު ފެސްޓިވަލް ގައިވެސް ބައިވެރިކުރި "ހައްދު"ގެ ލީޑު ރޯލުން ފެނިގެންދިޔައީ މަރިޔަމް އައްޒަ އާއި އައިމިނަތު ރިޝްފާ އަދި އަހުމަދު ޝިބާނެވެ.

އޭގެ އިތުރުން ފައުޒިއްޔާ ހަސަން، އަލީ އާޒިމް (ދޮން އައްޔަ)، މަރިޔަމް ޝަކީލާ، މަރިޔަމް ހަލީމް އަދި މުހައްމަދު ރަޝީދު(ދަރާ) ގެ އެކްޓިން ވެސް އެ ފިލްމުން ފެނެއެވެ.

comment ކޮމެންޓް