3.8 މިލިއަން ރުފިޔާ މޯލްޑިވިއަންއަށް ނުދެއްކި އެބަ އޮތް: ޕީޕީއެމް

ކެމްޕެއިން ދަތުރުފުޅެއްގައި ޕީޕީއެމްގެ ރައީސް ޔާމީން ކުޅުދުއްފުށީގައި --- ފޮޓޯ/ ރައީސް އޮފީސް

އިދިކޮޅު މައި ޕާޓީ، ޕީޕީއެމް އިން މިދިޔަ ރިޔާސީ އިންތިހާބު ތެރޭގައި ދައްކަން ޖެހޭ ފައިސާތަކުން ބައެއް ފައިސާ ދައްކަވާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް 3.8 މިލިޔަން ރުފިޔާ އަދި ނުދައްކައި އޮތް ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ މެންބަރުން މޯލްޑިވިއަންގެ ބޯޓުތަކުގައި ދަތުރުކުރުމަށް ފަހު، ނުދައްކައި އޮތް 3.8 މިލިއަން ރުފިޔާ ހޯދަން އެ ކުންފުނިން ކޯޓުގައި ވަނީ ދައުވާކޮށްފަ އެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ސަން" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕީޕީއެމް އިން މޯލްޑިވިއަން އަށް ފައިސާ ދައްކަން ޖެހިފައިވާ ކަމަށް ބުނާ ވާހަކީ ތެދު ވާހަކައެއް ކަމަށާއި އޭގެ ތެރެއިން ބައެއް ފައިސާ ދައްކާފާވާ ކަމަށެވެ.

"އަޅުގަނޑަށް މަައުލޫމަތު ލިބޭގޮތުން 3.8 މިލިޔަން ރުފިޔާ އަދި އައިލެންޑް އޭވިއޭޝަންއަށް ނުދެއްކި އެބަ އޮތް. އެ ފައިސާ [ނުދެއްކިފައިވަނީ] މިވަގުތު ޕާޓީގެ ހާލަތު ހުރި ގޮތުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.

https://www.sun.mv/112894

އަދުރޭ ވިދާޅުވީ، އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާތައް އިލެކްޝަންސް ކޮމިޝަނުން ހިފަހައްޓަފާވާ ކަމަށާއި އެ ފައިސާ ލިބުނުހާ އަވަހަކަށް މޯލްޑިވިއަން އަށް ދައްކަން ޖެހޭ ފައިސާތައް ދައްކަވާނެ ކަމަށެވެ.

"ސަރުކާރުން އަޅުގަނޑުމެންނަށް ފައިސާތަކެއް ދޭން އޮއްވައި ކިހިނެތޯ އަޅުގަނޑުމެން ފައިސާ ދައްކާނީ. އަޅުގަނޑުމެންނަށް ސަރުކާރަށް ފައިސާ ދެއްކޭނީ ސަރުކާރުން ދޭން އޮތް ފައިސާ ދިނީމަ ނޫންތޯ،" އަބްދުއް ރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްއަށް ނުދެވި ހުރި ފައިސާ ހިފަހައްޓާފައި ވަނީ އެޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޕީޕީއެމްގެ ހިންގުން ހަވާލުކުރުމަށް އެދި ސިވިލް ކޯޓުގައި މިހާރު ހިނގަމުންދާ މައްސަލައިގައި ވަކި ގޮތެއް ނިމެންދެން ކަމަށް މީގެ ކުރިން އެ ކޮމިޝަންގެ ތަރުޖަމާނު އަދި މެމްބަރު އަކްރަމް "ސަން" އަށް ވަނީ ވިދާޅުވި އެވެ.

https://www.sun.mv/111085

މެމްބަރުންގެ އަދަދަށް ބަލައި ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ދޭން ޖެހޭ ސިޔާސީ ޕާޓީއަކީ ޕީޕީއެމް އެވެ. އެ ޕާޓީއަށް ލިބެން ޖެހޭ ފައިސާއަކީ 11،538،660.13 ރުފިޔާ އެވެ. އެޕާޓީއަށް ނުދީ ހިފަހައްޓާފައި ވަނީ 8،683،477.44 ރުފިޔާ އެވެ.

comment ކޮމެންޓް