ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ އީއައިއޭ އެޕްރޫވްކުރުން އީޕީއޭއަށް އަލުން ދޭން ފާސްކޮށްފި

ކ. އެނބޫދޫފަޅު ހިއްކައިގެން އެތަނުގައި ތައިލެންޑުގެ ކުންފުންޏަކުން ކުރިއަށް ގެންދާ "ކްރޮސްރޯޑްސް މޯލްޑިވްސް" އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް މަޝްރޫއު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފަތުރުވެރި ކަމަށް ދޫކުރާ ރަށްތަކުގެ އެންވާރަމަންޓް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓުތައް އެޕްރޫވްކުރުމުގެ މަސައްކަތް އެންވާރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)އަށް އަލުން ދޭން ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް މަޖިލީހުން ފާސްކޮށްފިއެވެ.

ފަތުރުވެރިކަމަށް ދޫކުރާ ރަށްތައް ދޫކުރާއިރު އީއައިއޭ އެޕްރޫވްކުރުމުގެ މަސައްކަތް އީޕީއޭގެ ދަށަށް ބަދަލުކުރުމަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ފާސްކުރީ ވޯޓުގައި ބައިވެރިވި 60 މެމްބަރުންގެ އިއްތިފާގުންނެވެ.

ޓޫރިޒަމް ގާނޫނަށް މި އިސްލާހު ގެނައުމަށް މަޖިލީހަށް ހުށަހެޅީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ޗީފް ވިޕް އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރެވެ.

ފަތުރުވެރިކަމަށް ރަށްތައް ދޫކުރާއިރު އީއައިއޭ އެޕްރޫވްކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ދީފައި އޮތީވެސް އީޕީއޭއަށެވެ. ނަމަވެސް ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޓޫރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިރު އެ ބާރު ވަނީ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް ނެގުމަށް ގާނޫނު ބަދަލުކޮށްފައެވެ.

ޓޫރިޒަމަށް ތަރައްގީކުރާ ރިސޯޓުތަކުގެ އީއައިއޭ ރިޕޯޓުތައް އެޕްރޫވްކުރުން ޓޫރިޒަމް މިނިސްޓްރީގެ ދަށަށަށް ބަދަލުކޮށްފައި އޮތް ދުވަސްވަރު، އެކަމާ ބެހޭ ރިޕޯޓުތައް އާންމުކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް