އިންޑިއާގައި ރައީސް ސޯލިހު ހުންނަވާނީ ރިޔާސީ ގަނޑުވަރުގައި

ރައީސް ސޯލިހާއި މޯދީގެ ބައްދަލުކުރެއްވުމަށްފަހު ރައީސް އޮފީހުން ނިކުމެ ވަޑައިގަންނަވަނީ -- ފޮޓޯ: ޓްވީޓާ

އަންނަ ހޯމަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި ހުންނަވާނީ އެގައުމުގެ ރިޔާސީ ގަނޑުވަރުގައި ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ނަން ހާމަކޮށްފައި ނުވާ އޮފިޝަލުންނާ ހަވާލާދީ އިކޮނޮމިކް ޓައިމްސްގައިވާ ގޮތުން އެއީ އިންޑިއާއިން ރާއްޖޭގެ އާ ލީޑަރަށް ހޫނު މަރުހަބާއެއް ކިޔުމުގެ ގޮތުން ނިންމި ނިންމުމެކެވެ. އަދި އެގަނޑުވަރުގައި ތިއްބަވަން އިންޑިއާއިން ދައުވަތު އަރުވަނީ، ބޫޓާންގެ ރަސްގެފާނާއި ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝޭހު ހަސީނާ ފަދަ އިންޑިއާއިން ގާތް ގުޅުމެއް ބާއްވާ ފަރާތްތަކަށް ކަމަށްވެސް އެނޫހުގައިވެ އެވެ.

ރައީސް ސޯލިހު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ މިދިޔަ މަހުގެ 17އިގައި ވެރިކަމަށް ވަޑައިގެންނެވި ފަހުން ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

އިކޮނޮމިކް ޓައިމްސްގައިވާ ގޮތުން އެދަތުރުފުޅުގައި ދެގައުމުން މަޝްވަރާ ކުރާނެ ކަންތައްތަކުގެ ތެރޭގައި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމަށް ބޭނުންވާ ވިސާ ފަސޭހައިން ލިބޭނެ ގޮތް ހަމަޖެއްސުން ހިމެނެ އެވެ. އެގޮތުން އިންޑިއާގެ ރައްޔިތުންނަށް ފަސޭހައިން ބިޒްނަސް ވިސާ ލިބޭނެ ގޮތް ހަދަން ރާއްޖެއިން ވިސްނާފައިވާ ކަމަށް އީޓީގައިވެ އެވެ.

މީގެ އިތުރުން އިންޑިއާގެ ޕްރައިވެޓް ކުންފުނިތަކަށް ރާއްޖޭގައި އިންވެސްޓު ކުރުމަށް ހުއްދަ ދެވޭނެ ބައިލެޓެރަލް އިންވެސްޓްމެންޓް ޓްރީޓީ ނިންމުމަށް އިންޑިއާ އާއި ރާއްޖެއިން ރާވާފައިވާ ކަމަށް ވެސް އީޓީގައިވެ އެވެ.

އަދި ރާއްޖޭގެ ރަށްތަކުގައި ސިއްހީ، އުމްރާނީ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް އެހީ ފޯރުކޮށްދޭން އިންޑިއާއިން ނިންމާފައިވާ ކަމަށްވެސް އެނޫހުން ބުނެ އެވެ.

comment ކޮމެންޓް