ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލުު ހުކުމް ސުޕްރީމު ކޯޓުން ބާތިލް ކޮށްފިއެވެ.
ނާޒިމްގެ މައްސަލަ ނިންމުމަށް މިރޭ ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ވިދާޅުވީ ނާޒިމްގެ މައްޗަށް ކްރިމިނަލް ކޯތުންކުރި ހުކުމާއި އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށް ކުރި ހުކުމަކީ ބާތިލް ހުކުމެއް ކަމަށެވެ.
އެ ހުކުމުގައި ފާހަގަކޮށްފައި ވަނީ ނާޒިމްގެ އެޕާޓުމެންޓުން ފެނުނު ތަކެތި ލާފައިވާ އެވިޑެންސް ބޭގުގައިއޮތް އެއްޗެއް ނާޒިމްގެ އެޕާޓްމެންޓުގައި ތިބި ބަޔަކަށް ދެއްކި ކަމަށް އެނގެން ނެތް ކަމަށެވެ.
ފިންގާ ޕްރިންޓާ ގުޅޭ ރިޕޯޓުގައި އެ ތަކެތީގައި ނާޒްމގެ ފިންގާ ޕްރިންޓު ހުރިކަމަށް އެނގެން ނެތްކަމާއި ދައުވާގައި ބުނާ އެއްވެސް ކަމެއް ސައިންޓިފިކަލީ އޭނާ އާ ގުޅުވޭނެ އެއްވެސް ގޮތެއް އެ ރިޕޯޓުގައި ނެތްކަމަށްވެސް ހުުމުގައި ވެއެވެ.
ސުޕްރީމު ކޯޓުގެ ހުކުމުގައި ވަނީ ނާޒިމްގެ ކޮޓެރިން ފެނުނު ޕެން ޑްރައިވްގައި ހުރި މައުލޫމާތަށް ބެލިއިރު ނާޒިމް ބަޑި ގެންގުޅުނު ކަމުގެ އެކަށީގެންވާ ހެއްކެއް ނެތްކަމަށާއި ނާޒިމް ފުލުހުންނަށް ދިން ތަހުގީގު ބަޔާނުންވެސް އެފަދަ ހެއްކެއް އަދި ގަރީނާއެއް ފެންނަން ނެތް ކަމަށެވެ.
ފުލުހުން ތަންތަން ބަލާ ފާސްކުރަން ދާއިރު ދާންޖެހެނީ ކޯޓު އަމުރުގެ ކޮޕީއަކާއެކު ނަމަވެސް ނާޒިމްގެ ގެއަށް ފުރަތަމަ ވަތް ސްވޮޓު ޓީމުން އެ ގެއަށް ވަދެފައިވަނީ ކޯޓު އަމުރާ އެކު ނޫން ކަމަށާއި އެހެންކަމުން ނާޒިމްގެ ގެއިން ނެރުނު ތަކެތި ނެރުނީ ފުލުހުންގެ ގަވައިދާ އެއްގޮތަށް ނޫންކަމަށް ހުކުމުގައިވެއެވެ.
އެ ހުކުމުގައި ވަނީ ކުރީގެ ނައިބު ރައީސް އަދީބު ދީފައިވާ ބަޔާންތަކުން ނާޒިމްގެ މައްސަލައަށް ކުރިން ނޭނގޭ މައުލޫމާތު އެނގިފައިވާ ކަމަށާޢި އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލުން ކުރިން އަޑުއެހުމުގައި ދެއްކި ވާހަކަތަކުންނާއި އަދީބުގެ ވާހަކަ ތަކުން ނާޒިމްގެ މައްސަލައަށް ބަދަލު އަންނާނެ ކަމަށް ދައުލަތަށްވެސް ގަބޫލު ކުރެވޭ ކަމަށެވެ.
އަދު ނާޒިމްގެ ކޮޓަރިން ފެނުނުކަމަށް ބުނާ ބަޡީގެ ފިންގާ ޕްރިންޓު ރިޕޯޓުގައި އަދީބުގެ ފިންގާ ޕްރިންޓު އޮތްކަމީ ނާޒިމް އާ އެއްކޮޅަށް އޮތް ހަރުދަނާ ގަރީނާއެއް ކަމަށް ހުކުމްގައި ވެއެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް ނާޒިމްގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވީ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުކަމުގެ ދައުވާ ސާބިތުކުރުމަށްފަހުއެވެ.