ރައީސް އަބްދުﷲ ޔާމިންގެ ވެރިކަމުގައި ފިޝަރީޒް މިނިސްޓަރުކަން ކުރެއްވި، ޑރ. މުހައްމަދު ޝައިނީއާ މެދު އަޅާނެ ފިޔަވަޅަކާމެދު ޕީޕީއެމްގެ ކައުންސިލުން ދަނީ މަޝްވަރާ ކުރެވެމުން ކަމަށް ޕީޕީއެމް އިން ބުނެފި އެވެ.
ރައީސް ޔާމީން ދަތުރުފުޅުކުރެއްވި ފިނިފެންމާ ލޯންޗުކޮޅު ގޮއްވާލި ހާދިސާއާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރެއްވުމަށް ކަމަށް ބުނެ، މިދިޔަ ހަފްތާ ހުކުރު ދުވަހު ޝައިނީ ވަނީ އެމައްސަލާގައި ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށް، މިހާރު ގޭ ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ބައްދަލު ކުރައްވައިފަ އެވެ.
އެ ބައްދަލުކުރެެއްވުމަށް ފަހު، ޝައިނީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ވަރަށް ގިނަ ދުވަސްތަކަށް ފަހު އަދީބާ ބައްދަލުވެއްޖެ ކަމަށާއި ލޯންޗުކޮޅު ގޮއްވާލުމުގައި އަދީބުގެ "ވާޝަން ޕްލައުސިބަލް" [އަދީބު ބުނާ ގޮތް ރީޒަނަބަލް/ގަބޫލު ކުރެވޭ] ކަމަށެވެ.
މިއަދު ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅިގެން "ސަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވީ، އެ މައްސަލަ އެޕާޓީގެ ކައުންސިލުން ބަލަމުންދާ ކަމަށާއި ނަމަވެސް ޝައިނީ އާ މެދު އަޅާނެ ފިޔަވަޅެއް އަދި ނިންމާފައި ނުވާ ކަމަށެވެ.
"މިހާތަނަށް އަދި އެއްވެސް ފިޔަވަޅެއް ނޭޅޭ. ނަމަވެސް އަޅާނެ ފިޔަވަޅަކާމެދު މަޝްވަރާ ކުރެވެމުން ދަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް އެގޮތަށް ވިދާޅުވި އިރު، ޝައިނީ ދެއްކެވި ވާހަކަ އާ ގުޅިގެން އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވަނީ މިދިޔަ ހޯމަ ދުވަހު ޝައިނީ ދައްކަވާ ވާހަކަތައް ޕީޕީއެމް ކައުންސިލަށް ސާފުކޮށްދީ، އެ ކައުންސިލުން އެ މައްސަލަ ބެލުމަށް ގޮވާލައްވާފައެވެ.
ރިޔާސީ ލޯންޗްކޮޅު ގޮއްވާލިއިރު ލޯންޗުކޮޅުތެރޭ އިންނެވި، ޝައިނީ އަށް ވަނީ ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރުމަށް ޕީޕީއެމްގެ ޓިކެޓް ލިބިވަޑައިގެންފަ އެވެ.