އިއްޔެ މާލެއިން 775 ޓަނުގެ ކުނި ނެގި

އިއްޔެ ކުރިއަށް ގެން ދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --- ފޮޓޯ: އެންވަޔަރަމެންޓް މިނިސްޓްރީ

"ސާފު ރާއްޖެ- އަހަރެންގެ ވެސް ޒިންމާ" ކެމްޕެއިނު ފެށުމަށް އިއްޔެ ކުރިއަށް ގެންދިޔަ ހަރަކާތުގައި މާލޭ ސިޓީ އިން އެކަނި 775 ޓަނުގެ ކުނި ނަގާފައިވާ ކަމަށް ވޭސްޓް މެނޭމޖުމެންޓް ކޮމްޕެނީ (ވެމްކޯ) އިން މިއަދު ބުނެފި އެވެ.

އިއްޔެގެ ހަރަކާތާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވެމްކޯގެ ވޭސްޓް ކަލެކްޝަން މެނޭޖަރު މުހައްމަދު ޝާން ވިދާޅުވީ އިއްޔެ މާލެ ސަރަހައްދުން އެއްކުރި ކުނީގެ ތެރެއިން 40 ޕަސެންޓަކީ ޕްލާސްޓިކް ކަމަށެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި އިއްޔެ ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމަކީ ސަރުކާރުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ސަރުކާރުން ނިންމާފައި ވަނީ މި ޕްރޮގްރާމަކީ ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމަކަށް ހެދުމަށެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ސާފުކުރުމުގެ ޕްރޮގްރާމެއް އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު މަގުމައްޗަށް ކުނިއަޅާ މީހުން ދެނެގަނެ އެމީހުންގެ ނަން ހާމަކުރުމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އިން ވަނީ ނިންމައިފަ އެވެ.

ރޭގެ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ގަވައިދާ ހިލާފަށް ކުޅިއަޅާ މީހުން ދެނެގަތުމުގެ މަސައްކަތް އެ އޭޖެންސީން ކުރަމުންދާ ކަމަށެވެ. އެގޮތުން މަގުމައްޗަށް ކުނިއެޅުން ހުއްޓުވުމަށް މިހާރު ވެސް ފުލުހުން ހަރަކާތްތެރި ވަމުންދާކަން ނައީމް ފާހަގަ ކުރެއްވި އެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ސާފުކުރުމުގެ ޕްރޮގްރާމްގެ ތެރެއިން -- ސަން ފޮޓޯ: ފަޔާޒު މޫސާ

ނައީމް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އީޕީއޭގެ މުވައްޒަފުން ނުކުމެ ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ. އެގޮތުން ކުނި އެއްކޮށްފައި ހުންނަ ހިސާބުތަކާއި މަގުމަތީގައި ކެމެރާ ބަހައްޓައި ކުނިއަޅާ މީހުން ދެނެގަނެ ފިޔަވަޅުއަޅައި އެފަދަ މީހުންގެ ނަން ހާމަކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް