އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ފުއާދު ތައުފީގު މަޖިލީހަށް

ފުއާދު: އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކުރައްވާފައި -- ސަން ފައިލް ފޮޓޯ

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު ނިންމަވައިފި އެވެ.

އެކަން ހާމަކޮށް ފުއާދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަމިއްލަ ކަންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާއަށް ކުރިމަތިލުމަށް ގަސްތުކުރާތީ އެކަން އެ ދާއިރާގެ ރައްޔިތުންގެ އަރިހުގައި ދަންނަވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް ފުއާދު އެ މަގާމުން ވަކިކޮށްފައިވަނީ 2014 ވަނަ އަހަރު ސުޕްރީމް ކޯޓުންނެވެ.

އަދި އޭނާގެ މައްޗަށް އޭރު ވަނީ ހަ މަހުގެ ޖަލު ހުކުމެއް އިއްވައި، ތިން އަހަރު ވަންދެން އިތުރު ކުށެއް ނުކުރާނަމަ އެ ހުކުމް ތަންފީޒު ކުރަން ނުޖެހޭނެ ކަމަށް ކަނޑައަޅާފައެވެ.

އީސީގެ ރައީސްގެ މަގާމުން ފުއާދު ދުރުކުރުމާއެކު އޭނާ ވަނީ އާއިލާއާ އެކު ދިރިއުޅުން އަވައްޓެރި ސްރީ ލަންކާއަށް ބަދަލު ކުރައްވާފަ އެވެ. އަދި އެނބުރި މާލެ ވަޑައިގަތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމުދު ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވި ފަހުންނެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބްގައި އޭރުގެ އިދިކޮޅު ކޯލިޝަނުން އެއް ކެނޑިޑޭޓަކު ނެރުމުގެ ބަހުސް ކުރަމުން ދިޔަ އިރު އެކަމަށް އެކަށީގެންވާ މީހުންގެ ތެރޭގައި ފުއާދު ތައުފީގު ގެ ނަން ވެސް ބައެއް ފަރާތްތަކުން އައީ ހިމަނަމުންނެވެ. އަދި އެކަމަށް ތައްޔާރަށް ހުރި ކަމުގެ އިޝާރާތްތަކެއް ވެސް ފުއާދުގެ ފަރާތުން ވަނީ އޭރު ލިބިފަ އެވެ.

comment ކޮމެންޓް