ބިދޭސީންނާމެދު ރާއްޖޭގައި ކަންކުރަނީ އިހާނެތިކޮށް: އެޗްއާރުސީއެމް

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ބިދޭސީންގެ ހައްގުތައް ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައި ވީނަމަވެސް، ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާމެދު އަމަލުކުރަނީ އިހާނެރިކޮށް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގުވާމީ މައިގްރެންޓްސްޑޭ އާ ގުޅިގެން އެޗްއާރުސީއެމް އިން ނެރުނު ބަޔާނުގައި ބުނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންނާ ގުޅޭ ތަފާތު މައްސަލަތައް މިއަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ކަމަށެވެ.

މީގެ ތެރޭގައި ދިރިއުޅުމަށް އެކަށީގެންނުވާ ތަންތާގައި ބިދޭސީ މަސައްކަތްތެރީން ގެންގުޅުމާއި، އެކަށީގެންނުވާ މާހައުލެއްގައި މަސައްކަތްކުރަން ޖެހުމާއި، މަސައްކަތުގެ މާޙައުލުގައި ތަފާތުކުރުމާއި، ފުރައްސާރަކުރުމާއި، ވަޒީފާގެ މާޙައުލުގައި ބޭނުންވާ ސަލާމަތީ އާލާތްތައް ފޯރުކޮށްދީފައި ނުވުމުގެ މައްސަލަތައް ހިމެނޭކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

މީގެ އިތުރުން މަސައްކަތްކުރުވާ ފަރާތްތަކުން އެފަރާތްތަކުގެ ޕާސްޕޯޓު އަތުލުމާއި، ވިސާ ފީ ނުދެއްކުމާއި މަސައްކަތުގެ އުޖޫރަނުދިނުމުގެ މައްސަލަތައް ހިމެނޭ ކަމަށް ހިއުމަންރަައިޓްސް ކޮމިޝަނުން ބުންޏެވެ.

އިމިގްރޭޝަން ގާނޫނާ ހިލާފުވެގެން ބަންދުކުރާ ބިދޭސީން ރާއްޖެއިން އެމީހުންގެ ގައުމަށް ފުރުވާލެވެންދެން ބަންދުކޮށްފައި ތިބޭ ތަނުގެ ހާލަތު ދަށްކަމާއި، ބަންދުކޮށްފައި ތިބޭއިރު އެމީހުންގެ ގައުމުގައި ދިރިއުޅޭ ޢާއިލާގެ ފަރާތްތަކަށް ފޯނުން ގުޅުމުގެ ފުރުސަތު ނޯންނަކަން އެ ކޮމިޝަނުން ކޮށްފައިވާ މޮނިޓަރިން ޒިޔާރާތްތަކުން ފާހަގަވިކަމަށްވެސް އެޗްއާރުސީއެމުން ބުންޏެވެ. އަދި ބިދޭސިންގެ ޝަރީޢަތުގެ މަރުޙަލާ ނުނިމި ލަސްވަމުންދާ މައްސަލަ އަކީވެސް އެކޮމިޝަނުން ކަންބޮޑުވާ މައްސަލައެއް ކަން ފާހަގަކޮށްފައިވެއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސިންތަކެއް---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ބިދޭސީން ދިރިއުޅޭ ތަންތަނުގެ ހާލަތާއި އިންސާނުންނަށްވީތީ ލިބިދޭންޖެހޭ އަސާސީ ޙައްޤުތައް ލިބިދިނުން ކަށަވަރުކުރުމަށް ނިޒާމުގެ ތެރެއިން ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއި މަސައްކަތްކުރުވާ ފަރާތްތައް ޒިންމާދާރުކުރުވަން ޖެހޭކަމަށް އެ ކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކާމެދު އިހުމާލުވާ ފަރާތްތަކަށް ގާނުނޫގެ ތެރެއިން އަޅަން ޖެހޭ ފިޔަވަޅުއެޅުން ހަލުވިކުރުމަށް ކަމާބެހޭ މުއައްސަސާތަކަށް އިލްތިމާސްކުރާކަމަށެވެ. މުޖްތަމައުން ބިދޭސީ މަސައްކަތްތެރިންނާމެދު ދެކޭ ނޭދެވޭގޮތް ބަދަލުކޮށް، ތަފާތުނުކުރުމާއި، އެމީހުންނަށް އިހްތިރާމްކުރުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

ރާއްޖެ އާއި ބަންގްލަދޭޝް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުޓްބޯޅަ މެޗުގެ ދަނޑު ފުރާލާފައި ވަނީ ބަންގުލަދޭޝްގެ ސަޕޯޓަރުންނާއެކު. ---- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައިގްރެންޓްސް ޑޭ ފާހަގަކުރަނީ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރަމުންދާ ގައުމުތަކުގެ ތަރައްގީގައި އަދާކުރާ ހިއްސާގެ އަގުވަޒަންކޮށް، އެފަރާތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، އެގޮންޖެހުންތައް ހައްލުކުރުމުގެ ގޮތުން ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް މުޖްތަމައު ހޭލުންތެރިކޮށް އެފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް ބާރު އެޅުމަށެވެ.

އދ އިން ލަފާކުރާގޮތުގައި ގޮތުގައި 2018 ވަނަ އަހަރާހަމަޔަށް 258 މިލިއަން މީހުން މައިގްރެންޓްސްގެ ގޮތުގައި އެމީހުން ނިސްބަތްވާ ގައުމު ނޫން އެހެން ގައުމުތަކުގައި ދިރިއުޅެއެވެ. 2014 ވަނަ އަހަރުގެ ބޯހިމެނުން ދައްކާގޮތުން، ރާއްޖޭގައި 60030 ބިދޭސީ މަސައްކަތްތެރިން ދިރިއުޅެއެވެ. މިއީ މަސައްކަތް ކުރާ އަބާދީގެ 28 އިންސައްތައެވެ.

comment ކޮމެންޓް