އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ރިލީޒްކުރަން ތައްޔާރު ވަމުން އަންނަ ބިރުވެރި މަޖާ ފިލްމު "40 ޕްލަސް" އަކީ ކޮންމެހެން ވެސް ބަލާލަންޖެހޭ ފިލްމެއް ކަމަށް ފިލްމުގެ އެއް ތަރި އަލީ ސީޒަން ބުނެފިއެވެ.
ރޭ ޓީވީއެމް އިން ދެއްކި ފިލްމީ އުދަރެސް ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސީޒަން ބުނީ، މިދިޔަ އަހަރު ރިލީޒްކުރި "ނޯޓީ 40" އަށް ވުރެއް "40 ޕްލަސް" މާ މަޖާވެފައި ފުރިހަމަވާނެ ކަމަށެވެ.
"މިދިޔަ އަހަރު ގެނައި 'ނޯޓީ 40' އަށް ވުރެއް '40 ޕަލަސް' 250 ޕަސެންޓް މާ ކަމުދާނެ، އެހެންވެ މިބުނަނީ އެއީ މަސްޓް ފިލްމެކޭ ބަލާލަން،" ސީޒަން ބުންޏެވެ.

ފިލްމީ އުދަރެހުގައި "40 ޕްލަސް" ގެ މައުލޫމާތުދެނީ....
ޔޫސުފް ޝަފީއު ޑައިރެކްޓްކޮށްފައިވާ "40 ޕްލަސް" އާ ބެހޭގޮތުން އިތުރަށް ސީޒަން ބުނީ، އެ ފިލްމުގައި ސްޓަންޓް ޑައިރެކްޓަރއެއްގެ ގޮތުގައި އޭނާ މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. މިދިޔަ އަހަރު ގެނެސްދިން "ނޯޓީ 40" ގައި ވެސް ސްޓަންޓް މަންޒަރުތަކެއްގައި ސީޒަން ފެނިގެންދިޔައެވެ. އަދި މަންޒަރުތައް ނަގަން އުޅުމުގެ ތެރޭގައި އޭނާ އަށް ވަނީ އަނިޔާތަކެއް ވެސް ވެފައެވެ.
އިސްމާއިލް ޝަފީގް ޕްރޮޑިއުސް ކޮށްފައިވާ އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ ތ. ބުރުނީގައެވެ. އެ ފިލްމަކީ ރާއްޖޭގެ ސިނަމާތަކަށް އަންނާނެ ފުރަތަމަ ބިރުވެރި މަޖާ ފީޗާ ފިލްމު ކަން ފާހަގަކޮށްލެވެއެވެ.

"40 ޕްލަސް" ގެ ޕޯސްޓަރެއް...
ހޭޝްޓެގް"ދަ ބިގެސްޓް މޫވީ އޮފް ދި 2019" ގެ ގޮތުގައި ޕްރޮމޯޓް ކުރަމުން އަންނަ "40 ޕަލަސް" ގެ ޓްރެއިލާ އެއް ވެސް މީގެ ދުވަސްކޮޅެއް ކުރިން ވަނީ އާންމުކޮށްފައެވެ.
މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ، ނޯޓީ40ގެ ވެސް ލީޑުން ފެނިގެން ދިޔަ، ޔޫއްޕެ، އަހްމަދު ސައީދު، މުހައްމަދު މަނިކު އަދި އަލީ ސީޒަން އެވެ. އެ ފިލްމުގައި އަލަށް ތައާރަފްވާ ހަތަރު ތަރިން ވެސް ފެންނާނެ އެވެ.
ކުޅަދާނަ ބަޠަލާ ފާތިމަތު އާޒިފާ (އަޒޫ)، ޝީލާ ނަޖީބު، އަލީ އާޒިމް (ދޮންއައްޔަ)، މުޙައްމަދު ފައިސަލް އަދި ޔޫއްޕެގެ "ދެވަންސޫރަ"އިން ފިލްމީ ދާއިރާއަށް މުޅިން އަލަށް ތައާރަފްވި މަރިޔަމް ޝިފާ އާއި، މަރިޔަމް ޝަކީލާ، އަހުމަދު އީސަ އަދި އިރްފާނާ އިބްރާހީމް ފަދަ ތަރިންގެ އެކްޓިން ވެސް އެ ފިލްމުން ފެންނާނެއެވެ.