އއ.ގެ ދެ ރަށަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންފި އެވެ.
މިއަދު ހެނދުނު ފެއްޓެވި އެ ދަތުރުފުޅުގައި ރައީސް އެންމެ ފުރަތަމަ ވަޑައިގަތީ އެ އަތޮޅު އުކުޅަހަށެވެ.
އުކުޅަހަށްވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދެއްކެވުމަށް ފަހު އެ ރަށުގައި ހުރި ސަރުކާރުގެ ހުރިހާ އިދާރާއަކަށް ވަޑައިގަތް އެތަން ތަނަށް ދިމާވެފައިވާ ދަތިތައް އޮޅުން ފިލުވައި ހެއްދެވި އެވެ. އަދި އުކުޅަހުހެ ވިޔަފާރި ވެރިންނާއި އިސް މަސްވެރިންނާ ވެސް ބައްދަލު ކުރެއްވި އެވެ.
އުކުޅަހުން މެންދުރު ފަރިއްކުޅުވުމަށް ފަހު ދެން އެމަނިކުފާނު ވަޑައިގަތީ އެ އަތޮޅު ފެރިދޫއަށެވެ. ފެރިދޫ ރައްޔިތުންނާ ބައްދަލަކުުރައްވައި އެ ރަށު ރައްޔިތުންނަށް ދިމާވެފައިވާ ފެނާއި ނަރުދަމާގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ރައީސް އަރިއަތޮޅަށް ވަޑައިގަތީ ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތުމަށް އެމަނިކުފާނު ފައްޓަވާފައިވާ ޕްރޮގްރާމްގެ ތެރެއިންނެވެ. އަދި ވިދާޅުވީ، އެންމެ އިސްކަމެއް ދީގެން ފުރަތަމަ ވަޑައިގަންނަވާނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވަޑައިނުގެންނެވޭ ރަށް ރަށަށް ކަމަށެވެ.