މޫދަށް އެރި އުޅުނު ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ

ހއ. ދިއްދޫ ކައިރީ އޮންނަ ފަޅުރަށަކަށް މޫދަށް އެރި އުޅެނިކޮށް މަރުވި ފަސް އަހަރުގެ އަހްމަދު ޝިފާން -- ސަން ފޮޓޯ/ކިޔުންތެރިއެއް

ހއ. ދިއްދޫ ކައިރީ އޮންނަ ފަޅުރަށަކަށް މޫދަށް އެރި އުޅުނު ފަސް އަހަރުގެ ކުއްޖަކު މަރުވެއްޖެ އެވެ.

އެ ހާދިސާގައި މަރުވެފައި ވަނީ ހދ. ނޮޅިވަމްފަރަށް އުފަން އަހުމަދު ޝިފާނެވެ. އެ ހާދިސާ ހިނގާފައި ވަނީ މިއަދު ހެދުނު 11:30 އެހާކަންހާއިރު އެވެ.

ހދ. ނޮޅުވަރަމްފަރު ކައުންސިލް ނައިބު ރައީސް އަހްމަދު ވަހީދު "ސަން" އަށް ވިދާޅުވީ، ޝިފާން މަރުވެފައި ވަނީ، ދިއްދޫ ކައިރީ އޮންނަ ކަޅުދުއްފާރު ނަމަކަށް ކިޔާ ފަޅުރަށަށް މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ކަމަށެވެ.

އޭނާ ވިދާޅުވީ ޝިފާން އޭނާގެ އާއިލާއާ އެކު މިއަދު އެެރަށް ދިޔައީ މިއީ ސްކޫލް ބަންދު ތެރޭގައި ކަމުން ޕިކްނިކް ގޮސް މަޖާކޮށްލުމަށް ކަމަށެވެ. އަދި އެ ދަތުރުގައި އެ އާއިލާގެ ވަރަށް ގިނަ މީހުން ވެސް ދިޔަ ކަމަށެވެ.

ޝިފާންގެ އާއިލާގެ މީހަކު މިއަދު ސަން އަށް ބުނީ، ޝިފާން އުޅުނީ އޭނާ އަށް ވުރެ ތަންކޮޅެއް ބޮޑެތި ކުދިންތަކާ އެކު މޫދު ކައިރީގައި ކުޅެން ކަމަށެވެ. އަދި އޭރު އެ ކުއްޖާގެ މަންމަ އާއި އެ ނޫން މީހުން އުޅުނީ ކައްކަން ކަމަށާއި ޝިފާން ނުފެނި ގިނަ އިރުވެގެން އޭނާގެ މަންމަ ހޯދި އިރު އޮތީ މޫދުގައި ގެނބިގެން މަރުވެފައި ކަމަށެވެ.

ނަމަވެސް ޝިފާން ގެނބެން މެދުވެރިވި ގޮތް އަދި ވަނީ ސާފުކުރެވޭ ގޮތް ނުވެފަ އެވެ.

ޝިފާންގެ ހަށިގަނޑު މިވަގުތު އޮތީ ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލްގައެވެ.

ޑޮކްޓަރުންނާ ހަވާލާދި، ހއ. އަތޮޅު ހޮސްޓަލްގެ މެނޭޖަރު މުހައްމަދު ހާޝިމް "ސަން"އަށް ވިދާޅުވީ، ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޝިފާން އޮތީ މަރުވެފައި ކަމަށެވެ.

އޭނާ ވިދާޅުވީ ކުއްޖާ މަރުވުމުގެ ސަބަބުން އޭނާގެ މަންމަގެ ހާލުވެސް ސީރިއަސް ވެފައިވާ ކަމަށާއި ދިއްދޫ ހޮސްޕިޓަލްގައި މަންމަ އޮބްސަވޭޝަންގައި ބާއްވާފައިވާ ކަމަށެވެ.

ދިއްދޫއިން ވާހަކަ ދެއްކި މީހަކު ބުނީ ދިއްދޫއިން ފުރައިން އަށް މިނިޓުން ދެވޭ އެ ފަޅުރަށަކީ ވަރަށް ގިނަ މީހުން ދަތުރު ދިއުމަށާއި މޫދަށް އެރި އުޅުމަށް ބޭނުންކުރާ ޕިކްނިކް އައިލެންޑެއް ކަމަށެވެ.

އެނާ ބުނީ އެރަށުން ކޮނމެެވެސް ވަރަކަށް މޫދަށް އެރިއުޅުމުގެ ތެރޭގައި ހިތާމަވެރި ހާދިސާތައް ހިނގާ ކަަމަށެވެ. އެގޮތުން 2002 ވަނަ އަހަރު ބިދޭސީ ޓީޗަރަކުވެސް އެ ރަށަށް މޫދަށް އެރި އުޅެނިކޮށް މަރުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ޝިފާން ވަޅުލުމަށް ހަމަޖެހިފައިވަނީ ދިއްދޫގައިއެވެ.

comment ކޮމެންޓް