އެސްޓީއޯ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ހުއްޓާލައިފި

ހިޔާ މަޝްރޫއުގެ ދަށުން އެސްޓީއޯ އިން އިމާރާތް ކުރާ ފްލެޓްތަކުގެ ބިންގާ މިދިޔަ ފެބުރުއަރީ މަހު އަޅުއްވަނީ -- ފޮޓޯ/ އެސްޓީއޯ
ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ކުރީގެ ސަރުކާރުން ފެއްޓި "ހިޔާ" މަޝްރޫއުގެ ދަށުން އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރު ސޮއި ކުރައްވައި މިދިޔަ ހޯމަ ދުވަހު އާންމު ކުރި، އިންޓަނަލް މެމޯއެއްގައި ބުނީ، މި މަހުން ފެށިގެން ބަލައިގަންނަމުން ދިޔަ އެސްޓީއޯ "ހިޔާ" ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.
އަދި މިދިޔަ ހޯމަ ދުވަހާ ހަމައަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޑިސެމްބަރު މަހުގެ މުސާރައާ އެކު އެ ފައިސާ އަނބުރާ ޖަމާކޮށްދޭނެ ކަމަށް ވެސް އެ މެމޯގައިވެ އެވެ.
ނަމަވެސް އެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ހުއްޓާލީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

އެސްޓީއޯގެ ފްލެޓްތަކަށް ފައިސާ ބަލައިގަތުން ވަގުތީ ގޮތުން މެދުކަނޑާލި އިރު، "ހިޔާ" މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު ފަރާތްތަކުގެ ނަންތައް އިއުލާންކޮށް، އެ ފަރާތްތަކަށް ވަނީ ލިޔުން ހަވާލުކޮށްފަ އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ގާއިމު ކުރާ އެސްޓީއޯގެ ދެ ޓަވަރަކީ 14 ބުރީގެ ދެ ޓަވަރެވެ. އޭގެ ތެރޭގައި ހިމެނެނީ ޖުމްލަ 304 އެޕާޓްމެންޓެވެ. އެއީ އެއްކޮޓަރީގެ 68 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 36 އެޕާޓްމަންޓާއި 2+1 ކޮޓަރީގެ 144 އެޕާޓްމަންޓް އަދި 2+1 ޕްރިމިއަމްގެ 56 އެޕާޓްމަންޓެވެ.

އެސްޓީއޯ ހިޔާ ހައުސިން ސްކީމުގެ ދަށުން އެއް ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް މިލިއަން ރުފިޔާ އެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓެއްގެ އަގަކީ 1.3 މިލިއަން ރުފިޔާ އެވެ. އަދި 2+1 ކޮޓަރީގެ އެޕާޓްމެންޓުގެ އަގު 1.6 މިލިއަން ރުފިޔާ އަށް އުޅޭ އިރު، 2+1ގެ ޕްރިމިއަމް އެޕާޓްމެންޓުގެ އަގު އުޅެނީ 1.8 މިލިއަން ރުފިޔާގަ އެވެ.

އެސްޓީއޯ ހިޔާގެ ދަށުން އަޅާ ދެ ޓަވަރުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ. ޓަވަރުތައް އެޅުމަށް ހަވާލުކޮށްފައި ވަނީ ޗައިނާގެ އެމްސީޖީ ގްރޫޕާ އެވެ.

comment ކޮމެންޓް