ޝެންގަން: ޔޫރަޕުގެ ދަތުރުފަތުރުގެ ސަގާފަތް ބަދަލު ކޮށްލި ކުޑަކުޑަ އަވަށް

ލަގްޒަމްބާގުގެ ޝެންގަން --

ޗުއްޓީ ހޭދަ ކުރުމަށާއި ތަފާތު އެކި ކަންކަމުގައި ދަތުރުފަތުރު ކުރުމަކީ ޒަމާނުއްސުރެ ޔޫރަޕުގެ މީހުންގެ ސަގާފަތުގައި ވަރަށް ބޮޑު އަހަންމިއްޔަތެއް ދީފައި އޮންނަ ކަމެކެވެ.

ޔޫރަޕުގެ ދަތުރުވެރީންނާއި ފަތުރުވެރީންނަށް މީގެ 33 އަހަރު ކުރީން ކުރިމަތިވެފައި އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ގައުމުތަކުގެ އިން ވަކި ކުރާ ބޯޑަރުތަކާއި ވިސާގެ މައްސަލައެވެ. އެހެންނަމަވެސް މިއަދު ޔޫރަޕުގެ ކުދި ގައުމުތައް ހުރަސްކޮށް އަވައްޓެރި އެހެން ގައުމަކަށް ދަތުރު ކުރާ އިރު ކުޑަ ގައުމެއްގެ ސަރަހައްދަށް ވަދެވުނު ކަން ވެސް ގިނަ ފަހަރަކު ނޭނގެއެވެ.

މިސާލަކަށް ލަގްޒެމްބާގަށް ބަލާ ނަމަ، އެ ގައުމުގެ އެންމެ ފުޅާ ހިސާބުގެ އެއްކޮޅުން އަނެއް ކޮޅަށް ކާރުގައި އެއް ގަޑި އިރުން ހުރަސް ކުރެވޭނެއެވެ. ދަތުރުކުރަމުން ދާ މީހާއަށް ނުވެސް އެނގި ހުއްޓައި އޮންނާނީ ވަށައިގެން ހުރި ގައުމުތައް ކަމުގައިވާ ފަރަންސޭސިވިލާތާއި، ޖަރުމަނުވިލާތާއި، ބެލްޖިއަމުގެ ތެރެއިން ކޮންމެވެސް އެއް ގައުމަކަށް ވަދެވިފައެވެ. އެ ގައުމުތަކުގެ އިން ވަކި ކުރާ ބޯޑަރުތަކަކީ ކޮބައި ކަން މާ ފާޅުކަން ބޮޑު ގޮތެއްގައި ފާހަގަ ވާ ކަށް ނުވެސް އޮވެއެވެ.

މި ގޮތަށް މި ކަން ހަމަޖެހިގެން ދިޔައީ މީގެ ތިރީހަކަށް އަހަރު ކުރީން ލަގްޒަމްބާގުގެ އެންމެ އިރުދެކުނުގައި އޮންނަ ކުޑަކުޑަ އަވަށެއް ކަމުގައި ވާ ޝެންގަންގައި ސޮއި ކުރެވުނު އެއްބަސްވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. "ޝެންގަން އެއްބަސްވުމު"ގެ ގޮތުގައި މަޝްހޫރު ވެފައި ވާ މި އެއްބަސްވުމުގެ ސަބަބުން ޔޫރަޕުގެ ތެރޭގައި ކުރެވޭ ދަތުރުފަތުރުތަކަށް ވަނީ ވަރަށް ބޮޑު ލުއިފަސޭހަ ކަމެއް ލިބިފައެވެ. އަދި މިއަދާ ހަމަޔަށް ވެސް އެކަން އޮތީ އެ ގޮތަށެވެ.

ލަގްޒަމްބާގަކީ ޔޫރަޕުގެ ގައުމުތަކުގެ ނިސްބަތުން ވަރަށް ކުޑަކުޑަ ގައުމެއް ނަމަވެސް، ވިލާތުގެ އިއްތިހާދުގައި ލަގްޒަމްބާގުގެ ދައުރު ކުޑައެއް ނޫނެވެ. ވިލާތުގެ އިއްތިހާދުގެ އިދާރީ ކަންކަމަށް ހާއްސަކޮށްފައި ތިން ޝަހަރުގެ ތެރޭގައި ލަގްޒަމްބާގުގެ ލަގްޒަމްބާގު ސިޓީ ހިމެނެއެވެ. އެއީ ބްރަސަލްސްއާއި ސްޓްރަސްބާގުގެ އިތުރުންނެވެ. ޝެންގަން އެއްބަސްވުން އެކުލަވައިލުމުގައި ވެސް ލަގްޒަމްބާގުގެ ދައުރު ވަރަށް ބޮޑެވެ.

ގާތްގަނޑަކަށް 520 ވަރަކަށް މީހުންގެ އާބާދީއެއް އޮންނަ ޝެންގަން އަކީ ޝެންގަން އެއްބަސްވުމުގެ ކުރީން އެހެން ގައުމުތަކުގެ މީހުން ދަންނަ ނަމެއް ނޫނެވެ.

ފަރަންސޭސިވިލާތާއި ބެލްޖިއަމްއާއި ހުޅަނގު ޖަރުމަނުގެ އިތުރުން ލަގްޒަމްބާގާއި ނެދަލޭންޑުގެ ވެރީން ޝެންގަންގައި 1985 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ސޮއި ކުރި އެއްބަސްވުމުގެ ސަބަބުން "ޝެންގަން ސަރަހައްދު"ގެ ނަމުގައި ވިސާއާ ނުލައި ދަތުރުފަތުރު ކުރެވޭ އަދި ބޯޑަރުތައް އުވާލެވިފައި ވާ ސަރަހައްދެއް ކަނޑައެޅުނެވެ. އަދި މި އެއްބަސްވުމުގައި ގައުމުތައް ބައިވެރި ވަމުން ދާ ވަރަކަށް މި ސަރަހައްދު ދާނީ ފުޅާ ވަމުންނެވެ. މީގެ ސަބަބުން ޔޫރަޕުގެ ގައުމުތަކުގެ އިގްތިސޯދު ވަރަށް ބޮޑަށް ރަނގަޅު ވެ، ދޭދޭ ގައުމުތަކުގެ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް ރަނގަޅު ވެގެން ދިޔަ ކަމަށް ދިރާސާތަކުން ދައްކައެވެ.

ޔޫރަޕުގެ ދަތުރުފަތުރު ކުރުމުގެ ސަގާފަތަށް ބޮޑު ބަދަލެއް ގެނެސް، އެ ސަގާފަތް ބަދަލު ކޮށްލީ ޝެންގަން އެއްބަސްވުމެވެ. ޝެންގަން އަކީ ކިތައްމެ ކުޑަ އަވަށެއް ނަމަވެސް ޔޫރަޕު މީހުންގެ ދަތުރުފަތުރުގެ ސަގާފަތް ބަދަލުކޮށްލުމުގައި ޝެންގަންގެ ދައުރު ވަރަށް ބޮޑެވެ.

comment ކޮމެންޓް