ޓިވެޓް އޮތޯރިޓީ އާއި ޕޮލިޓެކްނިކް ހަޔާ އެޑިއުކޭޝަނުގެ ދަށަށް

މޯލްޑިވްސް ޕޮލިޓެކްނިކުން ހިންގަމުން ގެންދާ ކޯހެއް --- ފޮޓޯ: ޕޮލިޓެކްނިކް

އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ ތަމްރީނާއި ތައުލީމުދޭ ދެ މުވައްސަސާއެއް ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ "ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގ އޮތޯރިޓީ" (ޓިވެޓް) އާއި "މޯލްޑިވްސް ޕޮލިޓެކްނިކް" މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައިވާ ކަމަށެވެ.

ކުރީ ސަރުކާރުގައި ހަޔާ އެޑިއުކޭޝަން ހިންގަމުން ދިޔައީ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ ވަކި ޑިޕާޓުމެންޓެއްގެ ގޮތުގައެވެ. އޭރު ޓިވެޓް އޮތޯރިޓީ ހިންގަމުން ގޮސްފައިވަނީ ހަޔާ އެޑިއުކޭޝަން ޑިޕާޓުމެންޓުންނެވެ. ފަހުން ރައީސް ސޯލިހު ވަނީ ޓިވެޓުގެ ހިންގުން އެޑިއުކޭޝަން މިނިސްޓްރީގެ ދަށަށް ބަދަލު ކުރައްވައިފައެވެ. އެއީ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު ސަރުކާރުގެ އޮފީސްތަކުގެ އޮނިގަނޑަށް ގެނައި ބަދަލަކާއެކު މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ޓިވެޓް އޮތޯރިޓީ އަކީ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިޔުކޭޝަން ޓްރޭނިންގގެ މަސައްކަތްތައް ކުރާނެ ސަރުކާރުގެ ވަކި މުއައްސަސާއެއް ރާއްޖޭގައި ޤާއިމްކުރުމަކީ ބޭނުންތެރިކަމެއްކަމަށް ފެންނާތީ ރައީސް ނަޝީދުގެ ސަރުކާރުން 2011 ވަނަ އަހަރު އުފެއްދެވި އޮތޯރިޓީ އެކެވެ.

މޯލްޑިވްސް ޕޮލިޓެކްނިކްގެ ނަމުގަިއ މުވައްސަސާއެއް އުފެއްދެވީ ވެސް ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެ އިދާރާ އުފެއދެނީ 2010 ވަނަ އަހަރުއެވެ.

އެއީ "މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިން"އިން ކުރަމުން ގެންދާ މަސައްކަތްތަކާއި، އޭރު އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިނގަމުންދިޔަ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން [މިހާރުގެ ގައުމީ ޔުނިވާސިޓީ]ގެ ފެކަލްޓީ އޮފް އިންޖިނިއަރިން ޓެކްނޮލަޖީން ހިންގަމުން ގެންދާ ޑިގްރީ ފެންވަރަށްވުރެ ދަށުގެ ކޯސްތައް ހިންގުމަށްޓަކާ އުފެއްދި މުވައްސަސާއެކެވެ.

comment ކޮމެންޓް