ހާލު ސީރިއަސްވި މީހާ ގެނައީ މާލެ

ފީނައިގެން ހާލު ދެރަވި މީހަކަށް ފަރުވާ ދެނީ-- ފޮޓޯ: އެމްއެންޑީއެފް

ވައިފުޅި އަޅައިގެން، އެން ހިފަން ފީނަން އުޅުމުގެތެރޭގައި ޑީކޯވި ތިން މީހުންގެ ތެރެއިން ހާލު ސީރިއަސްވި މީހާ އިތުރު ފަރުވާއަށް ބަނޑޮސް އައިލެންޑް ރިސޯޓަށް ގެންދަން ނިންމި ނަމަވެސް ބަނޑޮހަށް ނުގެން ގޮސް އޭނާ އަށް އިތުރުފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ރޭ ފަތިހު، ގދ. އަތޮޅު "އައުޓްރިގާ ކޮނަންޓާ މޯލްޑިވްސް ރިސޯޓް" ކައިރިޔަށް "ހުޝިޔާރު" ނަމަކަށް ކިޔާ ދޯނިން އެންހިފުމަށްޓަކައި ފޭބި ހަތަރު މީހުންގެ ތެރެއިން ޑީކޯވި އެކަކު މިއަދު ހެނދުނު ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ހާލު ދެރަވި، އުމުރުން 24 އަހަރުގެ އަހުމަދު ޝާކިރު ވަނީ ގދ. ތިނަދޫ، އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު، މިއަދު ހެނދުނު އިތުރު ފަރުވާއަށް މާލެ ފުރުވާލާފައެވެ. އޭނާ އަށް އިތުުރު ފަރުވާދިނުމަށް ބަނޑޮހަށް ގެންދިއުމަށް ފަހުން ނިންމިއެވެ.

ނަމަވެސް އެމްއެންޑީއެފް އިން ބުނީ އޭނާ މިހާރު މާލެ ގެެނެސް އައިޖީއެމްއެޗުގައި ފަރުވާ ދެމުންދާ ކަމަށެވެ.

ތިނަދޫ ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރ އާމިނަތު ޢަބްދުލްޙަކީމް "ސަން" އަށް ވިދާޅުވީ، ހާލު ދެރަވި ޝާކިރު، އެމްއެންޑީއެފްގެ ލޯންޗެއްގައި މާލެ ފުރުވާލީ މިއަދު ހެނދުނު 11:30 ހާއިރު ކަމަށެވެ. އޭނާ ވިދާޅުވީ އެފަދަ ކޭސް ތަކުގައި ބަލި މީހުންނަށް އެހާ މަތީ އުސްމިނެއްގައި ދަތުރު ނުކުރެވޭނެ ކަމަށާއި ކަނޑު މަގުން ޝާކިރު މާލެ ފޮނުވާލީ އެހެން ވެގެން ކަމަށެވެ.

އަދި އެ އަތޮޅުގައި ބަލި މީހުން ކަނޑުމަގުން މާލެ ފޮނުވާނެ އުޅަނދެއް ނެތުމުން އެމްއެންޑީފް ލޯންޗްގައި އޭނާ ތ. ވޭމަންޑުއަށް ގެންގޮސް، އެރަށުން ސީއެމްބިއުލާސްގައި މާލެ ގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

އާމިނަތު ވިދާޅުވީ، ޝާކިރު ސްޓޭބަލް ކަމާށާއި ނަމަވެސް ވީހާވެސް އަވަހަށް އޭނާއަށް ފަރުވާ ބޭނުންވާ ކަމަށެވެ. އެގޮތުން ޑީކޮމްޕްރެޝަން ޗެމްބާއަށް ޝާކިރު ލާން ޖެހޭ ކަމަށާއި ނަމަވެސް އައިޖީއެމްއެޗްގައި އެފަދަ ވަސީލަތެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ބަނޑޮހަށް ގެންދަން ނިންމީ ބަނޑޮހުގައި ހުންނަ ޑީކޮމްޕްރެޝަން ޗެމްބާގައި ފަރުވާ ދިނުމަށް ކަމަށް އެމްއެންޑީއެފް އިން ކުރިން ބުންޏެވެ.

މި ހާދިސާ ތިނަދޫ ޕޮލިސް ސްޓޭޝަނަށް ރިޕޯޓް ކޮށްފައިވަނީ ރޭ ފަތިހު 5:14 ހާއިރުއެވެ. ހާދިސާގައި އެންނެގުމަށް ފޭބި އަނެއް ދެމީހުންގެ ހާލު ރަނގަޅެވެ.

comment ކޮމެންޓް