ފުޑް ސެކިއުރިޓީ ޔަގީންކުރުމަށް އެސްޓީއޯއިން އިސްނަގާނަން: އަމްރު

އެސްޓީއޯގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އަމިއްލަ ފުދުންތެރިކަމަކީ މުޅި ގައުމުގެ ތަރައްގީގެ ލަނޑުދަނޑިކަމުގައި ހަދަންޖެހޭކަމަށާއި، އެގޮތުން ރާއްޖޭގެ ފުޑް ސެކިއުރިޓީ ކަށަވަރުކުރުމަށް އެސްޓީއޯއިން އިސްނަގައިގެން މަސައްކަތް ކުރާނެކަމަށް އެކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު ހުސައިން އަމްރު މުހައްމަދު ވިދާޅުވެއްޖެއެވެ.

ބްލޭޒަން އިންކުން އިސްނަގައިގެން ބާއްވާ މޯލްޑިވްސް ބިޒްނަސް އެވޯޑްސް ދިނުމަށް ރޭ ޕެރެޑައިސް އައިލެންޑް ރިސޯޓުގައި ބޭއްވި ގާލާގައި ވާހަކަދައްކަވަމުން، ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަމްރު ވިދާޅުވީ ދިވެހީންގެ ދިރިއުޅުމުގެ ގާތްގަނޑަކަށް ހުރިހާ ކަމަކަށްވެސް މިވަގުތު ބަރޯސާވަނީ ބޭރުގެ ގައުމުތަކަށް ކަމަށެވެ.

"ރާއްޖޭގައި އޮންނަނީވެސް ގާތްގަނޑަކަށް އެންމެ ދެ މަހެއްހާ ދުވަހުގެ ކާޑު. އިހަކަށް ދުވަހު ވިއްސާރަވި އިރު ކާޑު ސަލާމަތްކުރެވުނީ އަޅުގަނޑުމެންގެ [އެސްޓީއޯގެ] މުވައްޒަފުންގެ ހުޝިޔާރުކަމުން. ހަގީގަތުގައި އަޅުގަނޑުމެން މިތިބީ ވަރަށް ނާޒުކުކޮށް. ކާރިސާއެއް ދިމާވުމުގެ ކުރިން އެފަދަ ކަންކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ،"

އަމްރު ވިދާޅުވީ ބޭރު މީހުންނަށް ބަރޯސާވާން ނުޖެހުމަކީ ރާއްޖޭގެ ތަރައްގީގެ ލަނޑުދަނޑިއަށް ހަދަންޖެހޭ ކަމަށެވެ.

"އެގޮތުން ރާއްޖޭގައި ހެއްދޭނެ ގޮވާމުގެ ބާވަތްތަކުގެ ތަފްސީލީ ރިސާޗުތައް ހެދެން ޖެހޭ. ސެލްފް ސަސްޓެއިނަބިލިޓީއަކީ މުޅި ގައުމުގެ ތަރައްގީގެ ލަނޑުދަނޑިކަމުގައި ހަދަންޖެހޭ،"

އޭނާ ވިދާޅުވީ އެ މަސައްކަތަށް އެއްބާރުލުން ދިނުމަށްޓަކައި ރާއްޖޭގައި ފުޑް ސެކިއުރިޓީ ޔަގީންކުރުމުގެ މަސައްކަތްތައް އެސްޓީއޯއިން އިސްނަގައިގެން ކުރިއަށް ގެންދާނެކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތަކަށް ބެލިކަމުގައި ވިޔަސް ފެންނަ ހަގީގަތަކީ ރާއްޖެއިން ތެލަށް ބަރޯސާވާ މިންވަރަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.

އަދި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރަން އެސްޓީއޯއިން ދައުރެއް ކުޅެންޖެހޭކަން ގަބޫލުކުރައްވަމުން އަމްރު ވިދާޅުވީ ރާއްޖޭގައި އިޔާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތަކަށް އިންވެސްޓުކުރުމަކީ އެސްޓީއޯގެ އަމާޒެއް ކަމަށެވެ.

comment ކޮމެންޓް